ދެޖިންސް އެކުވެ ޕާޓީ ބޭއްވުން
މާތްﷲ ދެޖިންސުން އިންސާނުން އުފައްދަވައި ދެޖިންސުގެ މެދުގައި ތަފާތުތަކެއް ލައްވައި އެއްޖިންސު އަނެއްޖިންސަށް ބޭނުންވުމީ އިންސާނީ ތަބީއަތުގައި ލައްވަވާފައިވާ ކަމެކެވެ.
ދެޖިންސުގެ މީހުން އެކުގައި ޕާޓީތަކާއި ހަފްލާތައް ބޭއްވުމަކީ އަޅުގަނޑުމެންގެ އިސްލާމްދީންގައި ކޮންކަހަލަ ކަމެއް ބާއެވެ؟ އެއްބަޔަކު ދެޖިންސު ވަކިން ޕާޓީތަކާއި ހަފްލާތައް ބާއްވަމުންދާއިރު އަނެއްބައި މީހުން ދެޖިންސު އެއްކޮށްވެސް ޕާޓީތަކާއި ހަފްލާތައް ބާއްވަމުންނެވެ.
ޕާޓީތަކާއި ހަފްލާތައް ދެޖިންސު އެކުގައި ބޭއްވުމާއި ބެހޭ ގޮތުން އިލުމްވެރިންގެ ބަހެއް ހޯދާލީމެވެ.
އައްޝައިހު ސުއައިބު އަބުދުލް ރަހުމާން.
ކިޔަވައި ވިދާޅުވީ ސައުދީ އަރަބިއްޔާއިން.
ސުއައިބު ވިދާޅުވީ ދެޖިންސު އެއްކޮށް ޕާޓީ ބޭއްވުމަކީ މައްސަލައެއް ނޫން ކަމަށާއި އެހެންނަމަވެސް އެކަން ކުރިއަށް ދާންޖެހޭނީ އިސްލާމީ ތަރަހައިގެ ތެރޭގައި ކަމަށެވެ.
” ދެޖިންސު އެކުގައި ޕާޓީ ބޭއްވުމަކީ މައްސަލައެއް ނޫން. އެހެންނަމަވެސް އަންހެނުން ތިބެންޖެހޭނީ އިސްލާމީ ވަންތަ އެކަނބަލުންގެ ހެދުމުގައި.“ ސުއައިބު ވިދާޅުވި އެވެ.
މުހައްމަދު ރަމީޒު އަހުމަދު
ކިޔަވައި ވިދާޅުވީ މަދީނާގެ އިސްލާމިކް ޔުނިވާރސިޓީން
ރަމީޒު ވިދާޅުވީ ދެޖިންސު މަސްހުނިކޮށް ޕާޓީތަކާއި ހަފުލާތައް ބޭއްވުމަކީ ހުއްދަ ކަމެއް ނޫން ކަމަށެވެ.
” ރަސޫލާގެ ޒަމާނުގައި ވެސް ކައިވެނި ހަފްލާތަކުގަޔާއި ކަންތައްތަކުގައި ދެޖިންސު ވަކިން އޮންނަނީ އިންތިޒާމް ހަމަޖައްސާފައި. އެހެންވުމުން އެގޮތަށް މަސްހުނިވެ އުޅުމަކީ ހުއްދަކަމެއް ނޫން.“ ރަމީޒު ވިދާޅުވި އެވެ. ” އެތަނަށް ގޮސް މަސްހުނިވެ އުޅުމުގެ ސަބަބުން އަންހެނުންނާއި ފިރިހެނުން އެކަކު އަނެކަކަށް ފެނިދެނިވެ އުޅުމުގެ ސަބަބުން ލޯބީގެ ކަންތައްތައް ފެށިދާނެ. ނޫނީ ކައިވެނިކޮށްގެން އުޅޭ މީހުންވެސް ދެމީހުން ވަކިވެ ހިނގައިދާނެ. ފިގުހުގެ ތެރޭގައި އޮންނާނެ ސައްދުޒަރާއޭ ކިޔާ ކަމެއް. އޭގެ މާނައަކީ ނުބައިކަމަކަށް ވާސިލްވެދާނެ ކަމެއް ވެސް މަނާ ކުރެވެން ޖެހޭނޭ.“ ރަމީޒު ވިދާޅުވި އެވެ.
ރަމީޒު ވިދާޅުވީ މިފަދަ ޕާޓީއެއްގައި މިފަދަ ކަމެއް ނުހިނގާފާނެ ކަމަށާއި އެހެންނަމަވެސް މިކަމަކީ ނުބައިކަންތައްތަކަށް ވާސިލް ވެދާނެ ކަމެއް ކަމަށެވެ.
އައްޝައިހު މުހައްމަދު ޝަހީމް އަލީ ޝައީދު
ކިޔަވައި ވިދާޅުވީ މަދީނާގެ އިސްލާމިކް ޔުނިވާރސިޓީން އަދި މެލޭސިޔާގެ އިސްލާމިކް ޔުނިވާރސިޓީން.
ޝަހީމް ވިދާޅުވީ ޕާޓީތައް ބޭއްވުމަކީ އަޅުގަނޑުމެން ދީނުގައި މައްސަލައެއް ނޫން ކަމަށެވެ.
” މުންކަރާތެއް ނުހިނގާ ކަމަށް ވަނީ ނަމަ ދެޖިންސު އެއްކޮށްވެސް ޕާޓީ ބޭއްވުމަކީ މައްސަލައެއް ނޫން. އެއްހޯލެއް ތެރެއަށް ހާޒިރުވެ އިސްލާމީ އަދަބު އަހުލާގުގައި ތިބުމަކީ މައްސަލަ އެއްނޫން.“
ޝަހީމް ވިދާޅުވީ މިފަދަ އެއްވުންތަކުގައި ދެބާވަތެއް ހިމެނޭ ކަމަށާއި އެއީ މުންކަރާތެއް ނުހިނގާގޮތަށް އެއްވާ އެއްވުމާއި މުންކަރާތުގެ މައްޗަށް އެއްވާ އެއްވުން ކަމަށެވެ. އަދި މުންކަރާތް ނުހިނގާ ގޮތަށް އެއްވާ އެއްވުމަކީ މައްސަލައެއް ނޫން ކަމަށެވެ.
