ރިޔާސީ އިންތިހާބާ ބެހޭ ގާނޫނު އުވާލަން ހުށަހެޅުން- ބޮޑެތި މައްސަލަތަކެއް ފެންމަތިވެދާނެ ކަމެއް
އާ ގާނޫނު އަސާސީ ގެ ދަށުން މިއަހަރު ބާއްވަން ޖެހޭ ރިޔާސީ އިންތިހާބު ބޭއްވޭނެ ކަމާ މެދު މިހާރު ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފަ އެވެ. ސިޔާސީ މަސްރަހު ހުރިގޮތުން އެ ފަދަ ފިކުރެއްގައި ތިއްބާ އެ އަށް ވުރެ ބޮޑު ސިހުމެއް މިހާރު ވަނީ ލިބިފަ އެވެ. އެއީ މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުގެ މަތިން ބާއްވަން ޖެހޭ ރިޔާސީ އިންތިހާބު ބޭއްވުމަށް އަމަލުކުރަމުންދާ ރިޔާސީ އިންތިހާބާ ބެހޭ ގާނޫނު އުވާލުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން, މިހާރުގެ ގާނޫނު އަސާސީގެ ދަށުން ރިޔާސީ އިންތިހާބެއް ބާއްވަން ޖެހިއްޖެ ނަމަ ކުރިމަތިވާނެ ކަންތައްތަކާ މެދުގަ އެވެ.
އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެމަޖިލިސް އަށް މަޖިލީހުގެ ރައީސް އަހުމަދު ޒާހިރު ސަރުކާރުން ހުށަހަޅާފައިވާ ރިޔާސީ އިންތިހާބާ ބެހޭ ގާނޫނު އުވާލުމުގެ ބިލުގެ ފުރަތަމަ ކިއުން އިއްވެވުމާއެކު އިސްލާހަށް މަސައްކަތްކުރާ މެމްބަރުންތައް ވަނީ ނިޒާމީ ނުކުތާގެ ދަށުން ރިޔާސީ އިންތިހާބާ ބެހޭ ގާނޫނު އުވާލުމަކީ މައްސަލައެއް ކަމަށް ވިދާޅުވެ ފަ އެވެ.
އިސްލާހުކުރަމުންދާ ގާނޫނު އަސާސީގެ ދަށުން ރިޔާސީ އިންތިހާބު ބޭއްވޭނެ ކަމަށް ބަލައިގެން ސަރުކާރުން މަސައްކަތްތަކެއް ކުރި ނަމަވެސް ހާއްސަ މަޖިލީހުގެ މިސްރާބު ހުރިގޮތުންނާއި އިސްލާހުކުރާ ގާނޫނު އަސާސީގެ ދަށުން ހަދަން ޖެހޭ ގާނޫނުތައް ހަދައިގެން ރައީސްގެ މަގާމުގެ ދައުރު ހަމަވުމުގެ ހަތް ދުވަސްކުރިން ރިޔާސީ އިންތިހާބެއް ބާއްވާ ހުރިހާ ކަމެއް ނިންމާލުމަކީ ކުރެވިދާނެކަމެއް ބާވަ އެވެ. އިންތިގާލީ މަރުހާލާގެ ކަންތައްތަކަށް އެއްބަސްނުވެވި މަޖިލިސް ހުއްޓުމަކަށް އަންނަމުންދާދިއުމަކީ އިސްލާހު ކުރާ ގާނޫނު އަސާސީގެ ދަށުން ރިޔާސީ އިންތިހާބު ބޭއްވުމަށް ހުރަހަކަށް ވެދާނެ ކަމެއް ކަމަށް ފެނެ އެވެ. އިސްލާހު ކުރާ ގާނޫނު އަސާސީގެ ދަށުން ރިޔާސީ އިންތިހާބެއް ބޭއްވޭނީ ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކޮށްގެންނެވެ. މަޖިލީހުގެ މަސައްކަތް ހުރިގޮތުން އެ ފަދަ ގާނޫނުތަކެއް ހަދާ ފާސްކުރެވިދާނެކަމާ މެދު މިހާރު ވަނީ ސުވާލު އުފެދެ އެވެ. އަދި އިސްލާހުކުރާ ގާނޫނު އަސާސީއާ މެދު ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގަސްދުކުރާ ވާހަކައެއް ރައީސް ވަނީ ވިދާޅުވެފަ އެވެ. އެއީ ވެސް އިތުރު ވަގުތު ބޭނުންވާ ކަމެކެވެ.
އިސްލާހުކުރާ ގާނޫނު އަސާސީގެ ދަށުން ރިޔާސީ އިންތިހާބު ނުބޭއްވޭ ނަމަ އިންތިހާބު ބާއްވަން ޖެހޭނީ މިހާރު އަމަލުކުރާ ގާނޫނު އަސާސީގެ ދަށުންނެވެ. އަދި މިހާރު އޮތް ރިޔާސީ އިންތިހާބުގެ ގާނޫނާއެއްގޮތް ވާގޮތުގެ މަތިންނެވެ. ނަމަވެސް ސުވާލަކީ މިހާރު އޮތް ގާނޫނު އުވާލުމަށް ފަހު ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި ގާނޫނެއް ފާސްކޮށް އިންތިހާބުގެ ހުރިހާކަމެއް ނޮވެމްބަރު ހަތަރު ވަނަ ދުވަހުގެ ކުރިން ނިންމިދާނެ ބާވައެވެ. ގާނޫނު އަސާސީ ބުނާގޮތުން އެ މުއްދަތަށް ހުރިހާކަމެއް ނިންމުމަށް ސަރުކާރަށް ލާޒިމްކަރެއެވެ.
މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބުނެފައިވަނީ ” ރައީސުލްޖުމްހޫރިއްޔާގެ ރިޔާސަތުގެ ދައުރު ހަމަވާން އޮންނަ އެންމެ ފަހު 60 ދުވަސް ފެށުމާއެކު, މި ގާނޫނު އަސާސީގެ 35 ވަނަ މާއްދާގައިވާގޮތުގެ މަތިން, ރިޔާސަތުގެ އާ ދައުރަށް މީހަކު އިންތިހާބުކޮށް, ރިޔާސަތުގެ ދައުރު ހަމަވުމުގެ ހަތް ދުވަސް ކުރިން އިންތިހާބާބެހޭ ހުރިހާ ކަމެއް ނިންމަންވާނެ އެވެ“
ރިޔާސީ އިންތިހާބު ފަސްކުރުމުގެ ފުރުސަތު ނެތް ކަމަށް މާތީގައި ބަޔާން ކުރާ މާއްދާއިން ބާރު ލިބޭއިރު އުފެދޭ އަނެއް ސުވާލަކީ ސަރުކާރުން ރިޔަސީ އިންތިހާބާ ބެހޭ ގާނޫނު އުވާލުމަށް ހުށަހެޅުމަކީ އެކަމަށް އޮތް އެންމެ ރަނގަޅު ގޮތް ބާވައެވެ. ސަބަބަކީ އެ ގާނޫނަކީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އޮންނަން ޖެހޭ ގާނޫނަކަށްވާތީ އާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ފަދަ ގާނޫނެއް ފާސްކުރުމުގެ ގާބިލްކަން ސަރުކާރުގައި ނެތް ކަމަށް ފެންނާތީ އެވެ.
މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީގެ 32 ވަނަ މާއްދާގައި ބުނެފައިވަނީ ” ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނާއެއްގޮތްވާގޮތުގެ މަތިން, އިންތިހާބު ކުރާ ރައީސުލްޖުމްހޫރިއްޔާއަކު ހުންނަން ވާނެ އެވެ“ އެ މާއްދާ އަށް ބަލާއިރު ރައީސަކު އިންތިހާބުކުރުމަށް ގާނޫނެއް އޮންނަން ޖެހޭނެ އެވެ. ނަމަވެސް މިހާރު އޮތް ގާނޫނު އުވާލައިފިނަމަ ދެން ކަންތައް ވާނެގޮތަކާ މެދު ވިސްނަން ޖެހެ އެވެ.
ލޯ ސޮސައިޓީގެ ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލު ޝާހީން ހަމީދު ވިދާޅުވީ ރިޔާސީ އިންތިހާބާ ބެހޭ ގާނޫނެއް ނެތި މިހާރު އޮތް ގާނޫނު އުވާލުމަށް ހުށަހެޅުމަކީ ހަމަޖެހޭ ކަމެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.
”ގާނޫނެއް އޮންނަން ޖެހޭނެ. އަނެއްކާ މިހާރު ވެސް ޝައްކެއްގެމަތީގައި މިތިބެވޭނީ އިސްލާހުކުރާ ގާނޫނު އަސާސީގެ ދަށުން އިންތިހާބު ބޭއްވިދާނެކަމާމެދުގައި. އެ ހާލަތުގައި ތިއްބާ ރިޔާސީ އިންތިހާބާ ބެހޭ ގާނޫނު އުވާލަށް ހުށަހެޅުމަކީ ގާނޫނީ އަދި އެހެން މައްސަލަތަކެއް ފެންމަތިވެދޭނެކަމެއް,“ ހާއްސަ މަޖިލިސްގެ ނައިބު ރައީސްކަން ކުރައްވާ ޝާހީން ވިދާޅުވި އެވެ.
ގާނޫނެއް ނެތި އިންތިހާބު ބާއްވަން ޖެހިއްޖެ ނަމަ ކޮންމެ ވެސް އުސޫލެއް ނުވަތަ ގަވާއިދެއް ހަދަން ޖެހޭނެ ކަމަށާއި އެކަން ކުރާ ފަރާތްތަކަކީ އިންތިހާބުގައި ވާދަކުރާ ފަރާތަކަށްވާ ނަމަ ހަމަހަމަގޮތެއްގައި ކަންތައްކުރުމަށް ހުރަސް އެޅިދާނެ ކަމަށް ބެލުމުގެ ފުރުސަތު އޮންނާނެ ކަމަށް ޝާހީން ވިދާޅުވި އެވެ.
”އާންމުކޮށް އެ ފަދަ ގާނޫނުތައް އުވާލަށް ހުށަހަޅާނީ އިސްލާހުކުރުމަށް ފަހު ނުވަތަ އިސްލާހުތަކެއް ގެނައުމަށް ވެސް ހުށަހަޅައިގެން. ނަމަވެސް އިސްލާހުކުރުމަށް ހުށަހެޅުމަކާ ނުލައި އެހެން ހެދުމަކީ އެންމެ ރަނގަޅުގޮތެއް ނޫން. ގިނަ ފަހަރަށް އެސްޓިމޭޓްކުރެވެނީ އެންމެ ރަނގަޅަކަށް ނޫން,“ ޝާހީން ވިދާޅުވި އެވެ.
ކުރީގެ ބަންޑާރަ ނައިބު އަދި އަންނަ ރިޔާސީ އިންތިހާބުގައި ވަކި ކެންޑިޑޭޓެއްގެ ގޮތުން ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ގާނޫނީ ވަކީލު ޑރ. ހަސަން ސައީދު ވިދާޅުވީ ސަރުކާރުގެ އެ އަމަލުން ދައްކައިދެނީ ސަރުކާރުގައި އިހުލާސްތެރިކަމެއް ނެތްކަމަށެވެ.
”ހުށަހަޅާފައިވާގޮތަށް ގާނޫނު އުވާލެވިފައިވަނިކޮށް މިހާރު އަމަލުކުރާ ގާނޫނު އަސާސީގެ ދަށުން އިންތިހާބު ބާއްވަން ޖެހިއްޖެ ނަމަ ކީއް ކުރާނީ؟ އޭރުން ޖެހޭނީ ގަރާރެއް ނުވަތަ ގަވާއިދެއް ހަދަން. އެގޮތަކީ އެންމެ ރަނގަޅުގޮތެއް ނޫން. އެކަމުގެ ސަބަބުން މައްސަލަތަކެއް ފެންމަތިވުމުގެ ފުރުސަތު އޮންނަނާނެ,“ ސަރުކާރުގެ އިހުލާސްތެރިކަމެއް ނެތް ކަމަށް ވިދާޅުވެ އަމިއްލަ އަށް އިސްތިއުފާ ދެއްވި ހަސަން ވިދާޅުވި އެވެ.
ސަރުކާރުގައި މަސައްކަތް ކުރާ ގާނޫނީ ބައެއް ވަކީލުން ވެސް ވިދާޅުވަނީ ސަރުކާރުން މިހާރު އަމަލުކޮށްފައިވާ ގޮތަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އަދި އެ ގާނޫނު އުވާލެވިފައި ވަނިކޮށް މިހާރު އޮތް ގާނޫނު އަސާސީގެ ދަށުން އިންތިހާބެއް ބާއްވަން ޖެހިއްޖެ ނަމަ އެކަމުގެ ފައިދާ ނޭދެވޭ ގޮތެއްގައި ސަރުކާރަށް ނެގުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބައެއް ވަކީލުން ވިދާޅުވެ އެވެ. ލީގަލް ރީފޯމް މިނިސްޓަރުގެ ކޮމިޝަނަރު މުހައްމަދު އަނިލް ހަވީރު ނޫހަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވެފައިވަނީ ”މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީގައި އޮންނަ ރިޔާސީ އިންތިހާބުގެ ގާނޫނު އުވާލުމަށް މަޖިލީހަށް ހުށަހެޅުއްވި މައިގަނޑު ސަބަބަކީ, މި އަހަރުގެ ތެރޭގައި ސިޔާސީ ޕާޓީތައް ވާދަކުރާ ރިޔާސީ އިންތިހާބެއް ބާއްވާއިރު އެކި ފަރާތްތަކުން ކެމްޕެއިން ކުރުމުގައި އޮންނަ ގާނޫނީ ހުރަސް ނައްތާލުން ކަމަށެވެ“
ޕާޓީތައް ބައިވެރިވާ އިންތިހާބެއް ބާއްވަން ސަރުކާރުން ބޭނުންވި ނަމަވެސް ޕާޓީތައް ބައިވެރިވާ އިންތިހާބެއް ނުބޭއްވުނު ނަމަވެސް ގާނޫނު އަސާސީގައި ބުނެފައިވާގޮތުގެ މަތިން ރިޔާސީ އިންތިހާބު ބާއްވަން ޖެހޭނެ އެވެ. އެ ހާލަތަށް ގޮސްގެން ދެން ކަންތައް ކުރާނެގޮތެއް ނުހޯދާ ގާނޫނު އުވާލުމަށް ހުށަހެޅުމަކީ ފޮރުވިފައިވާ ކަންތައްތަކެއް ހިމެނިދާނެކަމެއް ނޫންބާވަ އެވެ.
-
ބުދަ، އޭޕްރީލް 16 2008، 19:08
މިކަހަލަ ހާސަރުތައް ގިނަވުމުގެ އެންމެ ބޮޑު ސަބަބަކީ ޙާއްޞަމަޖްލިސް އެއްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ލިއުމަކުން އަންގަވައި ކުރަން ކަނޑައެޅި މަސައްކަތަކީ ޤާނޫން އަސާސީ އިޞްލާޙުކުރުން ކަން ޚާއްޞަމަޖްލީހުގެ އެންމެހާ މެމްބަރުންނަށާ ރިޔާސަތު ބެލެހެއްޓެވި އަދި ބަލަހައްޓަމުންދާ ފަރާތަށް އޮޅިފައިވުންމެވެ. ހަތަރު އަހަރު މިވޭތުކުރީ ދިވެހިރައްޔިތުންގެ ބަޖެޓުން ބޮޑު ހޭދައެއްކޮށްގެން މަތިމައްޗަށް މުސާރަ އެއްމޫނު ތަކަކަށް ތަފާތުނަމުން ނަންދީގެންނެވެ. މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބުނެފައިވަނީ ” ރައީސުލްޖުމްހޫރިއްޔާގެ ރިޔާސަތުގެ ދައުރު ހަމަވާން އޮންނަ އެންމެ ފަހު 60 ދުވަސް ފެށުމާއެކު, މި ގާނޫނު އަސާސީގެ 35 ވަނަ މާއްދާގައިވާގޮތުގެ މަތިން, ރިޔާސަތުގެ އާ ދައުރަށް މީހަކު އިންތިހާބުކޮށް, ރިޔާސަތުގެ ދައުރު ހަމަވުމުގެ ހަތް ދުވަސް ކުރިން އިންތިހާބާބެހޭ ހުރިހާ ކަމެއް ނިންމަންވާނެ އެވެ“ މއީ ފަސޭހައިން ދުލުންކިޔާ ހިތުދަސްކުރެވިދާނެ ކަމެކެވެ. އެކަމަކު މިހާރު ތިފެންނަ މަޖްލިހަކު ހަމަގައިމުވެސް ތިޤާބިލްކަން އެއްބައެއްގެ އަމިއްލަ އެދުންތަކަކާގެން ހުރެ ނެތްކަން ވޭތުވެދިޔަ ހަތަރު އަހަރުދުވަހުގެ ތަޖްރިބާގެ އަލީގައި ޔަޤީންކުރވެއެވެ. އެހެންކަމުން ތިހުށަހެހެޅުން
-
ބުދަ، އޭޕްރީލް 16 2008، 19:14
ތަކުން ދެވޭ ރައްޔަތުންނަށް ސަރުކާރުން ދޭ މެސެޖަކީ އަހަރުމެން ހޭހުއްޓާ ލާހިކުނޫނޭ މިޤަވްމަށް ޑިމޮކްރަސީއެއް ގެނެސްގެން މިނިވަން އިންތިޚާބެއް ނުބޭއްވޭނެޔޭ. ތިއޯ ވާ ކަމެއް. ރައްޔަތުންނޭ ކިޔައިގެން ފަތުރަމުން ދާއިރު ތިހިރީ ޙާލަތު ހުރިގޮތް. އާނ! ކިހިނެއް ޖަވާބުދާރީ ވާނީ. ޖަވާބުދާރީވާން ނިކުމެ ކޯއްޗެއް ކިޔޭނީ. ކޮންމެ އަހަރަކު ޤައުމާ މުޚާދަބުކޮށް 30 އަހަރު ކިޔަމުން އައި މަޒުމޫނަކަށްވެސް ޢަމަލެއް ނުކުރެވޭ. ޝުކުރިއްޔާ
-
ބުދަ، އޭޕްރީލް 16 2008، 19:33
މިހުށަހެޅުން އަޅުގަޑުމެން ބަލައިގަތީމު ރަގަޅު ހުށަހެޅުމެއް ކަމަށް ހުށަހެޅުމުގައި ޕާޓީތައް އުވާލާ ޤައުމުގައި ހަމައޮންނަންޖެހެނީ ސީދާ ޚުދުމުޚްތާރު ވެރިކަމެކޭ ބުނެވުނުނަމަ. ބަލަގަ ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ބަލަން ވޯޓުނެގުމުގެ ކުރިން ރިޔާސީ ނިޒާމުގައި މިވެނި ކަމެއް އޮންނާނެޔޭ ކިޔައިގެން ފެތުރި އަގަކޮބާ.
-
ބުދަ، އޭޕްރީލް 16 2008، 22:32
މަކަރުވެރި ހީލަތްތެރި ރޭވުންތައްރާވަން މަސައްކަތް ކުރަމުން ދަނިކޮށް އަމިއްލައަތުން ފޭހި ކަށި ކުރިންވެސް ވަނީ ލޮލަށް ހެރިފައެވެ. މިފަހަރު ހެރޭނީ ކޮންތާކަށްކަންވެސް އަދިބުނާކަށް ނޭގެއެވެ. ރަންނަމާރި ......