ވައިޑީޕީ ހިންގުމުން ސާންތި ވަކިކޮށް ނާބެއާ ހަވާލުކޮށްފި

މުހައްމަދު ޝަނޫން އޭޕްރީލް 15، 18:11 0 ޚިޔާލު

އެފް އޭ އެމު ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް ފެށުނީއްސުރެ އެންމެ އިސްކޮށް ހަރަކާތްތެރިވަމުން ދިޔަ އިހްސާން އަބްދުލް ޤަނީ)(ސާންތި) އެ މަޤާމުން ވަކިކޮށް މުހައްމަދު ނާސިރު(ނާބެ) އާ މަޤާމު ހަވާލުކޮށްފި އެވެ.

އެފް އޭ އެމުގެ އިންޓަރިމް ކޮމެޓީގެ ސެކްރެޓަރީ ޝާހު އިސްމާއީލް މިއަދު ވިދާޅުވީ ޔޫތު ޑިވެލޮޕްމަންޓް އޮފިސަރގެ މަޤާމުގައި ހުރި އިހްސާން މަޤާމުން ވަކިކުރީ ދެ ސަބަބެއް އޮވެގެން ކަމަށެވެ. ”ކޮމެޓީން އެގޮތަށް ނިންމި އެންމެ ބޮޑު ސަބަބަކީ އާ ބަޔަކަށް މިކަމުގައި އިސްކޮށް އުޅޭނެ ފުރުސަތު ދިނުން. އިހްސާން މިކަން ކުރަމުންދާތާ ވަރަށް ދުވަސްވެއްޖެ. އެހެންވެ އާ ބަޔަކަށްވެސް މިކަން ކުރަން ފުރުސަތު ދޭން އެބަޖެހޭ. މިހާރު ވައި ޑީ ޕީ ކޯޗުން ރާއްޖެތެރޭގެ މުބާރާތްތައް ހިނގާއިރު އެތަނަށްވެސް އެބަ ގެންދަން. އަދި އައްޑޫގެ ކޯޗުން މާލެ ގެނެސްގެންވެސް އެބަ މަސައްކަތް ކުރަން. އެގޮތުން ބަލާފަ ގެނައި ބަދަލެއް މިއީ“ ޝާހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދެވަނަ ސަބަބަކީ ޤައުމީ ޓީމުގެ ކަންތައްތަކުގައި އިހްސާން ބުރަކޮށް އުޅެން ޖެހުން ކަމަށެވެ. ”މިއަހަރު ޤައުމީ ޓީމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށްހުރިއިރު އިހްސާނަކީ ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު. އެހެންވެ އޭނަ އެކަމުގައި އެބަ ވަރަށް ބިޒީވޭ. އެގޮތުން ބަލާއިރު މިކަމަށް އެކަށީގެންވާ ވަގުތު ދޭންވެސް އުނދަގޫވާނެ. އެހެންވެ އެހެން ފަރާތަކަށް އެ ފުރުސަތު ދިނީ“ ޝާހު ވިދާޅުވިއެވެ.

މިކަމާ ގުޅޭ ގޮތުން އިހްސާންގެ ކޮމެންޓެއް ނުލިބުނު ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އެފް އޭ އެމާ އިހްސާނާ ދެމެދު ބައެއް ހިތްހަމަ ނުޖެހުން އެބަހުއްޓެވެ. އެގޮތުން އެންމެ ބޮޑަށް ހިޔާލު ތަފާތުވެގެން ދިޔައީ ހީނާ ސަލީމްގެ ސްޕޯޓްސް އެކަޑަމީގެ ޕްރެކްޓިހަށް ޓާފްދަނޑު ދޫކުރުމުންނެވެ.

ޔޫތު ޑިވެލްޮމަންޓް އޮފިސަރެއްގެ ގޮތުން ހަރަކާތްތެރިވަމުން އަންނަތާ ގިނަ ދުވަސްތަކެއްވެފައިވާއިރު އޭނާ ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުގައި ހުންނަތާވެސް މިހާރު 8 އަހަރުވެއްޖެ އެވެ.

ނާބެއަކީވެސް އެފް އޭ އެމުގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ފަރާތެކެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv