ތިންލައްކަ އަށްވުރެ ގިނަ ރުފިޔާގެ މަސްކިރުވައިގެން ފުވައްމުލަކު ދޯންޏެއް މިއަހަރުގެ އާ ރެކޯޑެއް ހަދައިފި
މިފްކޯއިން މަސްގަންނަ ގދ ތިނަދޫ ބަނދަރަށް އެއްދޯންޏަކުން އެއްފަހަރާ ތިންލައްކަ އައްވުރެ ގިނަ ރުފިޔާގެ މަސްކިރުވައިގެން ފުވައްމުލަކު ދޯންޏަކުން މުޅިން އާ ރެކޯޑެއް ގާއިމް ކޮށްފި އެވެ.
މިފްކޯއިން މައުލޫމާތު ދިންގޮތުގައި 14 އޭޕްރީލް 2008 ވަނަ ދުވަހު 374314.50 ރ ގެ މަސްކިރުވައިގެން މިރެކޯޑު ހަދާފައިވަނީ ޏ. ފުވައްމުލައް ފިޔާތޮށިގޭ ހުސެއިން ޢަބްދުﷲ ދީދީގެ ”ފަހިރޯޅި“ ދޯންޏެވެ. މިފްކޯއިން މައުލޫމާތު ދޭ ގޮތުގައި މިދޯނިވަނީ މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން އެއްދުވަހު މަސްކިރުވައި އަހަރުގެ ފުރަތަމަ ތިންމަސް ދުވަހުގެ ރިކޯރޑް މުގުރާލައި މުޅިން އާރިކޯރޑެއް ވެސް ގާއިމްކޮށްފަ އެވެ.
މިފްކޯއިން މައުލޫމާތު ދޭ ގޮތުގައި މީގެ ކުރިން އެއްދުވަހެއްގެ މައްޗަށް އެންމެ ގިނައިން މަސްކިރުވައިގެން މިރެކޯޑު އޮތީ ސ. ހިތަދޫ ”ރަހާ“ ދޯންޏަށެވެ. އެގޮތުން ރަހާދޯނިވަނީ މިއަހަރުގެ ފެބްރުއަރީ މަހު 16 ވަނަ ދުވަހު 36552.0 ކިލޯ މަސް ކިރުވާފަ އެވެ.
މިފްކޯގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި މިހާތަނަށް އެއްދުވަހެއްގެ މައްޗަށް އެންމެ ގިނަ މަސްކިރުމުގެ ރިކޯރޑް ގާއިމްކޮށްފައިވަނީ 2006 ޖެނުއަރީ 26 ވަނަ ދުވަހު 51265.0 ކިލޯ މަސްކިރުވި ގދ. ތިނަދޫ ރަސްމަގު ދޯންޏެވެ.