ގައުމީ ފިލްމު އެވޯޑްސްގައި ހުށަހަޅާ މީހުންގެ ދައުރަކީ ކޮބާ؟

މުހައްމަދު ޝަނޫން އޭޕްރީލް 14، 13:35 2 ޚިޔާލު

ފިލްމު އެވޯޑްސްގައި އެންމެ ފަހުން ބޭއްވި ދެ ހަފްލާއަކީވެސް ފިލްމީ ދާއިރާގެ ގިނަ ބަޔަކު ވަރަށް ބޮޑަށް ހިތްހަމަ ޖެހުނު ހަފްލާއެކެވެ. ގިނަ އެވޯޑްތައް އިންސާފުން ގޮސް ކަނޑައަޅާ ތާރީޚުގައި ކުލަގަދަ ރަސްމިއްޔާތަކާއެކު ފިލްމީ ތަރިންގެ އަގު ވަޒަން ކުރެވިގެންދާތީ އެވެ. އެހެން ނަމަވެސް ޝޯވ ހުށަހަޅާ މީހުންގެ ފެންވަރާ މެދު މިފަހަރުވެސް ލިބުނު ފާޑުކިޔުންތައް މަދެއް ނޫނެވެ.

މިދިޔައަހަރު ޑިސެމްބަރ 29 ވަނަ ދުވަހުގެރޭ ބޭއްވި އެވޯޑް ހަފްލާ ހުށަހަޅަން އެރި ހަތަރު ބައިވެރިންނަށްވެސް ވަރަށް ބޮޑެތި ގޯސްތައް ހެދުނެވެ. ސްޓޭޖަށް ނާރާ މީހުންނަށް ޝުކުރު އަދާކުރެވުމާއި މީހުންނާއި ނުގުޅޭ ދާއިރާތައް ކަމަށް އިއުލާންކޮށް ސްޓޭޖަށް އެރުވުން ފަދަ ކަންތައްތައް އެމީހުންގެ ފަރާތުން ފެނިގެން ގޮސްފައިވެއެވެ. އެއީ ބައެއް މީހުންގެ ނަޒަރުގައި ވަރަށް އާދައިގެ ކަމަކަށް ވިޔަސް ފިލްމު ކުޅޭ މީހަކު ކުޅިވަރުގެ ދަނޑުގައި މަޝްހޫރު މީހަކަށް ވެގެން ސްޓޭޖަށް އަރާކަށް ބޭނުމެއް ނުވާނެއެވެ. މިދިޔަ އަހަރު މިކަންތައްވެސް ވަނީ ފެނިގެން ގޮސްފައެވެ.

ހޮނިހިރު ދުވަހުގެރޭ ބޭއްވި 5 ވަނަ ޤައުމީ ފިލުމު އެވޯޑްސް ހަފްލާގައި ހަ ހުށަހެޅުންތެރިން ފެނިގެން ދިޔައެވެ. ފެންވަރުގެ ގޮތުން ބަލާއިރު މިދިޔައަހަރަށްވުރެ ރަނގަޅު ނަމަވެސް އެމީހުންގެ ފަރާތުންވެސް ”ފެނިގެން ނުވާނެ“ ކަހަލަ ކަންތައްތަކެއް ފެނިގެން ދިޔައެވެ. އެގޮތުން ކުރީ ފަހަރެކޭ އެއްގޮތަށް 3 ފަހަރެއްގެ މަތިން ސްޓޭޖަށް އެރި މީހުން ނޫން އެހެން މީހުންނަށް ޝުކުރު އަދާކޮށްފައި އެބަހުއްޓެވެ. އޭގެ ތެރެއިން އެކަކީ އެންމެން ދަންނަ ވަރަށް މަޝްހޫރު ވިޔަފާރިވެރިއަކަށްވުމުން މުޅި ހޯލު ތެރޭން ހުނުމުގެ އަޑުވެސް އިވިގެން ދިޔައެވެ. އިނާމު ދޭން މީހަކު އެރުވިއިރު އޭނާ މަސައްކަތްކުރަނީ އެހެން ތަނެއްގައި ކަމަށް ބުނުމުން އެކަންތައް ރަނގަޅުކޮށްދޭން ޖެހުނީ އޭނާ އަށެވެ.

އެވޯޑް ހަފްލާއަށް މީހުން އަންނަމުން ދިޔައިރު ރެޑް ކާޕެޓަށް ފިލްމީ ތަރިން އެރުމުން އެމީހުންގެ ތައާރަފް ދިނުމަށް ދެ އެނައުންސަރުން ތިއްބެވެ. މީހުން ތައާރަފްކުރުމުގައި މިމީހުންނަށްވެސް ބޮޑެތި ގޯސްތަކެއް ހެދުނެވެ.

މިއީ މާބޮޑެތި މައްސަލަތަކަކަށް ނުވިއަސް ފިލްމު އެވޯޑް ހަފްލާ ހުށަހަޅަން ތިބޭ މީހުންގެ އަތްމަތީގައި އޮންނާނީ ކިހާ ބާރެއްތޯ މިއީ ސުވާލު ކުރެވިދާނެ ކަމެކެވެ. އެމީހުންނަކީ ލިޔެފައިވާ ލިޔުންތަކެއް ފުލުސްޓޮޕާ ހަމައަށް ކިޔާލަން ތިބޭ ބަޔަކަށް ނޫނީ މިހާރަކު ނުވެއެވެ. އެކަން ފިލްމީ ދާއިރާގެ ފަރާތްތަކުންވެސް ފާހަގަ ކުރެއެވެ.

”ޝޯވ ހުށަހަޅަން ތިބޭ މީހުން ވާން ޖެހޭނީ އެވަގުތެއްގެ ހާލަތާ ގުޅޭ ގޮތުން އޯޑިއަންސާ ގުޅިގެން ހުށަހަޅަން ޖެހޭ ބަޔަކަށް. އެކަމަކު މިހާރު މި ފެންނަނީ އެއަށްވުރެ މާ ސީރިއަސް މޫނުތަކެއް. ގަނޑެއްގައި ލިޔެފަ އޮންނަ އެއްޗެއް ނޫނީ ކިޔާކަށްވެސް ނޭނގެ. ހަފްލާގެ އެއްވެސް ކޮންޓްރޯލެއް އެމީހުންގެ އަތަކު ނެތް.“ މިފަހަރުގެ ފިލްމީ އެވޯޑްގައި ދެ އެވޯޑް ހާސިލު ކުރި ފަންނާނަކު ބުންޏެވެ. ”އެމީހުން މާ މަޖާ ވާށެކޭ ނޫން މި ބުނަނީކީ. އެކަމަކު ހަފްލާގެ ލޮނުހެޔޮވަރު ކޮށްދިނުމަކީ އެމީހުންގެ ޒިންމާއެއް.“ އޭނާ ބުންޏެވެ.

ފިލްމު ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ މުޙައްމަދު އަބްދުﷲ(މުހަންމާ) ބުނީ ޝޯވ ހުށަހަޅާ މީހުންގެ މައްސަލަތަކެއް ހުރިކަން ފާހަގަކުރާ ކަމަށެވެ. ”ޤައުމީ ފިލުމު އެވޯޑެއް ވީމަ ކޮންމެވެސް ވަރެއްގެ ފަށުވިކަމެއްވެސް ހުންނަން ޖެހޭނެ. އެކަމަކު މިހާރު ދެން އެކަންތައް މާބޮޑީ. ދެން ބަލައިގެން ކިޔާއިރުވެސް މާގިނައިން ކުށްޖެހި ނުބައި މީހުންގެ ނަންވެސް ކިޔަނީ. އަހަރެން ޤަބޫލުކުރާ ގޮތުގައި އެވަރަށް ކުށްޖެހިގެން ނުވާނެ. ދެން އެވޯޑް ބަލާ އެކަކު އެރީމަ ތިންމީހުންނަށްކަމަށް ހަދައިގެންވެސް ކިޔާފާނެ. އަނދިރި ނޫނިއްޔާ އެވަރުގެ އެނގެން ވާނެ. ވަރަށް ހިނިއާދޭ އެހެން ދިމާވާތީ. އެކަމަކު މިދިޔަ ފަހަރަށްވުރެ މިފަހަރު މާބޮޑަށްވެސް ރަނގަޅު“ މުހަންމާ ބުންޏެވެ.

މަޝްހޫރު ފިލްމް ޑައިރެކްޓަރ އަދި އެކްޓަރ ޔޫސުފް ރަފީއު(ޔޫސޭ) ބުނީ އެވޯޑްގެ ހުށަހެޅުމާމެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. ”އާކުދިންކޮޅެއް ކޮށްފަ އޮތް މަސައްކަތް އަހަރެން ވަރަށް ބޮޑަށް ފާހަގަ ކުރަން. ހާއްސަކޮށް އެތަނުން އެއް ހުށަހެޅުންތެރިއަކީ ކުރިން މަސްތުވާތަކެތީގެ މައްސަލާއިގައި ރިހެބްގައިވެސް ހުރެފައި އައި މީހެއް. އޭނާ އެނބުރި މިކަހަލަ ޒިންމާދާރު ކަމަކުން ފެނުނީމަ ހަގީގަތުގައިވެސް އަހަރެން ވަރަށް އުފާވި. އަހަރެންނަށްނަސް ޔަޤީން އޭނާ މޮޅު ހުށަހެޅުންތެރިއަކަށް ވާނެ ކަމަށް.“ ޓީވީން އެ ހަފްލާ ބެލި ޔޫސޭ ބުންޏެވެ.

ޔޫސޭ ބުނީ އޭނާއަށް އެންމެ ކަމުނުދިޔައީ މުނިފޫހިފިލުވުމުގެ އައިޓަމްތަކުގެ ނަމުގައި ގެނައި ކަންތައްތައް ކަމަށެވެ. ”އެއީ ވަރަށް ބޯރިން ކަންތައްތަކެއް. ފިލްމީ މިކަހަލަ އެވޯޑަކާ އެއްވެސް ގުޅުމެއްނެތް. އެނޫން ހުރިހާ ކަމެއްވެސް އަހަރެން ހިތްހަމަ ޖެހޭ“ އެން ސީ އޭ އިން ކުރާ ކަންތައްތަކުން މިހާރު ނުފެންނަ ޔޫސޭ ބުންޏެވެ.

ހަގީގަތުގައިވެސް މާސްޓަރ އޮފް ސާމަނީގެ ޒިންމާ ހުށަހަޅާ މީހުންނަށް އަދާކުރެވޭތޯ މިއީ ސުވާލު އުފެދޭ ކަމެކެވެ. ބައެއް އެވޯޑް ދޭން އެރި މީހުން ފައިބައިގެން ދިޔައީ އެވޯޑް އެމީހާއަށް ލިބުނީ ކޮން ފިލުމަކުންކަންވެސް ބުނެނުދީ އެވެ. އެ ހާލަތުގައި އެކަން އާއްމުންނަށް ބުނެދިނުމަކީ އެމް ސީންގެ ޒިންމާ އެކެވެ. އަދި ބަދަލުގައި މީހަކު އެވޯޑް ބަލާ އަންނަ ނަމަ އެ އައީ އެހެން މީހަކުކަންވެސް އެމް ސީން ބުނެދޭން ޖެހޭނެ އެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް އެންމެ ފަހުގެ ދެ އެވޯޑްގައިވެސް ފެނިފައެއް ނުވެއެވެ. އެމީހުންނެކޭ ޗާބީ ދީފައިވާ ބުދުތަކެކޭ އެއްވެސް ތަފާތެއް ނެތެވެ.

ފުރަތަމަ ފިލްމު އެވޯޑާއި ދެވަނަ ފިލުމު އެވޯޑް ހުށަހަޅުއްވާދެއްވި އޮގަރު އިބްރާހީމް ވަހީދު ވިދާޅުވީ ހުށަހަޅަން އެރި ކުދިންނާއި ދިމާއަށް އިނގިލި ދިއްކޮށްފައި އެއްޗެއް ބުނުމުގެ ޖާގައެއް ނެތް ކަމަށެވެ. ”ހަމަ ވަރަށް ތެދަށް މި ބުނަނީ އިހައްދުވަހު ސްކޫލް ނިންމާފަ ތިބި ޒުވާން ކުދިންތަކެއް އަޑުތުރުތުރު ނާޅާ މެންދުރު ގަޑީގަ އަނބުގަހުގަ އިންނަ ކޮވެލީގެ ލޮލަށް ލޯގަނޑު އަޅުވާލީމަ ވާގޮތަށް ނުވެ ޝޯވ ފުރިހަމަކޮށްދިން ކަމަށްޓަކާ އެމީހުންނަށް ޝުކުރުވެރިވުން ހައްގު“ ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ އެމް ސީން ކުރަން ޖެހޭ ކަންތައްތަކެއް އެމީހުންގެ އަތުންވެސް ނައްޓާލާފައިވާ ކަމަށާއި އެކަމަކު އެއީ އެއް ދުވަހަކުން ދެ ދުވަހަކުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ”އެތައް އަހަރެއްގެ ތަޖުރިބާ ލިބިފަ ތިބި މީހުންވެސް އެތަނަށް އެރީމަ އެ އަންނަ ހަޅޭކާ އެތާ ހުންނަ ލައިޓްތަކާ ކުރިމަތީގަ އޮންނަ ބޮޑު އޯޑިއަންސް ފެނުނީމަ ފިނިާވާނެ. އެތައް އަހަރެއް ވަންދެން ހުށަހަޅާދީފަ ހުރި މީހެއްގެ ހައިސިއްޔަތުން ތަޖުރިބާއާއެކު މި ބުނަނީ. އެމީހުންވެސް ރަނގަޅު ކުރަން ޖެހޭ ބައިވަރު ކަންތައް އެބަހުރި. ކޮންމެ ބަޔަކު ކަމެއް ކުރިއަސް ފާޑުކިޔާމީހުން ތިބޭނެ.“ ވަހީދު ވިދާޅުވިއެވެ.

ފިލްމީ ދާއިރާގެ މީހުންގެ އަގު ވަޒަން ކުރުމުގެ ގޮތުން އެން ސީ އޭ އިން ބާއްވާ ކުލަހެޔޮވަރު ހަފްލާގެ ފެންވަރު އަހަރުން އަހަރަށް ރަނގަޅު ވަމުން އަންނައިރު މީހުން ކުރާ އުއްމީދުތައްވެސް އަންނަނީ ބޮޑުވަމުންނެވެ. އެ އުއްމީދުތަކާ އެއްވަރަށް ހުށަހަޅާ މީހުންނަށް ޕާފޯމް ނުކުރެވޭނަމަ އެވޯޑްގެ ފެންވަރަށް އޭގެން އަސަރު ކުރާނެ ކަމީ އެއްވެސް ޝައްކެތް އޮތްކަމެއް ނޫނެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. އަޅުގަނޑަށް ހީވާގޮތުން މި އާޓިކަލްގެ ލިޔުންތެރިޔާ މިކަހަލަ ދާއިރާއެއްގައި މަސައްކަތް ކުރަމުން، މިފަދަ ގޮތަކަށް އެމް ސީން ހުށަހެޅި ގޮތައް ފާޑު ކިޔުމުން ހިތައް އަރަނީ އެކުދިން ގެ މަސައްކަތް ކުރުމަށް ހުރަސް އަޅަން އުލޭހެން، ނޫނީ ރަގަނޅު ފެންވަރެއްގެ ބަޔަކު އެކަމަށް ނިކުމެދާނެތީ ބިރުން އުލޭހެން.ކަމަށް ޤާބިލް ވެވޭނީ އެއް ފަހަރަކުން ނޫން، ކަމުގެ އެކްސްޕީރިޔަންސް ވެސް ލިބިގެން.ފުރަތަމަ ފަހަރަށް ބަލާއިރު އެކުދިންގެ މަސައްކަތް ހަމަ ގުނާލެވޭ ހާ މޮޅު. އެގޮތުން އެއް ޕްރެސެންޓަރގެ އަޑު އަޅުގަނޑު ފާހަގަ ކޮށްލަން.އާޓިކަލް ލިޔުމުގައި ބިނާ ކުރަނިވި ފާޑު ކިޔުންތައް ލިޔުން މީވެސް ވަރަށް މުޙިންމު ކަމެއް. އިނާ

    އަންގާރަ، އޭޕްރީލް 15 2008، 12:35
  2. މި އެވޯޑް ބަލާފަ ހިއެއްނުވޭ މީން ދުވަހަކު ވެސް އެމީހުންނަށް އެވޯޑް ހަފްލާއެއް ފެނިފަވާ ހެނެއްވެސް. މިއައްވުރެ މި ހަފްލާގެ ރަހަ ހެޔޮވަރުވާން ޖެހޭނެ. ގައުމީ ފިލްމް އެވޯޑަށް ވިޔަސް.

    ބުދަ، އޭޕްރީލް 16 2008، 23:03
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv