އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައިވާ ތިން ބޭފުޅަކަށް ފުރަތަމަ ފަހަރަށް ސީނިއާ މިނިސްޓަރުކަން ދެއްވައިފި

އަންވަރު އިބްރާހިމް އޭޕްރީލް 17، 17:35 35 ޚިޔާލު

މީގެ ތިން އަހަރު ކުރިން ވަޒީރުކަމުގެ މަގާމުން އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވި ތިން ބޭފުޅަކަށް ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ ސީނިއާ މިނިސްޓަރު ކަމުގެ މަގާމު ދެއްވާ, ދައުލަތުގެ މިނިސްޓަރު ކަމަށް ފުރަތަމަ ފަހަރަށް ހަތަރު ބޭފުޅަކު އައްޔަން ކުރައްވައި އެ ބޭފުޅުންނަށް ބުރާސްފަތި ދުވަހު މަގާމުގެ ފަތްކޮޅު ދެއްވައިފި އެވެ.

ރައީސް އޮފީހުގެ ސީނިއާ މިނިސްޓަރުކަމަށް އައްޔަންކުރެއްވި ތިން ބޭފުޅުންނަކީ, ރައީސުލް ޖުމްހޫރިއްޔާގެ ޚާއްސަ މުޝީރުކަމުގެ މަގާމުގައި ތިއްބެވި އަލްއުސްތާޒް އަބްދުﷲ ހަމީދާއި އުމަރު ޒާހިރާއި ޑރ. މުހައްމަދު ޒާހިރު ހުސައިން އެވެ.

މި ތިން ބޭފުޅުންނަކީވެސް 65 އަހަރުފުޅު ވެގެން ވަޒީފާއިން ވަކިކުރެއްވުމަށް ސިވިލްސާވިސް ކޮމިޝަނުން ނޯޓިސް ދީފައިވާ ތިންބޭފުޅުން ނެވެ.

މިތިން ބޭފުޅުންގެ ތެރެއިން އަބްދުﷲ ހަމީދަކީ 25 އަހަރުވަންދެން އެކި ވުޒާރާތަކުގެ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެންމެ ފަހުން އެމަނިފާނު ހުންނެވީ އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ މިނިސްޓަރު ކަމުގެ މަގާމުގަ އެވެ. އެމަނިކުފާނު އެމަގާމުން ވަކިކުރައްވާފައި ވަނީ ވަޒީރުކަމުން ވަކިވެ ވަޑައިގަތުމަށް އެދިވަޑައިގަތުމާއެކު 2005 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު އެމަނިކުފާނުގެ އިސްތިއުފާ ރައީސް ގަބޫލުފުޅު ކުރެއްވުމާ ގުޅިގެން ނެވެ. އެދުވަހުން ފެށިގެން އެމަނިކުފާނަކީ ސްޕެޝަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓް ކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައި ރައީސުލް ޖުމްހޫރިއްޔާ އޮފީހުން ވަނީ ހަމަޖައްސަވާފަ އެވެ.

އުމަރު ޒާހިރަކީ 22 އަހަރު ވަންދެން ސަރުކާރުގެ އެކިވުޒާރާތަކުގެ މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނަކީވެސް އަބުދުﷲ ހަމީދު ފަދައިން އަމިއްލަ ފުޅަށް ވަކިވެވަޑައިގަތުމަށް 2005 ވަނަ އަހަރު އިސްތިއުފާ ހުށަހެޅުއްވި ބޭފުޅެކެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވި އިރު ހުންނެވީ ހޯމްއެފެއާޒް މިނިސްޓަރުކަމުގެ މަގާމުގަ އެވެ. އެދުވަހުން ފެށިގެން އެމަނިކުފާނުވެސް ހުންނެވީ ސްޕެޝަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓް ކަމުގެ މަގާމު ގައެވެ.

ހަވީރު ޗެއާމަންގެ މަގާމް ފުރުއްވަމުން ގެންދަވާ ޑރ. މުހަންމަދު ޒާހިރު ހުސައިން މީގެ ކުރިން ހުންނެވީ ރައީސުލްޖުމްހޫރިއްޔާ ސްޕެޝަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓް ކަމުގެ މަގާމު ގައެވެ. އޭގެ ކުރިން އެމަނިކުފާނު ހުންނެވީ ވަޒީރުންގެ ފެންވަރުގައި, މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިޔުކޭޝަންގެ ޕްރެޒިޑެންޓް ކަމުގެ ރައީސްކަމުގެ އެވެ.

ދިވެހި ދައުލަތުގެ މިނިސްޓަރުކަމަށް މިއަދު އައްޔަންކުރެއްވި ހަތަރު ބޭފުޅުންނަކީ, އަބްދުއް ރަޝީދު ހުސައިން އާއި އިބްރާހީމް ހުސައިން މަނިކު(ސަމަރޭ) އާއި ރާޝިދާ ޔޫސުފް އާއި އައްބާސް އިބްރާހީމް އެވެ.

މިހަތަރު ބޭފުޅުންނަކީވެސް ކުރިން މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅުންނެވެ. އަބުދުއްރަޝީދު ހުސައިން މިވަގުތު ހުންނެވީ ޕްބްލިކް އެންޓަރ ޕްރައިޒަސްގެ ޗެއާމަންގެ މަގާމުގަ އެވެ. އިބްރާހިމް ހުސައިން މަނިކު (ސަމަރޭ) ހުންނެވީ ކޮމިއުނިޓީ އޮގަނައިޒޭޝަން ޑިވެލޮޕްމަންޓް ކައުންސިލްގެ ޗެއާމަން ކަމުގަ އެވެ. ރާޝިދާ ހުންނެވީ ތައުލީމާ ބެހޭ ގައުމީ މަޖިލީހުގެ ރައީސްކަމުގެ މަގާމުގަ އެވެ. އަދި އައްބާސް ހުންނެވީ ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުގެ ރައީސްކަމުގެ މަގާމުގަ އެވެ.

މިބޭފުޅުންގެ ތެރެއިން އައްބާސް އިބްރާހިމަށް ވަނީ 65 އަހަރުފުޅު ވެގެން ވެގެން ވަޒީފާއިން ވަކިކުރެއްވުމަށް ސިވިލްސާވިސް ކޮމިޝަނުން ނޯޓިސް ދެއްވާފަ އެވެ. އަދި ރާޝިދާއާއި އިބްރާހިމް ހުސައިން މަނިކަށް ދައުލަތުގެ މިނިސްޓަރުކަން ދެއްވާފައިވަނީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަކިމަގާމެއް ޚިޔާރުކުރެއްވުމަށް ސިވިލްސާވިސް އިން ނޯޓިސް ދެއްވާފައި ވަނިކޮށެވެ.

މި ހަތް ބޭފުޅުން މަގާމުގެ ހުވާކުރެއްވުމާއި މަގާމުގެ ފަތްކޮޅު ދެއްވުން އޮތީ މިއަދު ހެނދުނު 11 ޖެހިއިރު ރައީސް އޮފީހުގަ އެވެ. މި ހަތް ބޭފުޅުންނަށް މަގާމުގެ ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދެވެ.

މީގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާގެ ޚާއްސަ މުޝީރުގެ މަގާމުގައި މިހާރު ވެސް ތިއްބެވި އަލީ އުމަރު މަނިކާއި އަލް އުސްތާޒް ފަތުހުﷲ ޖަމީލަށް ސީނިއާ މިނިސްޓަރުކަން ދެއްވުމަށް ރައީސް ނިންމަވާފައި ވާކަމަށް ރައީސް އޮފީހުގެ ވެބްސައިޓް ބުނެއެވެ.

ރައީސް އޮފީހުން ބުރާސްފަތި ދުވަހުގެ މެންދުރުފަހު ބުނީ އެދުވަހު އައްޔަން ކުރެވުނު ހަތް މިނިސްޓަރުންނަކީ ވަޒީރުން މަޖިލީހުގައި ހިމެނިވަޑއިގަންނަވާ ބޭފުޅުން ނޫންކަމަށެވެ. އަދި އެބޭފުޅުން, ވަޒީރުންގެ މަޖިލީހަށް, ނުވަތަ ޚާއްސަ މަޖިލީހަށްވެސް ވަޑައި ނުގަންނަވާނެ ކަމަށެވެ.

” އެބޭފުޅުންނަކީވެސް މިނިސްޓަރުން. އެކަމަކު އެބޭފުޅުންނަކީ މިނިސްޓްރީތަކެއް ހިންގަވާ ބޭފުޅުންނެއްނޫން. އެބޭފުޅުން ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައެއް ނުގަންނަވާނެ. އަދި ޚާއްސަ މަޖިލީހަކުވެސް ހިމެނިވަޑައެއް ނުގަންނަވާނެ.“ ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ކިހާ ދެރަކަމެއް. ދައުލަތުގެ ޚަޒާނާއިން ކުރާ ބޭކާރު ޚަރަދު.

    ބުރާސްފަތި، އޭޕްރީލް 17 2008، 17:55
  2. އޯކޭ ދައުލަތުގެ ސީނިޔާ މިނިސްޓަރުން! ރާއްޖެތެރޭ ގައި އުޅޭ ދައުލަތުގެ ނިކަމެތި ފަޤީރުން ކޮބައިތޯ އެމީހުނައް ކިހިނެއްތޯ ތިހައްދަވަނީ ތިޔައީ އެންމެ 7 ވޯޓް ތިޔައްވުރެ މާގިނައ ވޯޓް ރާއްޖެތެރޭ ގައި އެބަވޭނުންތޯ؟

    ބުރާސްފަތި، އޭޕްރީލް 17 2008، 18:13
  3. އެންމެފަހުން ދެން ނުކުރާންވެގެން ހިފެހެއްޓި ކަންތައްވެސް ތިކުރީތާއެވެ...ހަމަގޮތްހުސްވީދެއްތޯއެވެ.=ޢަލީ=

    ބުރާސްފަތި، އޭޕްރީލް 17 2008، 18:14
  4. ސިޔާސީ މީހަކު ބުނި އެކަތި ހަމަގައިމުވެސް ތެދަކަށް ވެއްޖެއެވެ.މިސަރުކާރުން ދެންއަޅާނީ ހުސް "ޅަ" އެއްޗިއްސެވެ.=ރަމީޒު=

    ބުރާސްފަތި، އޭޕްރީލް 17 2008، 18:21
  5. ކޮންމެމީހަކު ކޮންމެއެއްޗެއް ކީކަމުގައިވިޔަސް ޒަޢީމް މިފަހަރު ތިހެއްދެވިގޮތުން އެންމެން މިތިބީ ހަމަ އާޝޯޚުވެފައެވެ.ތިޔަހައްދަވާލީ މިޒަމާނުގައި ސިޔާސީމީހެއްގެ ސިކުނޑިއަށް ވިސްނައިނުގަނެވޭވަރަށް ވުރެ މާ ހިކުމަތްތެރި އެއްޗެކެވެ.ޒަޢީމުއަށް ހަމަސާބަހެވެ.މިފަހަރުވެސް ތިޔަހޮއްވެވި ބޭފުޅުންކޮޅަށް ނަމެއްދޭންވާނެއެވެ.ރަނގަޅުނަމެއްބޭބެދޭންހެއްޔެވެ..."އާޑިމޮކްރަސީއަކަށް އާ ބައެއް" =ލަގޮނޑ=

    ބުރާސްފަތި، އޭޕްރީލް 17 2008، 18:32
  6. ތިޔައީ އިސްތިއުފާދޭމީހުން އުޅޭވައްތަރުތަ؟ އެ އިސްތިއުފާއަކީ ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުނެއް.

    ބުރާސްފަތި، އޭޕްރީލް 17 2008، 18:41
  7. މައުމޫނު ތިރީސް އަހަރު ވަންދެން ވެރިކަން ކުރަން ވޯޓްދިން ފަރާތްތަކަށް މިހާރު މިވީގޮތުން ވޯޓްއެދެވުނީ މުސްތަޤްބަލުގެ ޖީލުތަށް ހަލާކުކޮށްލުމަށް. އެއީ މައުމޫނުގެ ވެރިކަމަށްފަހުވެސް ދިވެހިންނަށް ނޭވައެއް ނުލެވޭހާވަރު ކޮށްފާނޫނީ މައިތިރިވާން އެމަނިކުފާނަކަށް އެނގިވަޑައެއް ނުގަންނަވާތީ. އަދުތޯ މާދަންތޯ ވެފައިވާއިރު ރައީސްކަމުން އިސްތިއުފާ ދެއްވާ މިސްކިތެއްގެ މުދިންކަން ކުރެއްވިއްޔާ ވާނީ ކީއްތޯ؟ މިހާރު ރައްޔިތުންގެތެރެއިން ގިނަބައެއްގެ ނުރުހުން އަމާޒުވެފައިވިއަސް އެއިރުން އެކަމަށްވެސް ލުޔެއް ލިބިދާނެ ނޫންތޯ؟ =ހެޔޮއެދޭ ޒުވާނެއް

    ބުރާސްފަތި، އޭޕްރީލް 17 2008، 18:43
  8. ކީއްކުރާ މިނިސްޓަރުންނެއް. ވަޒީރުންގެ މަޖިލީހަކު ނުހިމެނޭ. ވަޒީރުންނާއެކު ޚާއްސަ މަޖިލީހަށް ދާކަށް ނުޖެހޭ. އެއްވެސް މަސައްކަތެއް ހަވާލެއް ނުކުރެވޭ. އަޅެ ދައުލަތުގެ ބަޖެޓުން ޚަރަދު ކުރާނެ ކަމެއް ހަމަ ނެތީތަ!. ގައިމު ތިޔަ މިނިސްޓަރުން ތަކަކަށް މަހެއްގެ މައްޗަށް މިލިއަނަކާ ކައިރި ކުރާވަރަށް ބަޖެޓުން ޚަރަދު ހިގާނެ. ރައްޔިތުންނަށް ފައިދާ ނުވާ ތިކަހަލަ ބޭކާރު ޚަރަދު ނުކޮށް ކީއްތަވާނީ ރައްޔިތުންނަށް ފައިދާކުރާ ކޮންމެވެސް ކަމަކަށް ތިޔަ ފައިސާ ޚަރަދު ކުރިއްޔާ. މިހާރުވެސް ފައިސާ ނެތިގެން ނުކުރެވިފަ ކިތައްކަންތައް ހުރީ. އާދޭސް

    ބުރާސްފަތި، އޭޕްރީލް 17 2008، 18:48
  9. މީހުންބުނާއަޑު އަހަމެވެ.ނިމޭނީފެށުނުގޮތަށެވެ.=ޕަރީ=

    ބުރާސްފަތި، އޭޕްރީލް 17 2008، 18:51
  10. އަދި ވަރަށް އަވަހަށް ސަރުކާރުގެ ވެރިން ފެންވަރުގެ ހުރިހާ ބޭފުޅުން އެބޭފުޅަކު މަސައްކަތް ކުރައްވާ ދާއިރާއެއްގެ ޖޫނިއަރ މިނިސްޓަރ ކަމަށް ބަދަލު ކުރައްވާނެ. އަދި އޮފީސްތަކުގެ އެހެނިހެން މުވައްޒަފުން ޖޫނިއަރ މިނިސްޓަރގެ ނާއިބުކަމަށް ބަދަލު ކުރައްވާނެ.

    ބުރާސްފަތި، އޭޕްރީލް 17 2008، 19:39
  11. ގޯހެއް ހެދިއްޖެނަމަ. އެގޯސް ރަގަޅު ކުރެވޭނީ އިތުރުގޯސް ހަދައިގެން، ބަޔަކު އިޚްލާޞްތެރި ކަމާއެކު ޚިދުމަތެއް ކޮށްދީފިނަމަ އެކަމުގެ އަގުވަޒަން ކުރަންވާނީ އިންސާފުން ކަމުގައި ދެކެން. ޢޙޙ

    ބުރާސްފަތި، އޭޕްރީލް 17 2008، 20:02
  12. އަދި ވަރަށް އަވަހަށް ސަރުކާރުގެ ވެރިން ފެންވަރުގެ ހުރިހާ ބޭފުޅުން އެބޭފުޅަކު މަސައްކަތް ކުރައްވާ ދާއިރާއެއްގެ ޖޫނިއަރ މިނިސްޓަރ ކަމަށް ބަދަލު ކުރައްވާނެ. އަދި އޮފީސްތަކުގެ އެހެނިހެން މުވައްޒަފުން ޖޫނިއަރ މިނިސްޓަރގެ ނާއިބުކަމަށް ބަދަލު ކުރައްވާނެ.

    ބުރާސްފަތި، އޭޕްރީލް 17 2008، 20:16
  13. މައުމޫނުގެ އަމަލުތަކުން ހީވަނީ ދިވެހިރާއްޖޭގެ ގާނޫނުތަކުގައި ކޮޅުފައިން ޖަހާފައި "އާންދޮގޭ" އޭ ބުނާހެން. ނޯވަން އިޒް އެބައުދަ ލޯ އޭ ބުނެފަ ހީވަނީ ސިއްރުން އެކްސެޕްޓް މީ އޭ ބުނާހެން. -ރިންސް-

    ބުރާސްފަތި، އޭޕްރީލް 17 2008، 20:28
  14. މިސަރުކާރަކީ މައުމޫނާއި އޭނާގެ ރަށްޓެހިންގެ ފައިދާއަށް އުފައްދާފައިވާ ސަރުކާރެއް. އެހެން ނޫންނަމަ ކީއްވެގެންތޯ ސިވިލްސާވިސް އިން ނޯޓިސް ފޮނުވާފައި އޮއްވާ އެމީހުންނަށް އަލުންމިނިސްޓަރ ކަން ދޭންވީ. އަހަރެންގެ ބައްޕައަކީ ދިއްދޫ ކުރީގެ ބޮޑުކަތީބް. އޭނަވެސް ސިވިލް ސާވިސް އިން ވަކިކުރޭ. ކީއްވެގެންތޯ ބައްޕައަށް މިނިސްޓަރ ކަން ނުދޭންވީ. އަންވަރު

    ބުރާސްފަތި، އޭޕްރީލް 17 2008، 20:58
  15. މަރުޙަބާ ހުރިހާ ސީނިއަރު ވަޒީރުން..މަރުޙަބާ ރައީސް މައުމޫން..އަދި މި އޯވަރުގައި ހަނދުމަފުޅު ނައްތާނުލެއްވުން އެދެން ރަށް ރަށުން މިހާރު ވަކިކުރެވި،ނުވަތަ ކުރުމުގެ ތުންފަތް މަތީ ގައިވާ ކަތީބުން ވެސް..އަވަސްވީގޮތަކުން ސީނިއަރު ކަތީބުން ކަމުގައި ހަމަޖެއްސެވުމީ ކުރިޔައް އޮތް ވޯޓަށްޓަކާ ވަރަށް މުހިންމު ކަމެއް--ސީނި ސަންބޯލް ކަތީބު--

    ބުރާސްފަތި، އޭޕްރީލް 17 2008، 21:01
  16. ފައިސާނެތިގެން ރައްޔިތުންގެ ބޭނުންތައް ފުއްދާނުދެވިގެން ރަށުއޮފީސްތައް ރައްޔިތުންނުކުމެ ހިފަނީ ސަރުކާރު އިމާރާތްތަކުން ކަރަންޓްކަޑަނީ އެކަމަކު ނެތްފައިސާއިން މިއަދުވެސް ތިނިންމީ މަހަކު މިލިއަނުން ދެތިންމީހަކަށްދޭން މީދެންއަޅެފަހެ މައުމޫނާއި އޭނާގެ ގާތްމީހުންގެ މިލްކެއްތަ؟ ނިދާފަތިބި ރައްޔިތުން އަދިވެސްހޭލާކަށްނުވޭތަ؟ -ޤައުމަށްޓަކާ-

    ބުރާސްފަތި، އޭޕްރީލް 17 2008، 21:01
  17. އާ ގާނޫނުއަސާސީގައި، ވުޒާރާތައް ހުންނަންވާނެ އަދަދާ ވަޒީރުންތިބޭނެ އަދަދާ، ސަރުކާރުގެ އޮފީސްތަކާ ޑިޕާރޓްމެންޓް ތައް ހުންނާނެ އަދަދާ އެތަންތަނަށްކިޔާނެ ނަންތައް ކަޑައެޅިފައި ހުންނާނީ މަޖިލިހުގެ ލަފާގެމަތީން މަޖިލިހުގެ ނިންމުމާއެއްގޮތައް ކަމުގައި ކަޑައަޅާފައި ނެތިއްޔާ މީދެރަކަމެއް. ނެތްނަމަ އަވަހަށް މިފަދަ މާއްދާއެއް ހިމަނަންވީ. ނޫނީ މިކަމުން ސަލާމަތެއްނުވާނެ. އަންނަ ކޮންމެ ރައީސަކު ހިތައްއެރި ވަރަކަށް ވަޒީރުން ހަދާ، ވުޒާރާތަކާ އޮފީސްތައް ބޭނުންވާވަރަކަށް ހަދާ އެތަންތަނަށް ހިތުހުރިނަމެއްކިޔާ (މިސާލަކަށް: ބައިކުޅަބައި ބަންޑާރަނައިބު އޮފީސް)ހަދާނެ. މިހާރު މިވީގޮތުން މިރާއްޖޭގެ އެބަތިބި ދައުލަތުގެ ވަޒީރުންނާ، ސަރުކާރުގެ ވަޒީރުންނާ، ސީނިޔަރ ވަޒީރުންނާ، މަގުމަތީ ވަޒީރުންނާ، ރާއްޖޭގައި ނޫޅޭ ވަޒީރުންނާ، ވާން އުޅޭ ވަޒީރުންނާ. މިބާވަތުގެ ވަޒީރުކަން ދިއްކޮއްލާއިރަށް މިއަތުލަނީ މިބޭފުޅުންގެ ލަދުގެ ކަންފުޅެއްވެސް ނެތީމަކަން ޔަގީން. އެގިތިބެގެން މިކުރެވޭ ކަމަކީ ގައުމެއް މުޅިން ނެތިކޮށްލުން ނޫނީ ދެން ކޮންކްމެއްތޯ. ޖަރުމަނު ވިލާތުގައި "ނާޒީ" މިނަން ވިހަޔަކައްވީގޮތައް ކުރިޔައްއޮތް ޖީލުތަކުން މިރާއްޖޭގައި "ޑީއާރޕީ" ނޫނީ "މައުމޫނު" މިދެލަފުޒު ބޭނުން ކުރަން ލަދުގަންނާނެ.

    ބުރާސްފަތި، އޭޕްރީލް 17 2008، 21:31
  18. ޢަދި ރަނގަޅު ޚިޔާލެއް ދެން. ރާއްޖެތެރޭގެ ޚާއްޞަ އެހީތެރީންނާއި އަތޮޅު އޮފީހުގެ އެހީތެރީންނަށް ޖޫނިއަރ މިނިސްޓަރކަން ދެއްވާ. އެއީ ވެސްވޯޓެއް. އެދުރު

    ބުރާސްފަތި، އޭޕްރީލް 17 2008، 21:41
  19. މީހަކު ބުނެގެން އިސްތިއުފާ ދީފައިވާ މީހަކު އަނެއްކާ އެކަމަށް އެދެފިނަމަ ގަބޫލުކުރަން ޖެހޭނެކަން މިއިން ދޭހަވެއެވެ. .....ކުޑަސޮރު........

    ބުރާސްފަތި، އޭޕްރީލް 17 2008، 21:43
  20. އަޅުގަނޑު އެއްޗެއް ބުނެލަން ބޭނުންވަނީ މަޤާމުތަކާއި ޙަވާލު ވެލެއްވި ބޭފުޅުންނަށް. ތިބޭފުޅުންނަށްވެސް ޤަވްމު މިހާރު އޮތް ޙާލަތާއި ޤައުމު ގޮވާ ގޮވުންތައް ވަރަށް ރަގަޅަށް ސާފުވެ ވަޑައިގަންނަވާނެ ކަމަކަށް އަޅުގަނޑު ޤަބޫލުކުރަނީ. ތިބޭފުޅުންނަށް ފޮނުވާފައިވާ ނޯޓިސް އިންވެސް އެނގެނީ ތިބޭފުޅުންނަކީ ޢުމުރުން ދުވަސްވެފައިވާ އެހެންމީހުންގެ ލޯތްބާއި އިޙޤތިރާމް ބޭނުން ވެލައްވާ ޢުމުރުގެ ބޭފުޅުން ކަމެވެ. އެހެން ނަމަވެސް ތިބޭފުޅުންގެ ތިޔަ ނިންމެވުމުގެ ސަބަބުން އެ އިޙްތިރާމް ކުރުމާއި ޤަދަރު ދިވެހިންގެ ކުރިމަތީ ގެއްލިގެން ދާނެއެވެ. ޢުމުރުން ދުވަސްވެފައިހުރި މީހަކު އޭނަގެ ވެރިކަން ވެއްޓިދާނެތީވެ އެބޭބެ ވިއްދާ ދަނޑިތަކަށް ތިޔަބޭފުޅުން ވެނުލައްވާށެވެ. ހަމަގައިމުވެސް ކޮންމެ މީހަކީ ވެސް މަރުވާނެ މީހެކެވެ. އެހެން ކަމުން އެފަދަ އަނިޔާވެރި ވެރިޔަކު ނަގަހައްޓަން ތިޔަ ކުރައްވާމަސަކަތުން ތިޔަބޭފުޅުން ނަށް އާޚިރަތް ގެއްލިގެން ދިޔުން އެއީ ވަރަށް ގާތުގައި އޮތް ކަމެއްކަން ހަދުމަފޫލުބަހައްޓަވާށެވެ. ހަމަގައިމުވެސް ނުބައިކޮށް ނިމިގެން ދާމީހުނަށް އޮތީ ހޫނުކަން ގަދަފަދަ ވެގެންވާ ނަރަކައެވެ. ނަރަކަވަންތަވެރިއެއްގެ ގޮތުގައި ނަރަކައަށެވެ. ހަމަގައިމުވެސް މިނިސްޓަރުންގެ ފެންވަރުގައި ކަމެއްނުކޮށް ހުންނަ ފަދައިން ސުވަރުގެ ވަންތަ ވެރިއެއްގެ ދަރަޖައިގައި ނަރަކައަކަށް ނުލައްވާނެއެވެ. ބިން އަޙްމަދު

    ހުކުރު، އޭޕްރީލް 18 2008، 00:09
  21. ކޮބާ ދެން އަޅުގަޑަށް ފެންނަނީ މަނިކުފާނު މިފަހަރު ކުރިމަތި ނުލެއްވުމަށް. ޒުވާން ބޭފުޅަކު މިފަހަރު ރައީސް ކަމަށް ހޮވާނީ. ދެން އޭގެ ފަހުން މަނިކުފާނަށް އަޅުގަޑުމެން ދޭނަން "ސީނިއަރ ޕްރެސިޑެންޓް ގްރޭޑް 1" ގެ މަގާމު. އެއީ މާ ރަގަޅުގޮތެއްނޫންތޯ؟ ދެން މިހާރު އަޅުގަޑު ކޮށްލަން ބޭނުންވާ ސުވާލަކީ ސީނިއަރ މިނިސްޓަރެއްގެ މުސާރަ ކިހާވަރެއްތޯ. ޝުކުރިއްޔާ =އާޚިރު ނަތީޖާ=

    ހުކުރު، އޭޕްރީލް 18 2008، 00:11
  22. ހާދަ ފައްކާ ސަރުކާރެކޭދޯ. އެބޭފުޅުން އަމިއްލަފުޅަށް އިސްތިއުފާ ދދީދީވެސް މި ސަރުކާރަކުން ބޯދަމައެއް ނުގަނެވުނުދޯ! އިސްތިއުފާ ދިނީމަ މި ލިބެނީ މާމަތީ މަޤާމެއްވިއްޔަ. މަ އިސްތިއުފާ ދިނަސް އެހެންވާނެބާ. ގައިމުވެސް މަށް 11 ވޯޓު ކިޔަމަންވާނެ.

    ހުކުރު، އޭޕްރީލް 18 2008، 00:29
  23. ސިވިލްސަރވިސްގެ ޤާނޫނު ސަރުކާރުން އިސްލާޙުކުރަން ބޭނުންވީ މިބައިގަނޑު ހިމާޔަތްކުރަންވެގެންނެވެ. އެގޮތުންނުވީމާ މިގޮތުންކުރީއެވެ. ހެޔޮނިޔަތެއްގައިކުރި ކަމެއްނަމަ 65އަހަރުވެގެން ނޯޓިސްފޮނުވި ހުރިހާ އެންމެންނަށް ސީނިއަރ މިނިސްޓަރކަން ދިނީހެވެ. =65ވެގެން ނޯޓިސްލިބިފައިވާ ނިކަމެއްޗެއް=

    ހުކުރު، އޭޕްރީލް 18 2008، 01:31
  24. އެބޭފުޅުން ސިވިލްސާވިސް ކޮމިޝަނުގެ މިލިޔަން ރުފިޔާގެ ރިޓަޔަރމަންޓް ބެނެފިޓް ދޫކޮށްލައްވާފައި، ގައުމަށް ޚިދުމަތް ކުރައްވަން އެނބުރި ވަޑައިގަތީތީ ޝުކުރު އަދާކުރަމާ ހެއްޔެވެ. އެއީ އެބޭފުޅުން ހަމަޖެއްސެވި ބޭފުޅެއްގެ ވެސް ދުރުވިސްނޭކަމެވެ.

    ހުކުރު، އޭޕްރީލް 18 2008، 01:55
  25. ވަށަފަރުމީހުން އޮނބެއްޖެހީޔޯ ކިޔާއަޑު އަހަމު. މިވީ އަނެއްކާ އެކަހަލަ ކަމެއްނޫންބާ؟ ކީކޭދެން ނުކިޔަންވީ. ޤައުމެއްގެ ވަރުގަދަ ޝަޚްޞިއްޔަތެއް އަދި އޭނާ ސީޔާސީ މައްސަލަ އަކާ ގުޅިގެން ޖަލުގައި 27 ކަށް އަހަރުކޮށްފައި މިނިވަންވެ ޤައުމުގެ ރައީސްކަން އެއްޓާމް ކުރައްވާފަ ދެވަނަ ޓާމަކަށް ކުރިމަތިވެސް ނުލެއްވި ބޭފުޅެއް ނިލްސަން މަންޑޭލާ އަކީ. އެބޭފުޅާވެސް ވިދާޅުވި ދެޓާމެއް ވެރިކަމުގައި ފުރިހަމަ ކުރުންވެސް ދިގުމުއްދަތެއް ކަމާއި އެންމެ ރަގަޅީ ފުރިހަމަ އެއްޓާމު ވެރިކަން ކުރުންކަމަށް. އަދިވެރިކަމަކީ ދެވިހިފާ ނުވަތަ އެޑިކްޓް ވާކަމެކޭ. ދެދައުރު ފުރިހަމަ ކޮށްފިއްޔާމު ހަމަގައިމުވެސް ތިންވަނަ ދައުރަކަށްވެސް ދާނޭ ކަމާއި ދެން އެމީހާ އެހިސާބުން ރަގަޅަށް ކުރެވޭނެ އެއްވެސް ކަމެއް ނޮއޮންނާނެ ކަމަށް. އެހެންވީމާ މިއީ ހަމަ ތެދެކޭ ބުނެވޭނީ. ވަރަށް ބުއްދިވެރި ވާހަކައެއް އެއީ. (...ބަންކަރު ހަސަނު)

    ހުކުރު، އޭޕްރީލް 18 2008، 02:59
  26. އަހަރެން ހިތައްއަރާ ބޭފުޅާތިގޮތައް ރަތްޔަތުން ނާމެދު ކަންތައް ތިކުރައްވަނީކީއްވެގެން ބާވައޭ؟ތިފައިސާ ސުނާމީގަ ޚާލްގަ ޖެހިފަވާ ނިކަމެތިންނައް ރަގނގަޅު ކެއުމާ ރަނގަޅުފެން އުޅޭނެ ތަނެއް ހޯއްދަވައި ނުދެއްވީ ކީއްވެގެންބާއޭ؟އަހަރެމެން ރަތްޔަތުންގެ ފައިސާ ހިތައް އަރާގޮތަކައް ހިތައް އެރިމީހަކައް ދެއްވާ ތިހުސް ކުރައްވަނީ ޤައުމެއްގެ ރަތްޔަތުންގެ މިލްކިއްޔާތު ނެތިކޮށްލުމުގެ ބޭނުންފުޅުގަކަން ހަމަޔަޤީނުންވެސް މިއަދު ދިވެހީންނަށް އެގިއްޖެކަން ކަށަވަރެވެ.ދެން ތިވަރުގެ އަމިއްލަ އެދުމުން ފުރިގެންވާ ފަރާޔަކާ މިޤައުމުގެ ވެރިކަން ހަވާލް ކުރާކަށް އަހަރެމެން ބޭނުމެއް ނޫން މިހާރް އެއްމެ މިނެޓަކައް ވެސް ވެރިކަމުގަ ހުންނަވާކަށް ބޭނުމެއް ނޫން ވާރުތަ މުދާ ބަހާ ގޮތައް ވަޒީރް ކަން ބަހާނެކަމެއް ނެތް ވަގުތުން އިސްތިއުފާދެއްވާ؟ ޤައުމް ދެކެލޯބިވާ.ތައްޓޭ.

    ހުކުރު، އޭޕްރީލް 18 2008، 04:36
  27. މިއީ ވަރަށް މޮޅަށް ލިޔެފައި އޮތް ހަބަރެއް. އެހެން އެއްވެސް ނޫހަކުން ނުނަގާ އޭންގަލަކުން ނަގައިގެން ވަރަށް މޮޅު ހަބަރެއް. އަންވަރުގެ ހަބަރުތައް ވަރަށް މޮޅު

    ހުކުރު، އޭޕްރީލް 18 2008، 07:04
  28. މިހާރު މައުމޫނު އެކުރައްވާ މަސައްކަތަކީ ހާލިވެފާއޮތް ގުޅަ ބަރަންޏެއް ހާލި ފިލުވުމުގެ މަސައްކަތެވެ. ބަރަނިތައް އަތަށް ކެހިކެހިހެން ދަނީ އެކި ދިމަދިމާއިން ބާރުވަމުން ގޮށްޖެހެމުންނެވެ. ދެން އެހެންގޮސް ވަކި ހިސާބަކަށް ދިއުމުން ވަރުބަލިވެގެން ރޮދި ކަނޑާލަފާނެއެވެ. ބުނަންހެއްޔެވެ؟ މިހާރު މިފެންނަނީ ވަރުބަލިވެފައިވާކަމުގެ ހެކިތަކެވެ. -އަނގަ ތަޅާ މީހެއް -

    ހުކުރު، އޭޕްރީލް 18 2008، 09:01
  29. ޖަޒީރާނޫސްމީ މައުމޫނާ އެއްކޮޅުނޫހެއް ނުވަތަ މަޢުމޫނު ހަރަދުކުރައްވާނޫހެއް ނޫސްވެރިކަމަކީ ވަކިކޮޅެއްގަތިބެގެން ނުކުރެވޭނެކަމެއްކަމަށް ޖަޒީރާގެ ބޭފުޅުންނަށް ހަނދުމަކޮށްއަރުވަމެވެ. ކޮމެންޓު ނުޖެހެންއެއީ އެކަމުގެ ހެއްކެއް. ތިބޭފުޅުން ކޮމެންޓު ނުޖެހޭސަބަބު އެނގޭނެގޮތަކަށް މިސައިޓު ފަރުމާކޮށްދެއްވުން އެދެމެވެ. "މިސާލަކަށް މަދިރި ރަޝީދު ލ. މާބައިދޫ" މިނަމުގަފޮނުވި ކޮމެންޓު ނުޖެހުނީ މިވެނިސަބަބަކާހުރެ ފުރަޓުން ޕޭޖުގަ ފެންނާނެހެންހައްދަވައިދެއްވުންއެދެމެވެ. އޭރުން ތިބޭފުޅުން ޤަބޫލުކުރާ ސްޓޭންޑަޑައް ކޮމެންޓުތައް ކިޔުންތެރިން ލިޔުމަށް މަގުފަހިވާނެކަން ފެންނާތީ ދެންނެވީމެވެ. ވިކިގެންތިބޭމީހުން ނޫސްވެރިކަމުން މަޢުމޫނު ނޫނަސް އިސްތިއުފާއަށްގޮވާލަން ހަމައެކަނި މަޢުމޫނެއްނޫން ޤައުމުހަލާކުރުމުގެ ޒިންމާނަގަންޖެހޭނީ ނޫސްވެރިންގެ ހިއްސާވަކި ކުޑައެއްނުވާނެކަން މިފުރުސަތުގަ ދަންނަވަން + މަދިރި ރަޝީދު ލ. މާބައިދޫ +

    ހުކުރު، އޭޕްރީލް 18 2008، 17:58
  30. މިހާރުދެން މަނޑުން ތިބެވޭކަށް ނެތް ރަތްޔަތުން ކަންކަމާ ވިސްނާ ފިކުރް ކުރަންވެއްޖެ މާބޮނޑަށް ލަސްވެއްޖެއްޔާ އަހަރެމއންގެ ޤައުމް އަޑިއައް ހިގައިދާނެ މިފެންނަނަނީ ފަހުޒަމާނުގެ ޢަލާމާތުގެ ބައެއް ކޮށްމެވެސް ވަރަކަށް ޒުވާންޖީލް މިކަމާ ވިސްނާ ފިކުރުކުރައްވެއްޖެ؟ވެރިކަމަކީ ރަތްޔަޔިތުނަށް ފައިދާހުރި ރަނގަޅުގޮތަށް ކުރުމަށް ޙަވާލްކޮށްފައިވާ ވެރިކަމެއް ދެޢާއިލާއިގެމީހުން ހިއްހަމަޖައްސަން ޙަވާލްކުރިކަމެއްނޫން!މޮޅައްކިޔަވައިގެން އައިސްތިބިޒުވާނުން އެތިބީރަނގަޅު ވަޒީފާއެއް ނުލިބި ލިބޭމުސާރައކުން ދެކޮޅުނުގެހި އަދިވެސް ތިއުޅުއްވަނީ ގާތް ތިމާއިގެ މީހުންނަށް ހަދައިގެންނަމަވެސް ވަޒީރުކަން ދެވޭތޯ؟ މީއަރަތެއްނޫން ޙަޤީޤަތް ހުވަފެނެއްނޫން ހޭލާތިއްބާ!

    ހުކުރު، އޭޕްރީލް 18 2008، 18:46
  31. ވަރައްމޮޅު ހިޔާލެއް މިސަރުކާރައް ދީފާނަން ރިޔާސީއިންތިހާބް ބާއްވަން 1 ދުވަހައްވީމަ ދިވެހިރާއްޖޭގެ 21 އަހަރުން މަތީހުރިހާމީހުންނައް މިނިސްޓަރުކަން ދިނީމަ ސަތޭކަ ޕަސެންޓު މައުމޫން އައް ވޯޓް ލިބޭނެ ރާއްޕެ

    ހުކުރު، އޭޕްރީލް 18 2008، 19:06
  32. ސީނިއަރ މިނިސްޓަރުންނަކީ ސިވިލް ސާރވިސް ގައި ހިމެނޭ ބައެއްކަން އެކަންކުރި ބަޔަކަށް ނިވިސްނުނީތީ ހިތާމަކުރަން. ދައުލަތުގެ މިނިސްޓަރުންނަކީ އިނގިރޭސި ބަހުން ބުނާނަމަ މިނިސްޓަރ އޮފް ސްޓޭޓުން. އެހެންނަމަވެސް އެމަގާމަކީ ސިޔާސީ މަގާމެއްވެސް ނޫން. ސަބަބަކީ ދައުލަތަކީ ރައްޔިތުންނަށް ނިސްބަތްވާ ނަމަކަށްވާތީ ދައުލަތުގެ މިނިސްޓަރުންނަށްވުމުން ރައީސުލް ޖުމުހޫރިއްޔާ ގެ ސިޔާސީ ސާކަލުގައި ނުހިމެނޭތީއާއީ އަދި ސިވިލްސާރަވިސްގެ ގާނޫނުން މިހާރު ވަޒީފާ އެދެއްވި ދެފެންވަރުގެ ބޭފުޅުން އިސްތިސްނާވާނޭ ކަމަށް ބަޔާންކޮށްފައި ނުވާތީ. އެހެންކަމުން އެބޭފުޅުންނަށް ނޯޓިސް ދެވިފައިވާ މުއްދަތުގައި ވަކިވާނެ. އެއަށްފަހުވެސް އެބޭފުޅުންނަށް އެނަމުގައި މަސައްކަތްކުރުމާއި މުސާރަ ދެވިދާނެ. އެއީ ކޮންމެހެން ގާނޫނީ ހަމަތަކެއްގެ މަތިން ނޫންކަމަށްވިޔަސް ހެޔޮ.

    ހުކުރު، އޭޕްރީލް 18 2008، 19:47
  33. ކަތީބުންނަށް ވޯޓު އޮޅުވާލަން މަސައްކަތް ކުރެވޭނީ އެމީހުންވެސް ސިވިލް ސަރވިސްއިން މިނިވަން ވެގެން ޒަޢީމުގެ ބާރުގެ ދަށަށް އައިސްގެން އެހެންވީމާ މޮޅު ގޮތެއް ކޮށްކޮ ބުނެފާނަން އެއީ ހުރިހާ ކަތީބުން ޖޫނިޔަރ މިނިސްޓަރުންނަށް ހިދާ އޭރުން ސިޔާސީ މަގާމަކަށްވެސްވީ ވޯޓު އޮޅުވާލުމާއި ވޯޓޫފޮށި މައްޗަށް އަރާއިދެ ކުރިޔެކޭވެސް އެއްގޮތަށް ތިމަންނަ އަށް ދައްކާފައި ނޫނީ މިފޮއްޓަށް އެންމެ ގަޑެއްވެސް ނޭޅޭނެއޭ ބުނެ ރައްޔަތުންނަށް ބިރު ދައްކާ ފޮށީ ފަޅާލުމުގަ ހޭބޯނާރާ އުޅޭނެ ވަރަށް ރަގަޅު ޙިޔާލެއްދޯ - ޙިޔަޅުބުއްދި-

    ހުކުރު، އޭޕްރީލް 18 2008، 20:44
  34. ތިރީގައި މިދަންނަވާ ގޮތަށް މަޤާމުތައް ބަދަލު ކުރައްވައިފި! ދިވެހި ރާއްޖޭގެ ރައީސް ޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުންނެވި މއ. ކިބިގަސްދޮށުގޭ އަލްއުސްތާޛް މައުމޫން ޢަބުދުލްޤައްޔޫމް، ދިވެހި ރާއްޖޭގެ ސީނިއަރ ރައީސްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ބަދަލު ކުރައްވައިފި. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުންނެވި މއ. ކިނބިގަސްދޮށުގޭ އަލްއުސްތާޛް މައުމޫން ޢަބުދުލްޤައްޔޫމް، ދިވެހިރާއްޖޭގެ ސީނިއަރ ރައީސް ޖުމްހޫރިއްޔާ ކަމަށް ބަދަލު ކުރެއްވުމާ ގުޅިގެން، އެމަނިކުފާނުގެ އަނބިކަނބަލުން މ. އެންދެރިމާގޭ އަލްފާޟިލާ ނަޞްރީނާ އިބްރާހީމް، ދިވެހިރާއްޖޭގެ ސީނިއަރ ރައީސުލްޖުމްހޫރިއްޔާ ގެ، ސީނިއަރ އަނބިކަނބަލުން ކަމުގައި ހަމަޖައްސަވައިފި. މިހެންވެ މި ވާހަކަ ދެންނެވުމުގެ މާތްކަން ލިބިގަތީމެވެ. ދިވެހި ދަރިއެއް

    ހޮނިހިރު، އޭޕްރީލް 19 2008، 02:32
  35. އެއްދުވަސް ވަރެއްގައި ބޮޑެތި ޚަރަދުތައް ކޮރަޕްޓްވާގޮތަށް ކޮށްގެން ދިވެހިނާދީއޭކިޔައިގެން ވަނީ ހިންގާފަ އެވެ. އެތަނުން ކުރާހާވެސް ޙަރަކާތަކީ 05 އަހަރުން އެއްއަހަރު މެމްބަރުން އާކުރަން ބާއްވާ ބައްދަލްވުމެއްގައި އުޑުން ތަރިބޭލުމެވެ. އެއީ ބައްދަލްވެފް ސައިގަޑީގަ އެވެ. އެއަށްފަހު ނިމުނީއެވެ. ދެންކުރާ ކަމަކީ ބޭނުންނުވާހާ ގިނަޢަދަދަށް ފަތްތޫރަ ޗާޕްކޮށް ނެރުމެވެ. އެހެން އުޅެނިކޮށް އުތުރުގެ ޝާޢިރަކު ސަރުކާރަށް ފާޑުކިޔާ 2001 ވަނަ އަހަރު ނެރުނު ގަތްތޫރައެއްގައި ( މިޞްރާބު ސީދާތޯ؟ ) މިނަމުގައި ލިޔުނު ޅެމެއްގައި ވެރިޔާއަށް މަލާމަތް ރައްދުވެފަ އޮތަތީވެ އެކަންތައް ތައްކޮޅެއް ތައްކަތި ވިއެވެ. އެޅެމުގައި ޤިޔާމަތް ދުވަހުން ތާޖުނުވިދާނެ ވާހަކަވެސް އޮތެވެ

    ހޯމަ، އޯގަސްޓް 25 2008، 20:39
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv