ކުޑަކުދިންނަކީ ލޯތްބާއި ހިމާޔަތް ބޭނުންވާ ބައެއް
މަރިޔަމް ވަހީދު
ތުއްތު ކުދިންނަށް މުވާޞަލާތު ކުރުމުގެ އެންމެ މުހިންމު ދެ ވަސީލަތަކީ އަޑާއި ފެނުމެވެ. ތަފާތު ތަޖުރިބާތަކުން ދައްކާގޮތުގައި ކުޑަކުދިން އެންމެ ބޮޑަށް އިޖާބަދެނީ ވާހަކަ ދެއްކުމުގެ އަޑާއި އިންސާނުން ސޫރަކޮށްދޭ ފަދަ ސިފަތަކެވެ. މިއީ ޙައިރާންވާންވީ ކަމެއްނޫނެވެ. ސަބަބކީ ފުރަތަމަ ތިން އަހަރު އެހެން މީހުންގެ ސަމާލު ކަމާއި އެހީރެތިކަން އޭނާއަށް ލިބެނީ އޭނާ އެހެން ފަރާތްތަކާއި ބަހައްޓާ ގުޅުމާއި ސަމާލުކަމެއްގެ ސަބަބުންނެވެ.
ތުއްތު ކުދިން އެންމެ ސަމާލުކަން ދެނީ އެ އެއްޗެއްގެ ސަބަބުން އިޖްތިމާޢީ ގުޅުން ފަހިކޮށްދޭ އެއްޗިއްސަށެވެ. އަދި އިޖްތިމާއީ ގުޅުން އުފެދިގެން އަންނައިރު އެއީ ދެ އަތަށް ހިގާ ގުޅުމަކަށް ވެއެވެ. މައިމީހާ ކުއްޖާއަށް ދޭ ލޯތަބާއި ސަމާލުކަމެކޭ އެއްގޮތަށް ކުއްޖާވެސް މައިމީހާއަށް އެ ލޯތްބާއި ސަމާލުކަން ރައްދު ކުރެއެވެ. ކުއްޖާ ކުޑައިރު މިހިގާ ލޯތްބާކީ ފަހުން ކުއްޖާ އެހެން މީހުންނާއި ދެމެދު އޮންނަ ގުޅުން ސިފަކުރުމުގައި އެހީވެދޭ ކަމެކެވެ.
ތުއްތު ކުދިންނަށް މި ޢުމުރުގައި ލޯތްބާއި އެހީތެރިކަން ބޭނުންވާކަން ފާހަގަ ކުރެވޭއިރު މި ލޯތްބާއި އެހީތެރިކަން ދޭ ފާރާތް މާ އަވަސް އަވަހަށް ބަދަލުވާންވެއްޖެނަމަ ކުއްޖާއާ އެއްވެސް ފަރާތަކާ މި ގުޅުން ބަދަހިނުވެ އަދި ކުއްޖާއަށް މި ޢުމުރުގައި މުހިންމުކަމަށް ފާހަގަ ކުރެވޭ ލޯތްބާއި އެހީތެރިކަން އެކަށީގެންވާ ގޮތެއްގައި އެޅުމަށް ހުރަސްއަޅާނެއެވެ.
ކުއްޖާއަށް އުމުރުގެ ފުރަތަމަ އަހަރުގައި ލިބޭ ލޯތްބާއި އެހީތެރިކަމަކީ ކުއްޖާ ކަންކަމާއިމެދު ކުރިމަތިލުމުގައި ޖެހިލުންވުން ކުޑަވެ އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރު ބޮޑުވުމުގެ ސަބަބުން ފަހުން ކުއްޖާ ކަންކަމާއިމެދު ހިންގާ ނުވަތަ ހިންގުމަށް މެދުވެރިވާ އިޖްތިމާޢީ ގުޅުންކަމުގައި އެހީވެދޭ ކަމެކެވެ. އުމުރުގެ ފުރަތަމަ އަހަރުތަކުގައި މި ލޯތްބާއި އެހީތެރިކަމުން މަޙުރޫމް ވެފައިވާ ކުދިންނަށް ފަހުން ހާއްޞަ ސަމާލުކަމާއި އެހީތެރިކަން ދޭންޖެހެއެވެ.
ލޯތްބާއި ސަމާލުކަމެކޭ އެއްފަދައިން ތުއްތު ކުއްޖާއަށް ޙިމާޔަތްވެސް ބޭނުންވެއެވެ. އެހެން ގޮތަކަށް ބުނާނަމަ އެއްދުވަހުން އަނެއް ދުވަހަށް ދިރިއުޅުމުގައި ގިނަ ބަދަލުތަކަކަށް ކުއްޖާ ކުރިމަތިލާން ޖެއްސުމަކީ ކުއްޖާއަށް އޭގެ ނޭދެވޭ އަސަރުތަކެއް ފޯރާނެ ކަމެކެވެ. ކޮންމެ ކުއްޖަކީވެސް ދަންނަ މާހައުލަކާއި ހަރުދަނާ އުޞޫލުތަކެއް ބޭނުންވާ ކުއްޖެކެވެ.
ކުޑަކުދިންނަކީ ބޮޑެތިމީހުންނާ އަޅާބަލާއިރު ވަރަށް މަދު ތަޖުރިބާތަކެއް ލިބިފައިވާ ބައެކެވެ. އަދި ބޮޑެތި މީހުންނަށް ފެނި ނުވަތަ އަޑުއަހާފައިވާ ކަމެއް ކުދިންނަށް ބިރުވެރި ތަޖުރިބާއަކަށް ވެދެއެވެ. މިސާލަކަށް ދުވަހަކުވެސް ފެންމާގަނޑަކުން ފެން ނުވަރާ ކުއްޖަކަށް މިފަދަ ތަޖުރިބާއެއް ބިރުވެރިކަމެއްގެ ގޮތުގައި ފެނިދާއެވެ. އަދި ކުއްޖާ ރޮއެ، ޙިމާޔަތަށް އެދި މައިމީހާގެ ގައިގާ އޮޅުލައި، ހެދުމުގައި ހިފާހަދައެވެ. އޭނާއަށް ކުރީގައި ލިބިފައިވާ އެއްވެސް ތަޖުރިބާއަކާއި މިކަމާ ގުޅުމެއް ނެތެވެ. މި އަޑާއި އިޙްސާސްވީ މުޅިން އާ ތަޖްރިބާ އަކަށެވެ. ބައެއްކުދިން އާދަވެ ބުއްފުޅި ބޯއިރު ފޮތިކޮޅެއް ފަދަ އެއްޗެއް އަތުން ހިފައިގެން އޮތުން އަދި ބައެއް ފަހަރު ކައިރިން ކިރުބޯ ކުދިން މަންމަގެ ބޯވަޅު ހެދުމުގައި ހިފައިގެން އޮތުން މިއީކުދިން ޙިމާޔަތަށް ބޭނުންވާކަން ދޭހަކޮށްދޭ ބައެއް ކަންކަމެވެ.
ކުދިން ޙިމާޔަތަށްް ބޭނުންވުމާއި އެއްކު ކުރިއރު ވާނޭ ކަންތައްތައް ކޮންމެވެސް މިންވަރަކަށް ލަފާ ކުރެވުމަކީ މުހިންމު ކަމެކެވެ. މިގޮތުން ކުދިން އެއްކަމެއް، އެއްގޮތަކަށް ހަމަ އެއް ވަގުތެއްގައި ކުރުމަށް ލޯބި ކުރެއެވެ. ކުދިން ވަކި އުމުރެއްގައި ބޮޑަށް ދަންނަ ވާހަކައެއް ހަމަ އެވާހަކަ އެޢިބާރާތުން ތަކުރާރުކޮށް ކިޔައިދިނުމަށް އެދެއެވެ.
ކުދިން ޙިމާޔަތަށް ބޭނުންވާކަން ފާހަގަ ކުރެވޭހިރު ކުދިންނާއިމެދު ކަންތައް ކުރުމުގައި އެއް އުޞޫލުތަކެއް ބޭނުން ކުރުން ރަނގަޅެވެ. ކުއްޖަކު ކުރާކަމަކަށް ބައެއް ފަހަރު ހީނ ހަދާފައި އަނެއްބައި ފަހަރު ހަމަ އެކަމެއް ތަކުރާރު ކުރެވުމުން ރުޅި އައިސްގެން އެއްޗެހި ކިޔުމަކީ ކުއްޖާއަށް ކަމުގެ ރަނގަޅު ނުބައި އޮޅޭ ކަމެކެވެ.
