އިޓަލީގެ އިންތިޚާބު ސިލްވިއޯ ބާލުސްކޯނީ ކާމިޔާބު ކުރައްވައިފި
އިޓަލީގައި ބޭއްވުނު އާންމު އިންތިޚާބުގައި އެޤައުމުގެ މުއްސަނދި މަހުޖަނެއް ކަމުގައިވާ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބާލުސްކޯނީއަށް ކުރިލިބިވަޑައިގެންފިއެވެ. މިއީ އިޓަލީގެ އާންމު އިންތިޚާބެއްގައި އޭނާ ކާމިޔާބު ހޯއްދެވި ތިންވަނަ ފަހަރެވެ.
އިޓަލީގެ އިޤްތިޞާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މިދުވަސްވަރު ބޮޑުވަޒީރުކަމަށް ހޮވިވަޑައިގެންނެވުމަކީ މައްސަލައެއް ނޫންކަމަށާއި ޤައުމަށް އެދެވޭ ބަދަލުތަކެއް ގެނެސް ދެއްވާނެކަމުގައި ބާލުސްކޯނީ ވިދާޅުވެފައިވެއެވެ.
ހަމަޖެހިފައިވާ އުޞޫލްގެ މަތިން އޭނާއަށް ބޮޑުވަޒީރުކަން ލިބިވަޑައިގަންނަވާނީ އަންނަ މޭއި މަހުގެ ތެރޭގައެވެ. ދެއަހަރުވަންދެން އިދިކޮޅު ޕާޓީގެ ގޮތުގައި ހަރަކާތްތެރިވެފައިވާ ބާލުސްކޯނީއަކީ އިޓަލީގެ ސިޔާސީ ހަޔާތުގައި ވަރަށް އާދަޔާ ޚިލާފު ވެރިއެއްގެ ގޮތުގައި ގިނަބަޔަކު ސިފަކޮށްފައިވެއެވެ.
އިންތިޚާބަށް ކެމްޕެއިން ކުރެއްވުމުގައި އަބަދުވެސް ދައްކަވާ ވާހަކަފުޅުތަކުގެ ސަބަބުން ތަފާތު މައްސަލަތައް މީގެކުރިންވެސް ކުރިމަތިވެފައިވެއެވެ.
މިގޮތުން މިފަހަރުވެސް އަންހެނުންގެ ތެރެއިން ކަނާތު ފިޔައިގެ އަންހެނުންނަނީ ވައަތު ފިޔައިގެ އަންހެނުންނަށްވުރެ ރީތި ފުރިހަމަ ބައެއްގެ ގޮތުގައި ސިފަ ކުރެއްވުމާ ގުޅިގެން މައްސަލަ ހޫނުވެގެންދިޔައެވެ.
އެހެންނަމަވެސް, އެކަން މިފަހަރު އެހާބޮޑު މައްސަލައަކަށްނުވެ ނިމިގެން ގޮސްފައިވެއެވެ. ބާލުސްކޯނީ ވިދާޅުވެފައިވާ ގޮތުގައި ކުރީ ފަހަރުތަކާ ޚިލާފަށް މިފަހަރު އޭނާގެ ސިޔާސަތުތައް ހަރުދަނާ ވެގެންދާނެއެވެ.