މައްސަލަތައް ހައްލުނުވެ ގޯހުން ގޯހަށް ދަނީއެވެ.
ސާފްޗެމްޕިއަންޝިޕާ ކުރިމަތިލާން މަހަކަށްވީ އެވެ. މީގެ ކުރިންވެސް ސާފްޗެމްޕިއަންޝިޕްގެ 4 މުބާރާތް ދިވެހިން ވަނީ ތަޖުރިބާކޮށްފައެވެ. އެކަމަކު މިފަހަރު މޭ ތެޅޭ ވަރަކަށް އެއްވެސް ދިވެއްސެއްގެ މެއެއް ނުތެޅެއެވެ. މިފަހަރުގެ މުބާރާތަށް ދިވެހި ޓީމުގެ އިތުރުން ސަޕޯޓަރުންވެސް ނުކުންނާނީ ދޭތިން އެކައްޗަށެވެ. ދިވެހި ފަސްގަނޑުގައި ކުޅޭ ބައިނަލް އަގްވާމީ ފުރަތަމަ މުބާރާތަށްވުމުގެ އިތުރުން ސާފްޗެމްޕިއަންޝިޕްގެ ތަށި ހޯދަން މިއަށްވުރެ ރަނގަޅު ފުރުސަތެއްވެސް ނުލިބޭނެތީ އެވެ. އެކަމަކު ފެންނަމުން ދަނީ އެފަދަ މަންޒަރުތަކެއް ނޫނެވެ.
ސާފްޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ކުރިން ޤައުމީ ޓީމު އެންމެ ފަހުން ކުޅުނީ ލުބުނާނާ ދެކޮޅަށެވެ. ގަލޮޅުދަނޑުގައި މިދިޔަމަހުގެ 23 ވަނަ ދުވަހު ކުޅުނު މެޗު ވެގެން ދިޔައީ މީގެ ކުރިން ނުފެންނަވަރުގެ ހުތުރު ކަންތައްތަކެއް ފެނިގެން ދިޔަ މެޗަކަށެވެ. ޓީމުގެ ކޯޗާއި އެސިސްޓެންޓް ކޯޗުންގެ އިސްތިއުފާއަށް ގޮވިއިރު ކުޅުންތެރިިން ބާލަންވެސް ސަޕޯޓަރުން ގޮވަމުން ދިޔައެވެ. މިއީ މީގެ ކުރިން ޤައުމީ ޓީމު ކުޅޭއިރު ފެނިފައިވާ މަންޒަރެއް ނޫނެވެ.
އޭރު އެންމެންވެސް ބުނަމުން ދިޔައީ ސާފްޗެމްޕިއަންޝިޕަށް އާ ފެށުމަކުން ފަށާއިރު ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ކަމަށެވެ. އެންމެން އެއް ރޫހެއްގައި މަސައްކަތް ކުރާނެ ކަމަށެވެ. އެހެން ނަމަވެސް ކަންތައް ވެގެން ދަނީ އެގޮތަކަށް ނޫނެވެ. ކަންތައް ދަނީ ގޯހުން ގޯހަށެވެ.
ކުރިއްސުރެ ކޯޗާއި އެފް އޭ އެމުންވެސް ބުނަމުން އައީ ސާފްޗެމްޕިއަންޝިޕަށް ޤައުމީ ޓީމު ތައްޔާރުވާނީ މުޅިން އާ ސްކޮޑަކާއެކުގައި ކަމަށެވެ. އެހެން ނަމަވެސް ލުބުނާނާ ދެކޮޅަށް ކުޅުނު ޓީމުގެ ހުރިހާ ކުޅުންތެރިން ސާފް ޗެމްޕިއަންޝިޕްގެ ޓީމުގައިވެސް ހިމެނުނުއިރު ސްކޮޑަށްވެސް އަލަށް އިތުރު ކުރީ އެންމެ ކުޅުންތެރިއެކެވެ. އެއީ ވީބީގެ އަހްމަދު އަޝްފާނެވެ.
ޓީމު މާލޭގައި އެންމެ ޕްރެކްޓިހެއްވެސް ނުކޮށް ކުއްލި ގޮތަކަށް މެލޭޝިއާއަށް ފުރައިގެން ދިޔައީ މީގެ ދެރޭ ކުރިންނެވެ. އެފް އޭ އެމުން އޮތީ ސާފްޗެމްޕިއަންޝިޕަށް ޤައުމީ ޓީމުގެ ޕްރެކްޓިސް ފަށަން ތައްޔާރުވެފައި ނޫންކަން އެނގުނީ މެނޭޖަރެއް ހަމަނުޖައްސާ ތިބުމުންނެވެ. ޓީމުގެ ހުރިހާ ކަމެއް ހަމަޖައްސާ ކުޅުންތެރިންނަށް ބޭނުންވާ ކަންތައްކޮށްދޭން ހުންނަ މީހަކީ މެނޭޖަރުކަމަށްވީއިރު އެއޮތް ޒިންމާދާރު މަޤާމު އޮތީ އެފް އޭ އެމުގެ އަތްދަށުން ދޫވެފައެވެ. އިންޓަރިމް ކޮމެޓީގެ ޗެއާމަން އަހްމަދު ޝާހިރު ވިދާޅުވެފައިވަނީ ކުއްލި ގޮތަކަށް މެނޭޖަރެއް ހަމަޖައްސަން ޖެހުނީ މެލޭޝިއާއަށް މިމަހުގެ 1 ވަނަ ދުވަހު ފުރާގޮތަށް ހަމަޖެހުމުން ކަމަށެވެ.
ޝާހިރުގެ އެ ޖަވާބު ޤަބޫލު ކުރާނީ ކިތައް މީހުން ބާވައެވެ؟ ޤައުމީ ކޯޗު ޕްރެކްޓިސް ފަށާނެ ދުވަހެއްގެ ގޮތުގައި އެފް އޭ އެމަށް ދީފައިވަނީ މެއި 3 ވަނަ ދުވަހެވެ. ނަމަވެސް އޭ އެފް ސީކަޕުން ދިވެހި ޓީމުތައް ކެޓުމުން މެއި 1 ގައި ޕްރެކްޓިސް ފަށަން ކޯޗު ޚިޔާލުކޮށް އެފް އޭ އެމަށްވެސް އެވާހަކަ އަންގާފައިވެއެވެ. އެހެން ކަމަށްވާނަމަ 1 ވަނަ ދުވަހު މެލޭޝިއާއަށް ފުރަން ނުޖެހުނު ނަމަވެސް މެނޭޖަރެއްގެ ކަންތައް އޮންނާނީ ހަމަޖެހިފައެވެ. ޝާހިރުގެ ވާހަކަ ހުރިގޮތުން ބޮޑަށް ބެލެވެނީ މެލޭޝިއާއަށް ފުރަން ނުޖެހުނު ނަމަ ޤައުމީ ޓީމުގެ ޕްރެކްޓިސް ފަށައިގެން ދުވަސްތަކެއްދާއިރުވެސް މެނޭޖަރެއްގެ ކަންތައް ހަމަނުޖެހުން ކައިރި ކަމަށެވެ.
މެނޭޖަރެއް ހަމަޖެއްސީ ގާތްގަޑަކަށް 12 ވަރަކަށް ގަޑިއިރުންނެވެ. މެނޭޖަރުގެ މަޤާމު 6 މީހަކަށް ހުށަހެޅިއިރު އޭގެ ތެރޭގައި ކަމަށް ޤާބިލު މީގެ ކުރިން އެ ޒިންމާ ނަގާފައިވާ ފަރާތްތައްވެސް ތިއްބެވެ. އެހެން ނަމަވެސް އެއިން އެއްވެސް ފަރާތަކަށް ވިސްނާލާކަށް ވަގުތެއް ނުދެއެވެ. އެހެންކަމުން ކުރަން ބޭނުންވި ބައެއްފަރާތްތަކަށްވެސް އެފުރުސަތު ވަނީ ގެއްލިފައެވެ. އެންމެ ފަހުން މެނޭޖަރުގެ މަޤާމަށް އައީ މުހައްމަދު ހާނިމެވެ. މިދަނޑިވަޅުގައި ސިޔާސީ ކުލަ ވަރަށް ބޮޑަށް ޖެހިފައިވާ މީހަކު މެނޭޖަރުކަމަށް ގެނައުމަކީ ކޮންކަހަލަ ކަމެއްބާވައޭ ވަރަށް ގިނަ މީހުން ސުވާލު ކުރެއެވެ.
ޤައުމީ ޓީމު ފުރައިގެން ދިޔައިރު ސްކޮޑުގައި ތިބި ކުޅުންތެރިންގެ ނަންތައްވެސް އެފް އޭ އެމުން ހާމައެއް ނުކުރިއެވެ. ކޮންމެ މީހަކުވެސް ޖަހަނީ އަނެކެއްގެ ބޮލަށެވެ. އެންމެ ފަހުން ވަގުތު ނުވެގެން ބިޒީ ވަނީ އެވެ. މީގެ ކުރިން މިފަދަ މެޗުތަކަށްދާއިރު ކޯޗު ނޫސްވެރިންނާ ބައްދަލުކުރެއެވެ. އެހެން ނަމަވެސް މިފަހަރު އެކަމެއްވެސް ނުވިއެވެ. ހަގީގަތުގައި ޓީމު ފުރައިގެން ދިޔައީ ނޭނގޭ އެތައް ކަމެއް ހުއްޓައެވެ.
ޓީމު ފުރައިގެންދާތަނަށް ވީހާވެސް ގިނަ ބަޔަކު ދިޔުމަށް އެފް އޭ އެމުން އެދުނެވެ. ދިވެހިންގެ ވީހާވެސް ގިނަ ބައެއްގެ ހެޔޮ ދުއާ ޤައުމީ ޓީމަށް ބޭނުންވާނެ ކަމަށްވެސް އެފް އޭ އެމުން ބުނެއެވެ. ނަމަވެސް ޤައުމީ ޓީމު ފުރުވަން ބުރާސްފަތި ދުވަހުގެރޭ ފާލަން ދޮށަށް މީހަކު ނުދެއޭ ބުންޏަސް ރަނގަޅުވާނެ އެވެ. ކްލަބްގެ މީހަކަށް އެތަނަށް ދިޔައީ ވީބީގެ މެނޭޖަރު އިބްރާހީމް ރަޝީދު(ސަތޯ) އެވެ. ފުޓްބޯޅައިގެ އިސް މީހުންގެ ތެރެއިން ގިނަ ބަޔަކު އެފް އޭ އެމުގައިވެސް ވަޒީފާ އަދާކުރެއެވެ. އެއިން މީހަކުވެސް އެރޭ އެތަނަކުން ނުފެނުނެވެ. ޤައުމީ ޓީމަށް ކުރިން ކުޅެފައިވާ މީހުންނާއި ޤައުމީ ޓީމުގައި ނުހިމެނޭ ކުޅުންތެރިންވެސް ޤައުމީ ޓީމު ފުރާއިރު އެތަނަށްދާކަށް ބޭނުމެއް ނުވެއެވެ.
މިކަންތައްތަކަށް ބަލާއިރު ޔަޤީންވާ ކަމަކީ ޓީމުތެރޭގައާއި ޓީމުން ބޭރުގައިވެސް މައްސަލަތައް ބައިވަރު ހުރިކަމެވެ. މައްސަަލަތައް ހައްލުވުމުގެ ބަދަލުގައި އިތުރު ކުރިތަކެއް ފަޅަމުންދާ ކަމެވެ. ފުޓްބޯޅައިގައި ހަރަކާތްތެރިވާ ފަރާތެއް އަޅުގަނޑާއި ދިމާއަށް ބުންޏެވެ. ”މެލޭޝިއާ ދަތުރު ނިންމާފައި ދިވެހި ޓީމު އަންނައިރު މިގޮތް ބަދަލުނުވެއްޖެނަމަ ތަށީގެ މަތިން ހަނދާން ނައްތާލާށެވެ.“ ހަގީގަތުގައިވެސް އޭނާ އެ ބުނީ ވިސްނާލަން ޖެހޭ ވާހަކައެކެވެ.
-
ހޯމަ، މޭއި 5 2008، 22:01
ބަލަ ބަލަ އަދިތިޔަހާވަރު ވާކަށްނުޖެހޭނު. މިގައުމުގައި އެއްކަމެއްވެސް މިހާރު ވެރިކަމުގައި ތިބި މީހުންނަށް ފައިދާއެއް ނުވާގޮތަކަށް ކޮއްފައެއްނުވޭ. އެހެން ވީމައޭ އެހެން ބުނަންޖެހެނީ. -ހެޕީ-
