ދަގަނޑޭ އާއި ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނާޅަން ކޯޗު ނިންމައިފި

މުހައްމަދު ޝަނޫން އޭޕްރީލް 16، 16:48 2 ޚިޔާލު

ކްލަބް މޯލްޑިވްސްކަޕް ފުޓްސެލް މުބާރާތުގައި ޕޯޓްސް އޮތޯރިޓީގެ ޓީމަށް ޤައުމީ ކޯޗުގެ ބަހާ ދެކޮޅަށް ކުޅެމުންދާ އަލީ އަޝްފާގު(ދަގަނޑޭ) އާއި ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅަން ބޭނުންނުވާ ކަމަށް ކޯޗު ޖޯސަފް ޔަންކޭޒު ބުނެފި އެވެ.

ޤައުމީ ޓީމުގެ މުހިއްމު ހަރަކާތްތަކެއް ކުރިއަށް އޮތުމުން ޓީމުގެ އެއްވެސް ކުޅުންތެރިއަކު އަމިއްލަ ފަރާތަކުން އިންތިޒާމް ކުރާ މުބާރާތެއްގައި ނުކުޅެން ކޯޗު އަންގާފައިވަނިކޮށް ދަގަނޑޭ ވަނީ އޭނާ ލުބުނާން މެޗަށްފަހު މާލެ އައިފަހުން މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ ކުޅުނު ދެމެޗުގައިވެސް އެޓީމަށް ކުޅެ ލަނޑު ޖަހާދީފައެވެ. ހެލްތު މިނިސްޓްރީ ބަލިކޮށް ކުއާޓަރ ފައިނަލަށް ޓީމު ދިޔައިރު އޭނާ ވަނީ 4 ލަނޑު ޖަހާފައެވެ.

ދަގަނޑޭއަކީ އެމް ޕީ އޭގެ މުވައްޒަފެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ބުނަމުން އައި ނަމަވެސް ކްލަބް މޯލްޑިވްސްއިން ބުނީ އޭނާ ރަޖިސްޓްރީކޮށްފައިވަނީ މުވައްޒަފެއްގެ ގޮތުގައި ނޫން ކަމަށެވެ. ”މުބާރާތުގައި ކުޅޭ ޓީމުތަކުގެ ތެރެއިން ފުރަތަމަ ޑިވިޝަންގެ ޓީމުތަކުގެ ކުޅުންތެރިން ނެތް ޓީމުތަކަށް ފުރުސަތު އޮންނާނެ އޮފީހުގައި ނޫޅޭ ކުޅުންތެރިއަކު ލައްވާ ކުޅުވަން. ދަގަނޑޭ ޓީމުގައި ހިމަނާފައިވަނީ އެ ކުޅުންތެރިޔާގެ ގޮތުގައި“ ކްލަބް މޯލްޑިވްސްގެ ޗެއާމަން މޫސާ ރަމީޒު ވިދާޅުވިއެވެ.

ނަމަވެސް ވީބީގެ ސީ އީ އޯ ގަހުތާން ހަލީމް ވިދާޅުވީ ދަގަނޑޭ އަކީ އެމް ޕީ އޭގެ މުވައްޒަފެއް ކަމަށެވެ.

ޔަންކޭ ބުނީ އެއްވެސް ކުޅުންތެރިއަކަށް ދެރަގޮތެއް ހަދަން ބޭނުން ނުވާ ކަމަށާއި ދަގަނޑޭގެ މައްސަލައިގައި ކްލަބުން އޭނާ ދިފާއު ކުރަމުންދާތީ އޭނާއަށް އެކަމަށް ފިޔަވަޅެއް އެޅެން ނެތް ކަމަށެވެ. ”ކުޅުންތެރިޔާއަށް މުސާރަދީގެން މި ގެންގުޅެނީ ކްލަބުން. މިކަމުގައި ކްލަބުން އެއްބާރުލުން ނުލިބެންޏާ ކުރާނެ ކަމެއް ނޯންނާނެ. އެހެންވެ ދަގަނޑޭ މައްސަލައިގައި އިތުރު ފިޔަވަޅެއް އަޅާކަށް ގަސްތެއް ނުކުރަން.“ ޔަންކޭ ބުންޏެވެ.

ޔަންކޭ ބުނީ ދަގަނޑޭގެ މުސާރަ ކެޑިދާނެ ކަމަށާއި ނަމަވެސް އެއީ އޭނާއަށް މާބޮޑު އެއްޗަކަށްވެސް ނުވާނެ ކަމަށާއި އަނެއްކޮޅުން އެއްވެސް ކުޅުންތެރިއަކަށް ދެރަގޮތެއް ހަދަންވެސް އޭނާ ބޭނުން ނުވާ ކަމަށެވެ.

ޔަންކޭ ބުނީ އޮއްޕޮވެސް އެ މުބާރާތުގައި ކުޅެމުންދާތީ އޭނާ ކަންބޮޑުވާ ކަމަށާއި އެހެން ނަމަވެސް އެއީ ތަފާތު މައްސަލައެއް ކަމަށެވެ. ”އޮއްޕޮ ކުޅެމުން އެގެންދަނީ އޭނާގެ އޮފީސްޓީމަށް. އެކަމަކު ދަގަނޑޭ ކުޅެނީ އޮފީސް ޓީމަކަށް ނޫން. އެހެންވެ ވަރަށް ތަފާތު ދެކަމެއް މި އުޅެނީ.“ ޔަންކޭ ބުންޏެވެ.

ޔަންކޭ ދަގަނޑޭ އާއި ވާހަކަ ދެއްކުމަށްފަހު އޭނާ ގާތު ބުނެފައިވަނީ އޮތީ ދެގޮތެއް ކަމަށާއި އެއްގޮތަކީ މީޑިއާގެ ކުރިމަތީގައި މާފަށް އެދުން ކަމަށާއި އަނެއް ގޮތަކީ މުސާރައިން ކެނޑުން ކަމަށެވެ. ދަގަނޑޭ ޤައުމީ ޓީމުގެ މެނޭޖަރ ޝާހު އިސްމާއީލްއަށް ގުޅުމުންފަހު ބުނެފައިވަނީ މާފަށް ނޭދޭނެ ކަމަށެވެ. އެއީ މާފަށް އެދެން ޖެހޭވަރުގެ ކުށެއް ކަމަށް އޭނާއަށް ޤަބޫލު ނުކުރެވޭތީ ކަމަށެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ވީބީއަކީ ފުޓްބޯޅަ ކުރިއަރުވާނެބައެއްކަމައްހީކުރިން ނަމަވެސް މިފެންނަނީ އެހެންމަންޒަރެއް.އަލީ-

    ބުދަ، އޭޕްރީލް 16 2008، 21:25
  2. ައަޝްފާގު މޮޅުވީމަ ނުކެރެނީ ފިޔަވަޅެއް އަޅަން.

    ބުރާސްފަތި، އޭޕްރީލް 17 2008، 07:45
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv