އުއްތަމަ ފަނޑިޔާރު އައްޔަންކުރުމަށް މޮޑީ ހުށަހެޅުއްވި ބިލް: އުއްތަމަ ފަނޑިޔާރު މުސްތަގިއްލުކުރަން ޑީއާރުޕީ މެމްބަރުން ބޭނުން ނުވެގެން ބިލް ފޭލްކޮށްލައިފި

އަހުމަދު މުހުސިން އޭޕްރީލް 16، 16:57 12 ޚިޔާލު

އުއްތަމަ ފަނޑިޔާރު އައްޔަން ކުރުމުގައި ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހަށް ބާރެއްދީ އެމަޤާމު މިނިވަންކޮށް މުސްތަޤިއްލު ކުރުމަށް ޑީއާރުޕީ އަށް ނިސްބަތްވާ މެންބަރުން ބޭނުންފުޅު ނުވެގެން ޏ އަތޮޅު މެންބަރ މުހައްމަދު އިބްރާހީމް ދީދީ ހުށަހެޅުއްވި އުއްތަމަ ފަނޑިޔާރު މަޤާމަށް އިސްކުރުމާއި ވަކިކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފޭލްކޮށްލައިފި އެވެ.

މިބިލް މަޖިލީހަށް ބަލައިގަނެ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 4 ވަނަ ދުވަހު އެމަޖިލީހުގެ ދާޚިލީ ކޮމެޓީއަށް ފޮނުއްވާ އިސްލާހުކޮށްގެން މިއަދު ގެންނެވުމުން ބިލު ފާސްކުރުމަށް ވޯޓު ދެއްވީ އެންމެ 18 މެންބަރުންނެވެ.

އެވަގުތު ހާޒިރުވެ ތިއްބެވި 26 މެންބަރުންގެ ތެރެއިން ފެނިވަޑައި ނުގަންނަވާ ކަމަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވިނަމަވެސް ވަކިކޮޅަކަށް ވޯޓު ނުދެއްވާ 7 މެންބަރުން ތިއްބެވިއެވެ. އެމެންބަރުންނަކީ މުޅިންވެސް ޑީއާރުޕީ މެންބަރުންނެވެ. އަދި ޑީއާރުޕީއަށް ނިސްބަތްވާ އެނަރޖީ މިނިސްޓަރ ހދ އަތޮޅު މެންބަރ އަހުމަދު ޢަބްދުﷲ އެއްވެސް ފިތަކަށް އޮއްބައެއް ނުލައްވައެވެ.

އުއްތަމަ ފަނޑިޔާރަކީ މިހާރު ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ބޭފުޅެއްކަމަށް ވީނަމަވެސް ފާސްނުވެގެންދިޔަ މިބިލުގައިވާގޮތުން އުއްތަމަ ފަނޑިޔާރު އައްޔަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިންނެވެ.

މިބިލާ އިދިކޮޅަށް ވާހަކަދެއްކެވި މެންބަރުން ވިދާޅުވަމުން ގެންދެވި މައިގަނޑު ވާހަކައަކީ އިސްލާހުކުރެވޭ ޤާނުން އަސާސީގައިވެސް އުއްތަމަ ފަނޑިޔާރު އައްޔަން ކުރާގޮތަށް އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ކަމަށެވެ. އަދި ޤާނޫން އަސާސީ ނިމެން ކައިރިވެފައިވާއިރު އެހާ ކުޑަދުވަސްކޮޅަކަށް މިފަދަ ބިލަކުން އުއްތަމަ ފަނޑިޔާރު އައްޔަން ކުރުމަކީ ރަނގަޅުކަމެއްކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

ބިލާ އެއްކޮޅަށް ވާހަކަދެއްކެވި މެންބަރުން ވިދާޅުވީ ޤާނޫން އަސާސީ އިސްލާހުކޮށް ނިމޭނެ ދުވަހެއް އަދި ނޭނގޭ ކަމަށާއި އެ ޤާނޫން އަސާސީގެ ދަށުން ޤާނުންތައް ހެދޭނެ ދުވަހެއްވެސް ނޭނގޭ ކަމަށެވެ. އެހެންކަމުން ކިތަންމެ ކުޑަދުވަސްކޮޅަކަށްވެސް ރާއްޖޭގެ އަދްލު އިންސާފްގެ ދާއިރާ މިނިވަންވެ މުސްތަޤިއްލުވެގެން ދިއުމަކީ ވަރަށް މުހިއްމު އަދި ރައްޔިތުން އެހާމެ ބޭނުންވެފައިވާ ކަމެއް ކަމަށެވެ.

މޮޑީ ހުށަހެޅުއްވި ކޮމިޝަނަރ އޮފް އިލެކްޝަންސްގެ މަޤާމަށް އިސްކުރުމާއި ވަކިކުރުމުގެ ބިލުވެސް ދާޚިލީ ކޮމެޓީން ގެންނެވި އިސްލަހުތަކާއެކު ފާސްކުރުން އޮތެވެ. ނަމަވެސް ބިލަށް ވޯޓަކަށް އަހަން ވޯޓު ރަނގަބީލު ޖަހާފައިވަނިކޮށް ކޯރަމް ގެއްލިގެން މިއަދުގެ ޖަލްސާ ހުއްޓަވާލެއްވިއެވެ.

މިބިލަށްވެސް ޑީއާރުޕީ މެންބަރުން ވާހަކަދެއްކެވީ ފާސްނުކުރުމުގެ ރޫހެއްގައެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. މިހާރުދެން ތިކިޔާ ޑީއާރުޕީ މެމްބަރުންނޭކިޔާގެން އެއްވެސް ވާހަކައެއް ނުދައްކާށެވެ. ތިޔަ، މެމްބަރުންނަކީ އަހަރެމެން ރައްޔިތުންގެކުރިމަތީގަ މިހާރުއެއްވެސް ބައެއްނޫނެވެ. އަހަރެމެން ރައްޔިތުން ކުޅުގުޔަށްކުރާ ގަދަރުވެސް ތިޔަބުނާ މެމްބަރުންނަށް މިހާރަކު ނުކުރަމެވެ. އެއީ، އަޅުގަނޑުމެން ރައްޔިތުންގެ ހާދިމުންނެއްނޫން. އެއީ، ހަމައެކަނި މައުމޫނުގެ ހާދިމުންނެވެ. އަހަރެމެން ރައްޔިތުން މިހާރުމުޅިން ފޫހިވެއްޖެއެވެ. މައުމޫނު ވެރިކަމަށް ދެންހޮވަން ބޭނުންނަމަ ތިޔަ، މެމްބަރުންނާ އެމީހުންގެ އައުވާނުން މުނާފިގުންލައިގެން ހޮވާށެވެ. ( ފިނިފެންމާ )

    ބުދަ، އޭޕްރީލް 16 2008، 18:24
  2. ރާއްޖޭގެ ހުރިހާރައްޔިތުންނަށް ގޮވާލަން މިގޮތަށް ތިމާމެންގެ ނުފޫޒު މަޖުލސްގަ އި ބޭނުންކޮށްގެން ކަންނިންމަމުން ގެނދާތި އެކަމާ ދެކޮޅުހެދުމުގެ ގޮތުން މަޖުލިސްކުރާގޭގަ ދޮރުމަތީގައި ބަޑުހައިހޫނުކަމުގެ ހަޅުތާލެއްހެދުމަށް ، މިހެންމިދެއްނެވީ ސަބަބެއްނެތއެއްނޫން ، ރައްޔިތުންނާއިމެދު އެއްވެސްވަރެއްގެ ހަމުދަރުދީއެއްނެތް ޑީ އާރު ޕީއަށް ނިސްބަތްވާ ބައިގަޑަށް އެއްޗެއްވިސްނޭތޯ ބެލުމުގެގޮތުން ، އަޅުގަޑު ވަރަށް ބޮޑަށް އުއްމީދުކުރަން އަޅުގަޑުގެ ހުށަހެޅުން ބަލައިގަންނާނެކަމަށް . ޝުކުރިއްޔާ = އޭސް =

    ބުދަ، އޭޕްރީލް 16 2008، 20:43
  3. ޑީއާރުޕީގެ ފަރާތުން މިފަހަރުވެސް ފެނިގެންތިދިޔައީ ހުރިހައި ކަމެއް އެކެއްގެ މުށުތެރޭގައި ބާއްވަން އުޅޭކަމުގެ ފުރިހަމަދަލީލެކެވެ.އެކަމަކު އަޖާއިބުވެއަންތަރީސް ވަނީ އެކަކާހެދީ މުޅިގައުމު ވިއްކާލަން އުޅޭތީއެވެ.އެމީހަކުމަރުވެއްޖެއްޔާ މިބައިގަނޑު ކިހިނެއް ހަދާނެބާއެވެ. =ލަގޮނޑި=

    ބުދަ، އޭޕްރީލް 16 2008، 20:55
  4. ރައްޔިތުންއެދޭގޮތައް ވެރިކަން ކުރުމަކީ ތި ޑީއާރުޕީގެ ލަގޮނޑިއަށް ކެއްކުރެވޭނެ ކަމެއްނޫނެވެ.ވާނީވެސް އެހެންނެެވެ.ދަސްވެފައިހުރީ ޑިކްޓޭޓަރުކަމެވެ.=ޢަލީ=

    ބުދަ، އޭޕްރީލް 16 2008، 20:59
  5. ކަލޭމެން ރަސުކައުންސިލް ވާހަކަ ލިޔެލަބަލަ. އޭރުން ހަޤިގި ޑިމޮކްރަސީ އަންނާނީ

    ބުދަ، އޭޕްރީލް 16 2008، 21:12
  6. މޮޑީމެން ހާދަމޮޔައޭދޯ؟ ތިދެމަޖިލީހަކީ ވަކިބަޔަކުބޭނުންވާ ކަންތަށްތަކެއް ހުށަހަޅާއެކަންތަށްތަށް ފާސްކުރުމައްއޮންނަ ދެމަ ޖިލިސްކަން މިދުވަސްކޮޅުގަ ވަރަށްރަގަޅަށް ހާމަވެގެންހިގައްޖެ، އަޅުގަނޑުމެން ދިވެހިރައްޔެތުންނަކީބޭނުންބައެއްނޫންކަން އަޅުގަނޑުމެންނަށް ވަޒަންކުރެވިއްޖެ، އެކަމަކުއަޅުގަނޑުމެންނަށް ސަލާންޖަހަންއެބޭފުޅުން އަންނާކަށްދެންމާކަގިނަދުވަހެއް ނެއް، އެހިސާބުންއަޅުގަނޑުމެންނާޖެހުނީ ވޯޓުދޭނީ މައުމޫނެއްނޫން އެބާރުއޮތީއަޅުގަނޑުމެންއަތުގަ، މިހާރުމައުމޫނަށްވަފާތެރި މެންބަރުންނަށް އެދުވަހަކުވެސް ވަފާތެރިވާނީ މައުމޫނު، މިކަން ހަނދާންކުރަންވާނެ، ހީނުކުރާތި ކަތީބުންގެ ބޭނުންކޮށް ގެންދެން ގޮނޑިއެއްކާމިއާބުކުރެވިދާނެކަމަށް، ނޫނީރައްޔެތުންގެ މެންބަރުންގެގޮތުގަ ދެންވެސްމަސައްކަތްކުރައްވާ، ނުނީ ގޮނޑިގެއްލި މައުމޫނުވެސް ގެއްލޭނެ، އަޅުގަނޑުމެން މިތިބީވަރަށްކެރިގެން، މިވެރިކަނ ބަދަލުކުރަން، މަޖިލިސްމެންބަރުން ގެކުރިމަގާދޭތެރޭވިސްނާނީއެބޭފުޅުން، އެބޭފުޅުން މިވަގުތުމިނިނާޅިއަކުން ފަހުންއަޅުގަނޑުމެން މިނާނެކަން ޔަގީންކޮށްއަރު ވަން، ވާނުވާބަލަމުންދާދިވެހިދަރިއެއް،

    ބުދަ، އޭޕްރީލް 16 2008، 21:35
  7. ޙުދުމުޙުތާރު ވެރިކަމެއްކަން ބަޔަކު ސިފަކުރަންފެށީމާ ފޮރުވައިގެން ތިއްބާ މިހިރަ ފަޅައިގެން އެކިދިމަދިމާލުން ނިކުންނަނީ އެވެ. ނުހިފެހެއްޓޭނެއެވެ. ހިފަހައްޓަން މަސައްކަތްކުރާ ދިމާލުން ފަޅައިގެންދާނެއެވެ. ބުއްރާސް ......

    ބުދަ، އޭޕްރީލް 16 2008، 22:19
  8. ތިޔަނޫހުގައި މިނިވަން ޙިޔާލެއް ޖަހާލަން ނުކެރެތީ ހައިރާންވަމެވެ. ކޮން ޙިޔާލުކޮލަމެއް ހެއްޔެވެ.

    ބުދަ، އޭޕްރީލް 16 2008، 22:35
  9. ޖަޒިރާ ނޫހަކީ ވަކިފަރާތަކަށް ޖެހިގެން ނެރެވޭ ނޫހެއްކަން ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ. ޑިމޮކްރަސީގެ އާ މަރުޙަލާއަކަށް ޤައުމު ދަތުރު ކުރަމުންދާ ވަގުތެއްގައި ދެފަރާތްހަމަ މިނިވަން ނޫސްވެރިކަމަށް ޖަޒީރާ ނޫހުން ތަރުޙީބު ދިނުން ބުއްދިވެރިއެވެ. ޖަޒީރާ ނޫހުން ޢާއްމުންގެ ޚިޔާލު ހޯދަންކުރައްވާ ސާރވޭތަކުންވެސް ދައްކަނީ އެކަންކަމުގެ ހަޤީޤީ ނަތީޖާއާއި ދިމާ އިދިކޮޅަށެވެ. މިކަމާމެދު ވަރަށް ބޮޑަށް ޖަޒީރާ ނޫހުގެ ޓީމުން ވިސްނަވާނޭކަމަށް ހީކުރަމެވެ. ނޫންނަމަ ނޫހުގެ އިތުބާރު ޢާއްމުންގެ މެދުގައި ގެއްލި ނޫސް ނުވިކޭތަން އަތުވެދާނެއެވެ. ޚާދިމުކުމް

    ބުރާސްފަތި، އޭޕްރީލް 17 2008، 06:26
  10. ވެރިއަކު މާގިނަދުވަހު ހުންނަނީނަމަ ވާނީ ހަމަ ތިޔަހެން، އެންމެ ފަހުވަގުތު ވޯޓް ފޮށީގެ ވޯޓް ތައް ބަދަލު ކޮށްގެންވެސް މިހާރުވެރިއަކަށް ހުރި މީހާ ހޮވާނެ. ދެން އަޅުގަނޑުމެން ކީއްކުރާނީ ދޯ!! ފައިސާ އާއި ބަނޑި އަދި ކަރުނަގޭހުގެ ބާރުވެސް އޮތީ ހަމަ އެވެރީންގެ އަތުގައެވެ. ދޮންމަނީކެގޭ ކަތްދާގެ އީސާ މަރިޔަނބުގެ ތުއްތުނާ

    ބުރާސްފަތި، އޭޕްރީލް 17 2008، 10:20
  11. ޖަޒީރާ ނޫސް ކަންތައް ތަކުގެ ހަގީގަތް ލިޔުނީމަ މިހާރު އެއީ ވަކި ކޮޅަކަށް ޖެހިފަ ވާ ނޫސް އަކަށް ވީ ތިދެން ކިހާ ހެއްވާ ކަމެއް

    ބުރާސްފަތި، އޭޕްރީލް 17 2008، 12:50
  12. ހޯހޯ ޖަޒީރާ އޭ ނުކިޔާ! އެވަރުގެ ނޫހެއް ރާއްޖޭގައި މަދުވާނެ. މައުމޫނާއި އޭނާގެ ޕާޓީގެ ވާހަކަ ލިޔުނަކަސް އެނޫސް ލިޔުނުމީހުން ނަރަކަޔަކަށް ނުދާނެ! ހޭ އަރާބަލަ އެއީ ކަލާގެއެއް ނޫނޭ!!!!!!

    އަންގާރަ، އޯގަސްޓް 26 2008، 15:30
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv