މައުމޫނަށް ލިބިފައިވާ ބާރާއެކު އިތުރު ދައުރަކަށް....
”މިއަދުގެ ޚާއްޞަ މަޖިލިސް ޖަލްސާގައި ޑީއާރުޕީއަށް ނިސްބަތްވާ މެންބަރުންނާއި ކުރީބަރީގައި ތިއްބެވި ހުރިހާ ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައިތިބި 16 މެންބަރުންނާއި ޕީއޭއަށް ނިސްބަތްވާ ހުރިހާ މެންބަރުން ވޯޓު ދެއްވައިގެން އެފާސްކުރި މައްދާތަކަކީ އެއްވެސް ހާލެއްގައި މިޤައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށް ވިސްނައިގެން ފާސްކުރި މާއްދާތަކެއް ނޫން. އަދި ކިއެއްތަ މިކަމުން ދައްކައިދިނީ އެމީހުންގެ އަމިއްލަ އެދުމުން ފޯވެފައި ތިބިވަރު. ޚާއްޞަކޮށް ޕީއޭއަށް ނިސްބަތްވާ މެންބަރުން ވަނީ, މީގެ ކުރީގެ ތިން ޖަލްސާގައި ހަމަ މިމާއްދާތަކާ އިދިކޮޅަށް ވާހަކަދައްކާފައި. މިއަދު ޗުއްޕު ވެސް ނުބުނެ ވޯޓު ދިނީ ސަރުކާރާއެކު ހެދި ހީލަތްތެރި ޑީލަކުން ކަމަށް ފެނޭ.! ބުޅާ ގޯނިން ބޭރުވީ.... އަދި ކެޔޮކޭވަރުވެސް އެނގޭނެ“ އިއްޔެގެ މެންދުރުކުރީގެ ޖަލްސާއާ ބެހޭގޮތުން ޖަޒީރާގައި ލިޔެފައިވާ ލިޔުމަށް އާއްމުންގެ މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ވެއެވެ.
ކޮންމެ މީހަކު އެގޮތަށް ކޮމެންޓް ކުރި ނަމަވެސް އެކަމުގައި ހަޤީގަތްތަކެއް ނެތް ކަމަކަށް އިއްޔެ ފެނުނު މަންޒަރުތަކަށް ބަލާއިރު ބުނެވޭކަށް ނެތެވެ.
ރާއްޖޭގައި މިހާރު އިސްލާހު ކުރަމުންދާ ޤާނޫން އަސާސީއަކީ ޤާނޫން އަސާސީ އިސްލާހު ކުރަންވެއްޖެ ކަމަށް ފެނިގެން އިސްލާހު ކުރަމުންދާ ގާނޫނު އަސާސީ އެކެވެ. ބާވެގެން އާކުރަން ފެށި ފެށުމެއް ނޫނެވެ. އަދި އެކަމަށް މަޖިލިސް އެއްކޮށް މެންބަރުންނާ ހަވާލުކުރީ ވެސް އެ މަސައްކަތެވެ. ” ޤާނޫން އަސާސީގެ މާއްދާއަކަށް ވިޔަސް ބާބަކަށް ވިޔަސް އަދި މުޅި އަސާސީއަށް ވިޔަސް އިސްލާހު ގެނެވޭނެ ކަމަށް“ ޤާނޫން އަސާސީގައި އޮންނަ އޮތުމުގެ ވެސް ދަށުންނެވެ.
ޚާއްޞަ މަޖިލީހުގެ މަސައްކަތް ފެށުމާއެކު ގއ އަތޮޅު މެންބަރު އަދުނާން ހަލީމް ހުށަހެޅުއްވި އެއް އިސްލާހަކީ އަދި ދެއްކި އެއްވާހަކައަކީ ޤާނޫން އަސާސީ އުވާލުމެވެ. ސަބަބަކީ މަޖިލީހުގައި އެކެއްގެ ބާރު އޮތުމާއި އޭނާގެ މެޖޯރިޓީ އޮވެ ރައްއްޔިތުންނަށް ފައިދާހުރި ޤާނޫން އަސާސީއެއް ހެދުމަށް ހުރަސްތަކެއް ކުރިމަތި ވާނެ ތީ އެވެ.
މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 113 މެންބަރުންގެ ތެރެއިން 29 މެންބަރުންނަކީ ރައީސް މައުމޫނުގެ ފުރިހަމަ ކޮންޓްރޯލްގައި ތިއްބެވި މެމްބަރުންނެވެ. ބާކީ ތިއްބެވި 84 މެންބަރުންގެ ތެރެއިން 5 މެންބަރުންނަކީ އަތޮޅުތަކުން ހޮވިވަޑައިގެންފައި ތިއްބެވި ވަޒީރުންނެވެ. ދެންތިއްބެވި މެމްބަރުންގެ ތެރެއިން ގިނައީ އެކިއެކި ޕްރޮމޯޝަން ތަކާއި އެކިގޮތްގޮތުން ބޮޑެތި ފައިސާގެ އެހީތައް ލިބިވަޑައިގެންފައިވާ ޑީއާރުޕީއަށް ނިސްބަތްވާ މެންބަރުންނެވެ. ބާކީ ތިއްބެވީ އާރެއް ބާރެއް ނެތް (ކަމެއް ފާސްކުރެވޭ ވަރަށް ވުރެ މަދު) މެމްބަރުން ނެވެ.
އިއްޔެގެ ޖަލްސާއަކީ ޑީއާރުޕީގެ ބާރު ނޫންނަމަ ރައީސްމައުމޫނުގެ ފުރިހަމަ ބާރު މަޖިލީހުގައި އޮތްކަން ހާމަވެގެން ދިޔަ ދުވަހެކެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެބާރު ބޭނުންކޮށްގެން ދެންބާއްވާ ރިޔަސީ އިންތިޚާބެއްގައި މައުމޫނު އިތުރު ދައުރެއް ފުރުމަށް މަސައްކަތް ކުރައްވާނެކަން ހާމަވި ދުވަހެއް ވެސް މެ އެވެ.
އިންތިޤާލީ މަރުހަލާއާ ބެހޭ ބާބަށް ބަހުސްކުރި ފަސް ޖަލްސާ ވެސް ދުއްވަލީ ދީއާރުޕީން ބޮއިކަޓްކޮށް ކޯރަމް ގެއްލުވާލައިގެންނެވެ. ތިން ޖަލްސާއެއްގައި ޖަލްސާތެރޭގައި ތިބެ ނިކުމެގެން ކޯރަމް ގެއްލުވަލިއިރު, ދެ ޖަލްސަ ދުއްވާލީ މަޖިލީހަށް ނައިހެވެ. އަދި އެ ދެ ޖަލްސާގައި ބައިވެރިވެފައި ވަނީ ކަމެއް ފާސްކުރަން ބޭނުންވާ 57 ލިބިފައި ނުވާތީ އެވެ.
އިއްޔެގެ ޖަލްސާއަށް ޑީއާރުޕިން އައީ 57 މެމްބަރުން ހަމަކުރައްވައިގެންނެވެ. މައުމޫނުގެ ސަރުކާރުން ދުރަށް ވަޑައިގެންނެވި ކަމަށް ބުނެ ސަރުކާރަށް ފާޑު ވިދާޅުވި ޕީއޭގެ މެންބަރުންގެ ” އަސްލު“ ފެނިގެން ދިޔައީ އިއްޔެގެ ޖަލްސާގައި ބަހާ ޢަމަލާ އިދިކޮޅު ވުމުންނެވެ. އެ ބާރާއެކު ޑީއާރުޕީން ބޭނުންވި އަދި ޚައްޞަކޮށް މައުމޫނު ބޭނުންވި ހުރިހާ ހުށަހެޅުމެއް އެވަނީ ފާސްކުރައްވާފަ އެވެ. ފާސްކުރި މާއްދާތަކަށް ބަލާއިރު, ސަރުކާރާ ދެކޮޅު މީހުންގެ ވަރަ ބިންދާލި ހުށަހެޅުމަކަށް ވެގެން ދިޔައީ ޑީއާރުޕީން ހުށަހެޅި އިންތިގާލީ ބާބުގެ 20 ހުށަހެޅުން ފާސްވުމުންނެވެ. އެހުށަހެޅުމުގައިވާގޮތުން އިސްލާހްތައް ތަސްދީޤް ކުރާ ދުވަހުން ފެށިގެން މިހާރު އޮތް ޤާނޫން އަސާސީ އުވޭނެ އެވެ.
އިދިކޮޅު މެންބަރުން ބުނަމުން ދިޔައީ މިޤާނޫން އަސާސީ އުވޭނަމަ މިޤާނޫނު އަސާސީގެ ދަށުން ހޮވިފައިވާ މަޤާމުތައް ވެސް އުވޭނެ ކަމަށާއި އޭގެ ޤާނޫނީ ހައިސިއްޔަތެއް ނޯންނާނެ ކަމަށެވެ.
ޑީއާރުޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ އަދި މ. އަތޮޅު މެމްބަރު އަނީސާ އަހުމަދު ހުށަހަޅުއްވައިގެން ފާސްކުރި އަނެއް ހުށަހެޅުމަކީ އަމަލުކުރަމުންދާ ޤާނޫން އަސާސީ އުވުނަސް އެޤާނޫން އަސާސީގެ ދަށުން ހޮވާފައިވާ މިހާރުގެ ރައްޔިތުންގެ މަޖިލިސް (މައުމޫނުގެ ފުރިހަމަ ބަރު އޮތް މަޖިލިސް), އާ ރައްޔިތުންގެ މަޖިލިސް އެކުލަވާލެވެންދެން ދެމިއޮންނާނެ ކަމަށެވެ.
ރައްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުން ވެސް އެމީހުންގެ ރަށު ކަތީބު އިންތިޚަބު ކުރުން އަވަސްކުރުމަށް ވަނީ ކެތް މަދުވެފަ އެވެ. އަދި ވޯޓަށް އަތްގަދަކޮށް ނުފޫޒު ފޯރުވުން ކުޑަކުރުމަށްޓަކައި, ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށްވުރެ ކުރިން އަތޮޅު ކައުންސިލްތަކާއި ރަށުކައުންސިލްތަކާއި ސިޓީ ކައުންސިލްތައް ކުރިން އިންތިޚާބު ކުރުމަށެވެ. ނަމަވެސް ޑީއާރުޕީއާއި ޕީއޭގެ ބާރާއެކު ފާސްކުރި ފާސް ކުރުމުގެ ސަބަބުން އެ އިންތިޚާބު ބައްވާގޮތަށް ހަމަޖެހުނީ ރައީސްގެ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށްވުރެ ފަހުން 2009 ވަނަ އަހަރުގެ ޖުލައިގެ ކުރިންނެވެ.
ޑީއާރުޕީއާއި ޕީއޭގެ ބާރުން ފާސްކުރެއްވި އަނެއް ހުށަހެޅުމުގެ ސަބަބުން އިންތިޤާލީ މަރުހަލާ ދެ އަހަރު ދުވަހަށް ދަންމާލުމަށް ވަނީ ފާސްކޮށްފަ އެވެ. އަދި އެމުއްދަތުގެ ތެރޭގައި މިހާރުވެސް މުއައްސަސާތަކުގައި ތިބި މީހުން އެމުއައްސަސާތަކުގައި ތިބެވޭނެކަމަށް ވެސް ވަނީ ފާސްކޮށްފަ އެވެ. ޤާނޫން އަސާސީ އިސްލާހުކުރުމުގެ ތެރޭގައި ޑީއާރުޕީއަށް އެޅިފައިވާ އެންމެބޮޑު ޅައެއްޗަކީ ދެ ދައުރު ވެރިކޮށްފައިވާ މީހަކަށް ރައީސްކަމުގެ މަޤާމު ނުފުރޭނެ ކަމަށް ފާސްކުރެވުނު ކުރެވުމެވެ. މިކަން ފޫބެއްދުމުގެ ގޮތުން ޑީއާރުޕީން ކުރަންފެށި މަސައްކަތަކީ މިއީ ޤާނޫން އަސާސީ އިސްލާހުކުރަނީ ކަމަށް ކިއުމުގެ ބަދަލުގައި އާ ޤާނޫން އަސާސީއެއް ހަދަނީ ކަމަށް ނިންމުމެވެ. އަދި ދައުރު ގުނާނީ އާ ޤާނޫން އަސާސީގެ ދަށުން ފަސް އަހަރުގެ ދެ ދައުރު ކޮށްފައިވާ މީހެއް ނޫނިއްޔާ އެމަޤަމު ފުރޭނެ ކަމަށް ހަމަޖެހުމެވެ. މާނައަކީ މައުމޫނު އަދި މިޤައުމުގައި ވެރިކަން ކޮށްފައި ނުވާކަމަށް ހެދުމާއި މިހާރުގެ ޤާނޫން އަސާސީގެ ދަށުން އެމަނިކުފާނު އަދާކުރަމުން މިގެންދަވާ 5 އަހަރުގެ 6 ދައުރު އިސްތިސްނާ ކުރުމެވެ.
އިއްޔެ މިފާސްވި މާއްދާތަކުން އެމަނިކުފާނަށް އެފުރުސަތު ލިބިދިނުމުގެ މަގު އެބަތަނަވަސްވެއެވެ. އަދި ދެން ޑީއާރުޕީން ހުށަހަޅައިގެން ފާސްކުރަން ހިފާފައިވާ ހުށަހެޅުން ފާސްވެއްޖެ ނަމަ އެކަން ކަށަވަރު ވީއެވެ. އެއީ އަނީސާ ހުށަހަޅުއްވާ ރައީސުލްޖުމްހޫރިއްޔަގެ މެންބަރ މުހައްމަދު އަނިލް ތާއީދުކުރެއްވި ދެދައުރުގުނުން މިހުށަހެޅުމެވެ. އެހުށަހެޅުމުގައިވަނީ ދެދައުރު ގުނަން ފަށާނީ 2008 ގެ ނޮވެމްބަރ 11 ވަނަ ދުވަހު ފެށޭ ރިޔާސީ ދައުރުން ފެށިގެން ކަމަށެވެ. ކުރީގެ ދައުރުތައް ނުހިމެނޭނެ އަދި ނުގުނޭނެ ކަމަށެވެ.
ނޫންނަމަ މިހަދަނީ އާޤާނޫން އަސާސިއެއް ކަމަށް ހަދަން އަނީސާ ހުށަހަޅުއްވާ އަނިލް ތާއީދުކުރައްވާފައިވާ ހުށަހެޅުން ފާސްވިއަސް މައުމޫނަށް ބާރު ލިބިދެއެވެ.
އެއީ މިޤާނޫން އަސާސިއަކީ )އިސްލާހު ތަކަކީ( 19 ޖުލައި 2004 ދުވަހު ރައީސް މައުމޫނު ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއްކުރުމާ ގުޅިގެން އެމަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގް ކުރި ޤާނޫން އަސާސީ ކަމަށެވެ. މާނައަކި މިހާރުގެ ޤާނުން އަސާސީ އަކީ ބާ ގާނޫން އަސާސީއެކެވެ. އަދި ކުރެވޭ އިސްލާހު ތަކަކީ އާ ޤާނޫން އަސާސީއެކެވެ.
މިދެހުށަހެޅުމަށް އަދި ގޮތެއް ނުނިމުނަސް މިއަދު އެކަން ކުރާނެ އެވެ. ބާރު އޮތީ ޑީއާރުޕީގަ އެވެ. ވޯޓު ހަމަކުރެވެނީ ވެސް އެމީހުންނަށެވެ. ޑީއާރުޕީއަކީ މައުމޫނެވެ. މިކަންކަން ފާސްކޮށްފިއްޔާ މައުމޫނު ދެން އޮންނަ އިންތިޚާބެއްގައ ވެސް ވާދަކުރައްވާނެ އެވެ. މަޖިލީހަށް ލިބިދީފައި އޮތް ޑީއާރުޕީގެ ބާރާއި ޔާމީންގެ ޕީއޭގެ ބާރު އެކުވެގެން އުފެއްދި ބާރުން މައުމޫނަށް ލިބިދޭ ބާރާއެކު އެވެ. ރައީސްކަމުގައި ހުންނަވައިގެންނެވެ. ” ޤާނޫން އަސާސީ އުވޭނެ ކަމަށް ބުނުމުން ގައުމު ހިންގާނެ ބަޔަކު ކަނޑައަޅަން ޖެހޭ. މިހާރު ހުރި ރައީސުލްޖުމްހޫރިއްޔާ އެގޮތުގައި ހުންނާނީއޭ ވިދާޅުވާއިރު, އޭނާގެ ގާނޫނީ ހައިސިއްޔަތު ގެއްލިގެންދާނެ. އަނެއްކާ މިހާރު އޮތް މަޖިލިސް ދެމިއޮންނާނެއޭ ވިދާޅުވާއިރު, އެމަޖިލީހުގައި އެބަތިއްބެވި އިންތިޚާބު ނުކުރާބައެއް. ޤާނޫން އަސާސީގައި މިހާރު ލިޔެފައި އޮންނާނެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާނީ މުޅިން ވެސް އިންތިޚާބުކޮށްފައި ތިބޭ ބޭފުޅުންނޭ އަދި އެހެން ބަދަލުތައްވެސް ހުންނާނެ. މިހާރު އޮތް މަޖިލިސް ބައްވާގޮތަށް ފާސްކޮށްފިއްޔާ އެމާއްދާ ތަކާ ތައާރަޒްވާނެ“ އައްޑުއަތޮޅު މެމްބަރު ހުސްނުއް ސުއޫދު ވިދާޅުވި އެވެ.
މިކަމާ މަޖިލިސް ހޫނުވެ ނިޒާމީ ނުކުތާގެ އޮއިވަރެއްގައި ކުރިއަށް ދަނިކޮށް އިއްޔެ ހެނދުނު ބޭއްވި ޖަލްސާގެ ވަގުތު ހަމަވެގެން ނިންމާލީ އެވެ.
މެންދުރުކުރީގެ ޖަލްސާ ނިންމާލިއިރު ދެ ވަނަ ހުށަހެޅުމުން ފެށިގެން 23 ވަނަ ހުށަހެޅުމާ ހަމައަށް ވަނީ ވޯޓަށް އަހާ ގޮތްތަކެއް ފާސްވެފަ އެވެ. ނަމަވެސް ޤާނޫން އަސާސީއާ ތަޢާރަޒް ވާނެކަމަށް ބުނެ 17 ވަނަ ހުށަހެޅުމަށް ވަނީ ވޯޓަކަށް ނާހާ ދޫކޮށްލާފަ އެވެ.
ޑީއާރުޕީން ވަނީ އެޕާޓީގެ މެންބަރުން ހުށަހަޅައި ތާއީދުކޮށްފައިވާ ހުށަހެޅުންތައް ވެސް ވޯޓު ނުދީ ފޭލްކޮށްލާފަ އެވެ.
-
ހޯމަ، އޭޕްރީލް 14 2008، 15:31
އަހަރެމެން، ރައްޔިތުންނަށް ހެޔޮއެދޭ އެކަކުވެސްނެތް. ކޮންމެމީހަކުވެސް އަމިއްލަ އެދުމަށް މަސައްކަތްކުރަނީ. މިއީ ރައްޔިތުން ދަންނަ ޙަޤީޤަތެއް. މިތިބީ ވާ އެއްގޮތެއް ވާންދެން ބަލަން. އެނގިދާނެތާ! ރައްޔިތުން ތިބީ ކަތިވަޅިގެއްލި މަރިޔަނބުގެއްލި ކޮށިދަނޑުވެސް ގެއްލިފަ. އިޝްޤު
-
ހޯމަ، އޭޕްރީލް 14 2008، 15:53
އިރެއްގާ ރަށްރަށުގެވެރިންނަށް ބާރުފޯރުވެވުނަސް މިހާރަކު ކަތީބުންގެ އެއްވެސް ބާރެއްނެތެވެ. ރައްޔިތުން އެއްގޮތަކައްވެސް ގަދަރެއްނުކުރެއެވެ. ކަތީބުންބޭނުންހާގޮތެއް މީހަރަކުނެހެދޭނެއެވެ. އެމީހުންވެސް މިކަމަށް މިހާރުއެއްބަސްވާނެއެވެ. ކުރިންވެސް ހަގީގަތުގާމިކަން ރާއްޖެތެރޭގާ ކުރަނީ ވެސް އެހެންވުޒާރާތަކުގެ މީހުންނެވެ. ނަމަވެސް އެކަންކުރިމީހުންލައްވާ މިފަހަރަކުހިލާ ތިކަމެއްނުވާނެ އެވެ. އެހެނީ، މިސަރުކާރު ބަދަލުކުރަން ބޭނުންވާމީހުންބައިވަރެވެ. މިހާރުވެސް ރައްޔިތުންތިބީ ރިޔާސީ އިންތިހާބުއައުންލަސްވެގެންނެވެ. ރައްޔިތުންމިހާރުތިބީ ވަރަށްބޮޑަށް ހޭއަރާގެނެވެ. ދެން ވާގޮތެއްއެނގިދާނެތާ. ނިކަންބަލަންތިބޭ. ނަމަވެސް އިދިކޮޅުހުރިހާޕާރޓީތަކުން ވަރަށް ރަނގަޅު އެއްކެނޑިޑޭޓަކު ނެރެންވާނެއެވެ. އެހެންނޫނީ ގޯސްވާނެ. ޑރ، ހަސަންސައީދު ވަރަށް ހިނގާނެ ކަމަށް މިހާރުވެސް ވަރަށްބޮޑަށްބެލެވޭ. މީނާނެރެގެން އެހެންމީހުން ކެމްޕެއިންކުރަންވީ. އޭރުން ޖެހޭނީ މައުމޫނަށްބަލި ގަބޫލުކުރާށެވެ. މިއީ، ޔަގީންކަމާއެކު އަޅުގަނޑު ދަންނަވާ ވާހަކަ އެކެވެ. އަދި، މިނޫންގޮތަކަށް މައުމޫނު ބަލިކުރާކަށް ލާހިކުކުޅަދާނައެއްނޫނެވެ. ދެންހަމައެކަނިއޮތީ ސަރު ކާރާ އިދިކޮޅުޕާޓީތަކަށް ހަމައެކަނިމިގޮވެ. އަޅުގަނޑަށް ޔަގީނުންވެސް އެނގޭކަމެއް. މިހާރު ސަރު ކާރުގެ ވަޒީފާތަކުގާތިބި މީހުންގެތެރެއިންވެސް މައުމޫނަށްލިބޭނީ ތިނެތިން އެކަތި. ދެންތިބި މީހުންގެވެސް ލިބޭނީ ގިނަވެގެން ދެބައިކުޅައެއްބައި. ދެންވޯޓްލާ ދާއިރާތަކާ ވޯޓްގުނާ ދާއިރާތައް ހަރުދަނާކުރީމާ ނުމުނީ. ދެން އިދިކޮޅު އެންމެން އެއްގަލަކަށް އަރަންވީ. ރައްޔިތުންނަށް ހެވެއްއެދޭކަމަށްވާނަމަ އެންމެން ވެރިކަމަށް ކުރިމަތިނުލައްވާ. އާދޭސް.
-
ހޯމަ، އޭޕްރީލް 14 2008، 16:19
ހާދަހާވާ ދެރަ ހަބަރެކެވެ. މައުމޫން އަނެއްކާ ދެދައުރުގެ 10 އަހަރު ގެރެންޓީ ކުރީބާ؟ އެބޭފުޅާ ހުންނަވާނެ ކުރިއަށް އޮތް ދެދައުރުގަ. ދައުލަތުގެ ހަޒާނާ އެބަހުރި އަތްޕުޅުގައި އަދި ހުރިހާ ބާރެއް ވެސް.
-
ހޯމަ، އޭޕްރީލް 14 2008، 16:36
އަޅުގަޑުދެކޭ ގޮތުގައި މައުމޫނާއި ދެކޮޅު މެމްބަރުން ވަނީ އެބައިމީހުންގެ ފަހަތުގައި ތިބި ކުށެއްނެތް ރައްޔިތުންނަށް އޮޅުވާލާފައެވެ. އެއީ، ފުރަތަމަވެސް 29 މެމްބަރުން އުނިކުރަން އުޅެ އެކަން ނުކުރެވުމާއި އެކުވެސް އެކިޖަލްސާ ތަކުގައި ބުނަމުން ދިޔައީ ހަމަހިލާ މައުމޫނު ބޭނުން ގޮތަކަށް ފާސްވިޔަނުދޭނަމޭ. މިގޮތުން ރީކޯމޫސަ އެންމެ ފަހުން އައްޑުއަށް އައިސް ބޭއްވި ޖަލްސާގައި ބުނީ މައުމޫނަށް ގާނޫނޫ ބުނާގޮތުން ކުރިމަތިނުލެވޭނެއޭ، އެހެން ކަމަށް ވެއްޖެނަމަ މޫސަ އޮންނީ ޖަލުގައޭ. މުނައްވަރު ބުނަމުންދިޔައީ އިންތިޤާލީ ބާބު ނިމުމާއި ހިސާބުން މައުމޫނުގެ ވެރިކަންނިމޭނެއޭ. މިހާރު އެންމެފަހުން މަޖިލީހުގައި މޮޑީމެން އެބުނަނީ އަހަރުމެންގެ ބާރެއް ނެތޭ އަޢުލަބިއްޔަތު އޮތީ 29 މެމްބަރުންގެ އަތުގައޭ، މިކަމުންދޭހަވަނީ ، އިދިކޮޅު ލީޑަރުންވެސް އަމިއްލައެދުމުގެ މަތިން އިތުރަށް ޖަލަށް ނުގޮސް ސިޔާސީޕާޓީތަކަށް ބަޖެޓު ސަރުކާރުން ލިބޭތީ ، އެފައިސާއިން މުސާރަލިބޭތީ، ރައްޔިތުން އޮޅުވާލައިގެން ތިބެނީއެވެ. މިކަމުގެ ހެއްކަކީ ސިޔާސީ ޕާޓީތައް ރަޖިސްޓްރީ ކުރެވެންދެން، ޥަކިން ޚާއްސަކޮށް ޕާޓީތަކަށް ފައިސާ ސަރުކާރުން ދޫކުރަންދެން ރައްޔިތުންލައްވާ ހަޅުތާލު ކުރުވީ ޤާނޫނެއް ޤަވާއިދެއް ނުބަލައެވެ. މިހާރު ދެންކެމްޕެއިން ކޮށްގެން ކޮންކަމެއް ހާސިލުވާނީ؟ ހާސިލުވާނެކަމަކީ، ''އަހަރެމެންވެސް މިތިބީ މއުމޫނާއި ދެކޮޅަށެވެ'' މިހެންބުނެ ރައްޔިތުން ލައްވާ ނަށާ ބެރުޖަހަ ޖަހާ ތިބެވިދާނެ އެވެ. މިގައުމުގެ އެންމެ ކުޑަކުއްޖާވެސް މިހާރު ގަބޫލުކުރަންޖެހޭ ، މައުމޫނުގެ އާރާއި ބާރު ކޮކަޑިކެވި މަރުނުވި މީދަލަށް ވުރެއް ނުބައިވާނެކަން ، އެހެންކަމުން ސީދާހަރާކާތާ ނުލައި މިގައުމުގެ ވެރިކަން މިއަނިޔާވެރި މައުމޫނުގެ ކިބައިން ސަލާމަތް ކުރެވިދާނެތޯ؟ ---- އާންމުމެމްބަރެއް--------
-
ހޯމަ، އޭޕްރީލް 14 2008، 16:55
ސިވިލްސާވިސްގެ ގާނޫނު ޑީއާރުޕީ އާ އިދިކޮޅަށް ނިމުނީ ވަރަށްބޮޑު ރޭވުމުއްގެ ދަށުން އާއްމުރައްޔިތުންގެ ލޮލުގައި އެޅުވިއަދުނެއްކަން މިހާރު އެނގެއެވެ. ރައްޔިތުންނޭވެ! ގާނޫނުއަސާސީ ބޭނުންވާގޮތަށް ނިންމަން ބާރު އޮތްއިރުވެސް މިހުރިހާދުވަހު އިސްލާހީ އެޖެންޑާ ހަދައިގެން މިގާނޫނު ނިންމަން ނޭނގުނީ ކީއްވެބާއޭ ހިތައްއަރައެވެ. މަނިކުފާނަށް ވަޅިޔަކުން ހަމަލާދިނުމަކީ ކިހާވަރެއްގެ ކަމެއްކަން ހަމަގައިމު މހާރު އެނގޭނެއެވެ. އެކަމަކުވެސް ރައްޔިތުން ތަޅާމަރާއިރުވެސް ބަހެއް އަނގައިން ބުނެވެސްނުލައެވެ. ހަމަ ބޭރުޔަހޫދިޔަކު މަރުވާއިރަށް ބައިދަނޑިޔަށް ދިދަތިރިކުރަން ހުންނާށެވެ.
-
ހޯމަ، އޭޕްރީލް 14 2008، 17:18
ޕީ އޭ އަށް ނިސްބަތްވާ ޖާބިރު މެން އެއީ މިނިސްޓަރ ކަން ބޭނުން ވެގެން ދެއްވި ވޯޓެއް...މި ފަހަރު މައުމޫންގެ މިއުޒިކަލް ޗެއަރ އިން ޖާގަ ހޯދުމަށް...
-
ހޯމަ، އޭޕްރީލް 14 2008، 17:23
ތީކީ އެއްވެސްމައްސަލައެއްނޫނެވެ.ދިވެހިރާއްޖެއާއި ދިވެހިރާއްޖޭގައިވާހައި ވަޅުފަދަތަންތަނާއި ގޭގެއާއި ބިންތަކަކީ މައުމޫނުގެއެއްޗިއްސެއްނޫންހެއްޔެވެ.އެހެންނޫނަސް ދިވެހިރާއްޖޭގެރައީސުލްޖުމްހޫރިއްޔާއޭކިޔާފައި މައުމޫނުގެނަންނޫން އެހެންނަމެއް އައިއްސިއްޔާ ކިހާ އޮޑުވާނެނޫންހެއްޔެވެ.މައުމޫނުމަރުވެގެން އެހެންމީހަކު ވެރިކަމަށްއައިކަމުގައިވިޔަސް އެމީހަކަށް ކިޔަންޖެހޭނީމައުމޫނުއަބްދުލްގައްޔޫމެވެ.އެހެންނޫނީހަމަގައިމުވެސް މަގޭވޯޓެއް އެމީހަކަށް ނުލިބޭނެއެވެ.=ރާޖާ=
-
ހޯމަ، އޭޕްރީލް 14 2008، 18:18
ދިވެހިރާއްޖޭގެ ރައީސްކަމުގެ ނަމަކީ މައުމޫނުކަމުގައި އަވަހަށް ޚާއްޞަ މަޖްލިސްއިން ފާސްކުރަންވީ އަދި ޑީ އާރު ޕީ ގައި ހުރިހާމީހުންގެ ފަހަތަށްވެސް މައުމޫނުލާންވީ.މިއީ ކިހާދެރަކަމެއް ދިވެހިރާއްޖެ މިއީ މައުމޫނުގެ ނުވަތަ ޑީ އާރު ޕީ މިލްކެއްތަ؟ ވެރިކަމާ މީހަކު މޮޔަވިއަސް މިއީތަންކޮޅެއް ބޮޑުވަރު. އެހެން ކޮންމެވެސް ބަޔަކަށްވެރިކަންކުރަންކުރަން ދީބަލަ. އަދިވެސް ވިސްނާތި! ޚާއްޞަ މަޖްލިސްގައި ނޫފޫޒުގެ ބޭނުންކޮށްގެން ޤާނޫނު އަސާސީ ތިގޮތަށް ފާސްކުރިއަސް ރައްޔިތުންއަތުގައިވެސް ބާރެއްއެބައޮތް. މާރީއްޗެއްނުވާ ކުޑައަޚުލަބިއްޔަތަކުން ހޮވުނީމަކާ.މިކަމަށް ވިސްނާތި!
-
ހޯމަ، އޭޕްރީލް 14 2008، 20:00
ގިނަ ދިވެހިންނަކަށް ނޯޅޭ ޕީއޭއަކީ ކޮންބައެއް ކަމެއް.
-
ހޯމަ، އޭޕްރީލް 14 2008، 21:37
ޤައުމަށް އިހުލާސްތެރި ދިވެހި ދަރިންނަށް މި ގޮވާލަނީ އަމިއްލަ އެދުމުން ފޯވެފައިވާ ފަރާތް ތަކަށް ދެންއަނަށް އިންތިހާބެއްގައި ވޯޓު ނުދެއްވުމަށް ހާއްސަކޮށް ދެފުށްދެގޮތް ސިޔާސަތެއް ގެންގުޅޭ އަބުދުﷲ ޔާމީނުގެ ޕީއޭ އަށް ދެންއޮނަށް އިންތިހާބެއްގައި ވޯޓު ނުދނުމަށް، އަދި ހާއްސަކޮށް ވިޔަފާރި ވެރިންގެ އަތްމައްޗަށް ޤައުމު ދޫކޮށް ނުލާ އީހްލާސްތެރި ދިވެހި ދަރިންގެ އަތްމައްޗަށް ޤައުމު ގެންދިއުމަށް އެފަދަ ފަރާތް ތަކަށް ވޯޓް ދެއްވުމަށް ހަމަގައިމުވެސް އެގޮތަށް ނޫން ގޮތަކަށް ދިވެހި ފަރުދީ މަސްލަހަތު ރައްކާތެރިއެއް ނުވާނެ.