މުސާރައާއި އިނާޔަތްތަކަށް ހެޔޮ ބަދަލެއް ގެނެސްދިނުން ލަސްވަމުންދާތީ ޓީޗަރުން އަމަލުކުރިގޮތް

ރަނގަޅު
ރަނގަޅެއްނޫން

ނަތީޖާ ބައްލަވާ

ލަވަ މުބާރާތުގެ މަގުސަދު ހާސިލްވެދާނެބާ؟

އަންވަރު އިބްރާހިމް މޭއި 6، 10:59 0 ޚިޔާލު

އެންމެ ފަހުން އިންޓަރ ސްކޫލް ލަވަމުބާރާތެއް ބޭއްވީ 2006 ވަނަ އަހަރެވެ. އޭގެ ފަހުން ވާދަވެރި ގޮތެއްގައި މާލޭ ސްކޫލުތަކުގެ މެދުގައި ލަވަ މުބާރާތެއް ނުބޭއްވެ އެވެ. ނަމަވެސް ނެޝަނަލް ސެންޓަރ ފޮރ ދިއާޓްސް )އެންސީއޭ( އިން މިއަހަރު ލަވަ މުބާރާތެއް ބޭއްވުމަށް ހަމަޖައްސާ އެކަން ވަނީ އާއްމުކޮށް ސްކޫލުތަކަށްވެސް އަންގާފަ އެވެ.

ލަވަ މުބާރާތް ފެށުމަށް ކުޑަތަންވަމުން ދަނިކޮށް އިވިގެން ދިޔައީ މިއަހަރުގެ ލަވަ މުބާރާތުގައި ސްކޫލުތަކުން ބައިވެރި ނުވާނެ ކަމުގެ ޚަބަރެވެ. މި ޚަބަރާއެކު ދެން ފެނިގެންދިޔައީ އެޑިއުކޭޝަން މިނިސްޓްރީން ދައްކާ ވާހަކަތަކަކީ ކަމުގެ ހަގީގަތް އޮޅުވާލާ މުބާރާތަށް ހުރަސް އެޅުމުގެ ގޮތުން ދައްކާ ވާހަކަތަކެއްކަމަށް އެންސީއޭއިން ނެރުނު ނޫސް ބަޔާނެވެ.

އެންސީއޭ އިން ދައްކާ ވާހަކަތައް ގަބޫލު ކުރެވެއެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީން ދައްކާ ވާހަކަތައް ވެސް ގަބޫލު ކުރަންޖެހެ އެވެ.

މީގެ ކުރީގެ އަހަރުތަކުގައި ދިވެހިރާއްޖޭގެ އަޑުން އިންތިޒާމްކޮށްގެން އަތޮޅުތަކުގެ ސްކޫލް ކުދިންގެ ލަވަ މުބާރާތެއް ކޮންމެ އަހަރަކު ސްކޫލް އަހަރީ ޗުއްޓީގައި ބާއްވަވާފައިވެ އެވެ. ވަގުތު ކުޑަތަން ވެފައި ވަނިކޮށް މުބާރާތް ކުރިއަށް ގެންގޮސްފައިވެސް ވެއެވެ. މާލޭގައި ބޭއްވޭ މުބާރާތްވެސް މިފަދަ ދަތިގޮތަކަށް ބާއްވާފައި އެބަވެއެވެ. ކުދިންގެ ކިޔެވުމަށް އަސަރުކުރާ ގޮތަށް އެކަން ކޮށްފައި އެބަވެއެވެ. އެހެންކަމުން އެންސީއޭއިން ދައްކާ ވާހަކަ ގަބޫލުކުރުމުގެ ޖާގަ އެބައޮތެވެ. މުބާރާތް ބާއްވާ ދުވަސްވަރު ހަމަޖެއްސީ މިނިސްޓްރީގެވެސް ލަފާގެ މަތިންކަމަށް ވެއެވެ. އަދި ކަލަންޑަރުގައިވެސް ހިމަނާ މަޝްވަރާތައް ކުރުމަށް ފަހުގައި ކަމަށް ވެއެވެ. އެހެންކަމުން ސްކޫލުތައް ބައިވެރި ނުވުން, ނުވަތަ ތައްޔާރުވާން ވަގުތު ނުލިބުން އެއީ އަދި އެހެން މައްސަލަ އެކެވެ.

އެހެނެއް ނޫނެވެ. މިނިސްޓްރީއަށް އެއީ ބޭނުންތެރި ކަމެއް ގޮތުގައި ނުފެންނަނަމަ ބައިވެރި ނުވުން އެއީ އެންމެ ރަނގަޅު ގޮތެވެ. ކޮންމެހެން ލަވަ މުބާރާތެއް ބާއްވާ އޭގައި ސްކޫލްތަކުގެ ދަރިވަރުން ބައިވެރިވާން ޖެހޭ ހެއްޔެވެ؟

މިސުވާލު އުފެދުމުން ސްކޫލުތަކުގައި މި ބާއްވާ މިއުޒިކް ގަޑި މަތިން ހަނދާން ވެއެވެ. އެގަޑީގެ ބޭނުމެއް އޮންނަ ނަމަ, ލަވަ މުބާރާތުގައި ބައިވެރިވުން އެއީ މަޖްބޫރު ކަމެކެވެ. އެގަޑީގެ މަގްސަދު މިހާރު ކުރިއަށް ދާގޮތުން ހާސިލްވާކަމަށް ވާނީ ލަވަމުބާރާތެއްވެސް ބާއްވާ އެކުދިންނަށް ފުރުސަތު ދިނީމަ އެވެ. އެހެން ނޫންނަމަ މިއުޒިކް ގަޑީގެ ނަމުގައި ގަޑިއެއް ބޭއްވުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ގައިމު ހުރިހާ ކުދިން ލަވައެއް ނުކިޔާނެއެވެ؟ މިއުޒީޝަނަކަށްވެސް ނުވާނެ އެވެ؟

ހަގީގަތަށް ބުނާނަމަ ހުރިހާ ސްކޫލުތަކަށް ހުޅުވާލައިގެން ލަވަ މުބާރާތެއް ބޭއްވިޔަސް އޭގެ އެއްވެސް މަގުސަދެއް ހާސިލެއް ނުވާނެ އެވެ. ލަވަމުބާރާތަށް ތައްޔާރުކޮށް ދިނުމުގެ މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ނުކުރެވުމެވެ. އެކަމަށް ވަގުތު ނުދެވުމެވެ. އެކަމަށް ހޭދަކުރަން ބޭނުން ނުވުމެވެ. ދަރިވަރުންނާއި މުދައްރިސުންގެ ‘ބިޒީ’ ކަމެވެ. މިހެންގޮސް ކިތަންމެ ކަމެއް ދެންނެވިދާނެ އެވެ. ހަގީގަތުގައި އިންޓަ ސްކޫލް ލަވަމުބާރާތުގެ މަގްސަދު ފާއިތުވީ ދުވަސްތަކުގައި ހާސިލްވެފައި ނެތްކަން ހާމަވާ އެންމެ ބޮޑު އެއްހެއްކަކީ ތޭރަވާ ފަދަ ގިނަ, ލަވަކިޔުންތެރީން ތަކެއް ފެނިފައި ނުވުމެވެ.

އަޅުގަނޑުގެ ނަޒަރުގައި އެންސީއޭ އިން ކުލާސްތަކާއި ކޯސްތައް ހިންގާ އެފަރާތްތަކަށް ހުޅުވާލައިގެން ލަވަމުބާރާތް ހިންގައިފިނަމަ އޭގެ ނަތީޖާ ވަރަށް ފޮނިވާނެ އެވެ. ކުދިންތަކަކަށް ތަމްރީނުދީ އެކުދިންނަށް މުބާރާތް ބާއްވައިފި ނަމަ މާ ކާމިޔާބު ވާނެ އެވެ. މުބާރާތުގެ މަގްސަދާ ހަމައަށް މާފަސޭހައިން ދެވޭނެ އެވެ. އޭރުން މުބާރާތުގައި ލަވަކިޔާނީ އެކަން ކުރަން ބޭނުންވާ ކުދިން ނެވެ. މުސްތަގްބަލްގައިވެސް އެކަންކުރުމަށް އެދޭ ކުދިން ނެވެ.

އެންސީއޭގެ ލަވަ މުބާރާތަށް ސްކޫލްތަކުގެ ސަޕޯޓް އެންމެ ފުރިހަމައަށް ނުލިބުމަކީވެސް ވެދާނެ ގޮތެކެވެ. ޓީވީން ލައިވް ކުރުމުން އެލިބޭ ހިތްހަމަ ޖެހުން ބެލެނިވެރިންނަކަށް ނުލިބޭނެ އެވެ. އަދި ކުދިންނަކަށްވެސް ނުލިބޭނެ އެވެ. ލަވަ މުބާރާތަށް އަރާ ގިނަ ކުދިން އަރަނީ ނުވަތަ އަރުވަނީ ޓީވީންވެސް ފެންނާނެތީ ކަންނޭނގެ އެވެ. ތިމާމެންނަށް ނުލިބޭވަރުގެ ރީތި ހެދުން އަޅުވަނީ އެނިޔަތުގައި ކަމަށް ވެދާނެ އެވެ. އެހެން ކަމުން މަގުސަދު ތަފާތުވެއެވެ. އެންސީއޭގެ މަގްސަދާއި ލަވަމުބާރާތުގައި ބައިވެރިވާން ތިބި ކުދިންނާއި އެކުދިންނަށް ހިތްވަރުދޭން ތިބި މީހުންގެ މަގުސަދު ދިމާ ނުވާނަމަ އެއިން ކުރާނެ އެއްވެސް ފައިދާއެއް ނޯން ނާނެ އެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ތަމްރީނު ކުރާ ކުދިންގެ މެދުގައި މުބާރާތެއް ބޭއްވުމެވެ. އެކިސްކޫލްތަކުން ހޮވާލެވޭ ކުދިންނަށް ތަމްރީނުދީ އެކުދިންގެ މެދުގައި މުބާރާތް އިންތިޒާމް ކުރުމެވެ. އޭރުން ސްކޫލުތަކުން ނުރުހުންވެ, މުބާރާތުގައި ބައިވެރިނުވުމަކަށް ނޫޅޭނެ އެވެ. ކޮންމެ މުބާރާތެއް ސްކޫލުގެ މުދަސްރިސުންނާއި ސްކޫލުން ތަމްރީނު ދޭން ވެއްޖެނަމަ އެކަމަށް ޚާއްސަ ބަޔަކު ތިބެންޖެހެ އެވެ. މުބާރާތެއް ނަމަ ތައްޔާރުވެސް ވާން ޖެހެއެވެ. ލަދެއްގައި ބެދެން އެއްވެސް ކަމެއްގައި ބައިވެރިވުމަކީ ސްކޫލުތަކުގެ ޕޮލިސީއެއް ނޫނެވެ. ކުދިންނަށް ކިތަންމެ ރަނގަޅު ތަޖްރިބާއެއް ނަމަވެސް ހެވެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv