މިއަހަރުގެ ނައިޓް މާރކެޓުގައި ވިއްކާ މުދަލުގެ އަގު ކުރީއަހަރަށްވުރެ 30 ޕަސެންޓް ބޮޑުވާނެ : ވިޔަފާރިވެރިންގެ ޖަމިއްޔާ
މިއަހަރުގެ ނައިޓް މާރކެޓުގައި ވިއްކާ މުދަލުގެ އަގު ކުރީ އަހަރަށްވުރެ 30 އިންސައްތަ ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޯލްޑިވްސް ނެޝެނެލް ޗެންބަރ އޮފް ކޮމާރސް އެންޑް އިންޑަސްޓްރީޒް(އެމްއެންސީސީއައި) ން ބުނެފި އެވެ.
ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިޓް މާރކެޓު ކޮމެޓީގެ ޗެއަރޕާރސަން ހުސެން މުހައްމަދު ރޭ ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބަދަލުގެ ސަބަބުން މިއަހަރު ނައިޓްމާރކެޓުގައި ވިއްކާ މުދާ 30 އިންސައްތަ އަގު ބޮޑުވާނެ ކަމަށެވެ.
” މިއަހަރު މުދާއަގު ބޮޑުވާނެ އެންމެ ބޮޑު އެއް ސަބަބަކީ މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެފައިވުން. މިވަރަށް އަގު ބޮޑުވެގެން ދިޔަކަމުގައި ވިއަސް މިހާރު ބާޒާރުގައި އާއްމުކޮށް މުދާ ލިބެން ހުންނަ އަގަށް ވުރެ ވަރަށް ބޮޑުތަން ހުރިހާ ބާވަތެއްގެ މުދަލަކުން ވެސް ހެޔޮވާނެ.“ ހުސެން ވިދާޅުވިއެވެ.
މިއަހަރުގެ ނައިޓްމާރކެޓުގައި ބައިވެރިވި ފަރާތްތަކާއި ބައްދަލުކުރުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަމުން ނައިޓް މާރކެޓު ކޮމެޓީގެ ވައިސް ޗެއަރޕާރސަން އިސްމާއިލް އާސިފް ވިދާޅުވީ ނައިޓް މާރކެޓުގެ ފުރަތަމަ ރޭ ބިދޭސީން ސްޓޯލްތަކުގައި ނުބޭތިއްބުމަށް އެޖަމއިްޔާއިން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ.
” ފުރަތަމަ ރޭ ސްޓޯލްތަކުގައި ބިދޭސިން ނުބޭތިއްބުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް. އެއީފުރަތަމަރެއަކީ ނައިޓް މާރކެޓު ފެށޭރޭކަމަށް ވާތީ ބިދޭސީން ބޭތިއްބުމުން އެމީހުނަށް ވާނުވާއެއް ނޭގޭނެ. ފުރަތަމަ ރެއަށް ފަހު އެމީހުން ތިބުން އެއީ މައްސަލައެއް ނޫން.“ އާސިފް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ނައިޓްމާރކެޓުގައި ސްޓޯލްތައް ކެޓަރައިޒްކުރުމަށް ނުފެންނަ ކަމަށް ނައިޓް މާރކެޓުގެ ކަންތައްތަކާއި މެދުނެގި ހިޔާލުހޯދުންތަކުން ހުރިހާ ބައިވެރިންވެސް ވަނީ ބުނެފައެވެ.
މިއަހަރުގެ ނައިޓް މާރކެޓުގައި ބައިވެރިވި ފަރާތެއް ބުނީ މުދާތައް ކެޓަގަރައިޒް ކުރުމުން މުދަލުގެ އަގުވައްޓާލުމަށް މަސައްކަތް ކޮއްފާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.
” އެކި ހިސާބުތަކަށް މުދާތައް ކެޓެގަރައިޒް ކުރުމުން ވާނެ ގޮތަކީ މުދަލުގެ އަގުވައްޓާލާ ނައިޓް މާރކެޓުގެ އަސްލު މަގުސަދު ހާސިލެއް ނުވާނެ. އެގޮތައް މުދާތައް ކެޓަގައިޒް ކުރަނީ ބޭރުގެ ވަރަށް ކޮލެޓީ މުދާ ވިއްކުމަށް ހާއްސަ ފެއަރތަކުގައި. މިކަހަލަ ރިފްރެޝްކޮށްލާ ފެއަރތަކުގައި މުދާތައް ކެޓެގައިޒްއެއް ނުކުރާނެ.“ ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް ބައިވެރިއަކު ބުންޏެވެ.
ވިޔަފާރި ވެރިންގެ ޖަމްއިއްޔާއިން ބުނީ މިއަހަރުގެ ފެއަރގައި 550 ސްޓޯލް ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ.