ކާނާގެ އިމަޖަންސީ ފަންޑަށް 200 މިލިއަން ޑޮލަރު ދެއްވަން ބުޝް ނިންމައިފި

ހުސައިން ރަޝީދު އޭޕްރީލް 15، 15:33 0 ޚިޔާލު

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކާނާގެ އަގުތައް އުފުލެމުންދިޔުމާ ގުޅިގެން އެމެރިކާގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތަކަށް އަންނަމުންދާ ބަދަލުތައް ކޮންޓްރޯލު ކުރުމުގެ ގޮތުން ކާނާގެ އިމަޖެންސީ ފަންޑަށް 200 މިލިއަން ޑޮލަރު ދެއްވާގޮތަށް ރައީސް ޖޯޖް ޑަބްލިޔު ބުޝް ނިންމަވައިފިއެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި މިއެހީގެ ދަށުން ފައިދާ ކުރަމުންދާނީ ހަމައެކަނި އެމެރިކާއަށް ނޫނެވެ. އޭގެއިތުރުން ތަރައްޤީ ވަމުން އަންނަ ޤައުމުތަކާއި އޭޝިޔާ އާއި އެފްރިކާ ބައްރުގެ ޤައުމުތަކަށް އެކަމުން ބޮޑެތި ފައިދާތަކެއް ކުރާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ކާބޯތަކެތީގެ އަގުތައް އުފުލެމުންދާ މައްސަލައިގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ބަހުސްތައް ކުރެވެމުންދެއެވެ. އަދި މިކަމަށް އަވަސް ހައްލެއް ނުފެނިއްޖެނަމަ އެކަމުގެ ސަބަބުން ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހޭނެކަމުގެ އިންޒާރުތައް ކަމާ ބެހޭ އިދާރާތަކުން ދެމުންދެއެވެ.

އެހެންކަމުން އެމެރިކާއިން މިފަދަ ފަންޑަކަށް ފައިސާ ޚަރަދުކުރަން ނިންމުމުން އެކަމުގެ ސަބަބުން މިމައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ފެނިގެންދާނެކަމަށް ބެލެވެއެވެ.

ރައީސް ބުޝް ވިދާޅުވި ގޮތުގައި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކާބޯތަކެތީގެ އަގުތައް އުފުލި މައްސަލަތައް އިތުރުވަމުންދާ ދުވަސްވަރެއްގައި މިއީ ކޮންމެހެން މުހިއްމު ފިޔަވަޅެއް ކަމަށެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv