މަސައްކަތް އުނިކޮށްފައިވަނީ ވަކި ގަވައިދެއްގެ ދަށަކުން ނޫން: ދައުލަތުގެ ވަކީލް

މަސްއޫދު ހިލްމީ މޭއި 21 2007، 19:42 0 ޚިޔާލު

މިދިޔަ މާރޗް މަހު 22 ވަނަ ދުވަހު ޓެލެވިޜަން މޯލްޑިވްސް އިން ވަކި ކުރި ތިން ޕްރޮޑިސަރުންގެ ތެރެއިން އިލްހާމް އަހުމަދު ވަޒީފާއިން ވަކުރުމުގެ ކުރިން 18 ޑިސެމްބަރ 2006 ވަނަ ދުވަހު މަސައްކަތް ނެގިފައިވަނީ ވަކި ގަވައިދެއްގެ ދަށުން ނޫން ކަމަށް މިމައްސަލާގައި ދައުލަތުން ހަރަކާތްތެރިވާ ވަކީލު މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ވަކީލު މިހެން ވިދާޅުވީ މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ނެވެ. ” އިލްހާމް އަހުމަދުގެ އަތުން މަސައްކަތް ވަކިވައިދެއްގެ ދަށުން ކަމަށް ނުބެލެވޭ. އެވަގުތު ތަހުގީގް ކުރެއްވަމުންދާތީ އެވަގުތަށް މަސައްކަތް ތައް ނެންގެވީ ކަމަށް ދެކެވަޑައިގަންނަވަން.“ ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލު ވާހަކަގައި އިލްހާމް އަހުމަދު އަތުން މަސައްކަތްތައް ނެގިފައިވަނީ އިދާރީ ފިޔަވަޅެއްގެ ގޮތުން ކަމަށް ވިދާޅުވި އެވެ.

ޝަރީއަތުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އިލްހާމް އަހުމަދުގެ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވީ އިދާރީ ފިޔަވަޅެއްގެ ގޮތުން އެޅިފައިވާ މިފިޔަވަޅަކީ ސަރުކާރު މުވައްޒަފަކަށް އެޅޭނެ ފިޔަވަޅެއް ނޫން ކަމަށާއި އަދި ސަރުކާރު މުވައްޒަފުންގެ ގަވައިދުގެ 41 ވަނަ މާއްދާގައި ބުނެފައިވާ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލިސް ފެށިގެން އެންމެ ފުރަތަމަ އޮތީ ދައުލަތުން ހެކީގެ ގޮތުގައި ހުށައަޅާ ބަޔާން ޝަރީއަތަށް ހުށައެޅުމެވެ. މިބަޔާނުގައި 22 މާރޗް 2006 ގައި އިލްހާމް އަހުމަދު ވަޒީފާއިން ވަކިކޮށްފައިވަނީ ރަނގަޅަށް ކަމަށާއި ސަރުކާރު މުވައްޒަފުންގެ ވަޒީފާގެ ގަވައިދުގެ ދަށުން ކަމަށެވެ.

ދައުލަތުން ހުށައެޅި ބަޔާނާއި ގުޅިގެން ގާޒީ ވިދާޅުވީ އިލްހާމް އަހުމަދު އޮފީސް ތެރޭގައި މުވައްޒަފުން ޖެހިލުންވާފަދަ މާހައުލެއް އުފައްދާފައިވާ ކަމަށް ބުނާއިރު އެފަދަ މާހައުލެއް އުފެއްދުމަށް އޭނާ ކޮށްފައިވަނީ ކޮން ކުށެއްތޯ؟ އެވެ. އަދި އެކަމެއް ކަޑައެޅިގެން ސާފްކޮށް އެނގެން ޖެހޭނެ ކަމަށެވެ.

މިއަދު އޮތް ޝަރީއަތުގެ މަޖިލީސް ނިންމާލުމުގެ ކުރިން ވާހަކަ ދައްކަވަމުން ގާޒީ ވިދާޅުވީ ދެ ކަމެއް އިތުރަށް ސާފް ވާން ޖެހޭ ކަމަށާއި އެއީ އިލްހާމް އަހުމަދު ކޮށްފައިވަނީ ކޮށްކަންތައްތަކެއް ކަން ކަޑައެޅިގެން ބަޔާން ކުރުމާއި އިލްހާމްގެ މަސައްކަތްތައް ނެގިފައިވަނީ ކޮށްއުސޫލަކުން ނުވަތަ ކޮންގަވައިދެއްގެ ދަށުން ކަން ސާފްކޮށް ދިނުން ކަމަށެވެ.

ދެން މިމައްސަލައިގެ ޝަރީއަތުގެ މަޖިލީހުގެ އަޑުއެހުމެއް އޮންނާނީ މިއަންނަ ޖޫން މަހު 5 ވަނަ ދުވަހު ކަމަށް ގާޒީ އިއުލާން ކުރެއްވި އެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv