މިހާރު މި ބާއްވާ ގޮތަށް ފިލްމް އެވޯޑްގައި ބައިވެރިއެއް ނުވާނަން : ޓެޑްރީ
މިހާރު ބާއްވަމުން އަންނަނީ ޤައުމީ ފިލްމު އެވޯޑްސް ކަމަށް ޤަބޫލު ނުކުރާ ކަމަށާއި މިގޮތަށް މިކަން ކުރިއަށް ގެންދާނަމަ އޭނާގެ އެއްވެސް އުފެއްދުމެއް އެވޯޑްގައި ބައިވެރިނުކުރާނެ ކަމަށް އެވޯޑްގައި އެންމެ ބޮޑު ކާމިޔާބު ހޯދި ޕްރޮޑިއުސަރ މުޙައްމަދު ނިޔާޒު(ޓެޑްރީ) ބުނެފި އެވެ.
ފިލްމު އެވޯޑާ ބެހޭ ގޮތުން ޖަޒީރާއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ޓެޑްރީ ބުނީ ފިލުމު އެވޯޑްގެ ނަމުގައި މިހާރު ފެންނަމުންދަނީ ނާޗަރަންގީއެއް ކަމަށެވެ. ”އަހަރެންނަކަށް ނުވިސްނޭ އެއަށް ޤައުމީ ފިލުމު އެވޯޑޭ ކިޔޭނެ ގޮތެއް. އޭގެ ތެރޭގައި ކުރު ފިލުމުތައް ހިމަނައިގެންވެސް ބޭއްވިގެން ނުވާނެ. މިހާރުގެ ފިލުމު އެވޯޑްގެ އަސްލަކީ ފަޓާސް ފައްޗެއްގައި ރޯކޮށްލީމަ ރޯވަމުންދާ އުސޫލުން ދާނެ 100 ވެސް. ހެނދުނެއް މެންދުރެއް ރޭގަނޑެއް ނޯންނާނެ. “ 5 އެވޯޑް މިހާތަނަށް ބޭއްވިއިރު ދެ އެވޯޑެއްގައި ލީޑްކޮށްފައިވާ ޓެޑްރީ ބުންޏެވެ.
ޓެޑްރީ ބުނީ ފުރަތަމަ އެވޯޑް ބޭއްވިފަހުން ބޭއްވި 4 އެވޯޑަކީވެސް އެއްވެސް ފެންވަރެއް ހުރި އެވޯޑްތަކެއް ކަމަށް ޤަބޫލު ނުކުރާ ކަމަށެވެ. ”ބަޔަކަށް އެއްޗަކަށް ނުވިއަސް އަހަރެމެން ފިލްމީ ދާއިރާގެ މީހުންނަށް މީތިވާނީ ވަރަށް ބޮޑު އެއްޗަކަށް. އަހަރެމެންގެ ދަރިންގެ ދަރިންނަށްވެސް ފެންނަން ހުންނާނެ އެއްޗަކަށް މީތި ވާންޖެހޭ. އެކަމަކު ތިންވަނަ ފިލްމު އެވޯޑްސްގައި އަހަރެންނަށް ލިބުނު އެވޯޑްތައް މިހާރު އެހުރީ ރޫޅިފައި. އޭގައި ޖަހާފައި ހުރި ލޯ ފޮތިތައް ނެއްޓިއްޖެ. ނަންކޮޅުވެސް މިހާރަކު ނެތް. އެކަމަކު ފުރަތަމަ ފިލުމު އެވޯޑްގައި ދިން ޓްރޮފީ އިއްޔެ ދިން އެއްޗެކޭ އެއްވެސް ތަފާތެއް ނެތި ހަމަ އެގޮތުގައި އެބަހުރި. މިކަމުންވެސް އެނގިގެން ދިޔައީ އެވޯޑްގެ ފެންވަރަށާއި ކޮލިޓީއަށް އައިސްފައިވާ ބަދަލު.“ މިދިޔައަހަރު ކުރީކޮޅު ބޭއްވި އެވޯޑްގައި 12 އެވޯޑް ހޯދި އަމާނާތުގެ ޕްރޮޑިއުސަރ ބުންޏެވެ.
ޓެޑްރީ ބުނީ އޭނާ ފިލުމު އެވޯޑް ޤަބޫލު ނުކުރާއިރުވެސް 3 ވަނަ ފެސްޓިވަލުގައި އަމާނާތް ބައިވެރިކުރީ ސަބަބުތަކެއް ހުރެގެން ކަމަށެވެ. ”ފިލުމު އެވޯޑެއް ނުބޭއްވި އެތައް އަހަރެއް ދިޔައީމަ އަހަރެންނަކީ އެވޯޑެއް ބާއްވަން އެންމެ ބޮޑަށް ބާރު އަޅަމުން އައި މީހާ. ނަޝީދު މިނިސްޓަރކަމާ ހަވާލުވެ ބޭއްވި ބައްދަލުވުމުގައިވެސް އަހަރެން އެންމެ ބޮޑަށް އެދުނު ކަންތައްތަކުގެ ތެރޭގައި ފެސްޓިވަލު ޤަވާއިދުން ބާއްވާ ދިނުން ހިމެނޭ. ދެން އަހަރެން އެކަމުން ދުރަށް ގޮސްފިއްޔާ ވަރަށް އެހެން ކަހަލަ ގޮތްތަކެއް ވާނެތީ އަހަރެން ބައިވެރިކުރީ. އެކަމަކު ދެން އަހަރެންގެ އެއްޗެއް ފެސްޓިވަލުގައި ބައިވެރިކުރުމުގެ އެއްވެސް ހިޔާލެއް ނެތް. ހާއްސަކޮށް މިހާރު މި ބާއްވާ ގޮތަށް ބާއްވާ ކަމަށްވެއްޖިއްޔާ.“ ފިލްމީ ދާއިރާގައި އެންމެ މޮޅެތި އުފެއްދުންތައް އުފައްދާ ކަމަށް ގިނަ ބަޔަކު ބުނަމުންދާ ޓެޑްރީ ބުންޏެވެ.
ޓެޑްރީ ބުނީ ކުރިން ފެސްޓިވަލު ބާއްވަންވެގެން ފިލުމީ ދާއިރާގެ މީހުންގެ ޚިޔާލު ހޯދަން ބޭއްވި ބައްދަލުވުމަށްވެސް އޭނާ ދިޔަ ކަމަށާއި ގިނަ ހިޔާލުތައްވެސް ހުށަހެޅި ކަމަށެވެ. ”އެކަމަކު އެމީހުންނަށް އެކަންތައް ބަލައެއް ނުގަނެވުނު. މިސާލަކަށް އަހަރެން އޭރުވެސް އަދި މިހާރުވެސް މި ބުނަނީ ފިލުމެއްގައި ވާހަކައަކަށް އެވޯޑެއް ނުދެވޭނޭ ހުރިހާވެސް އެއްޗަކީ ސްކްރީންޕުލޭއޭ. އެކަމަކު ހަމަ ކޮންމެ ފަހަރަކުވެސް ވާހަކައަށްވެސް އެބަ އެވޯޑްދެވޭ. މި ދެވެނީ އެކައްޗަކަށް ދެ އެވޯޑް“ ޓެޑްރީ ބުންޏެވެ.
ޓެޑްރީ ބުނީ އޭނާގެ ފިލުމުތައް އަދިވެސް ފެންނާނެ ކަމަށާއި އެހެން ނަމަވެސް ތަރިންނާ އެގްރިމަންޓް ހަދާއިރު ފިލުމު އެވޯޑްގައި ބައިވެރިކުރުމާއި ނުކުރުމުގެ އިހްތިޔާރު ޕްރޮޑިއުސަރަށް އޮންނަ ގޮތަށް އެގްރިމަންޓް ހަދަން ވިސްނާފައިވާ ކަމަށެވެ. ”އޭރުން އެ ކަންތައްތައް ހުންނަ ގޮތަކަށް ބަލާއިރު އެ ފެންވަރަށް އެވޯޑް ބޭއްވެންޏާ ބައިވެރިކުރާނީ. މިހާރު މި ބާއްވާ ގޮތަށް ކުރަންޏާ ބައިވެރިނުކުރާނެ“ ޓެޑް ބުންޏެވެ.
ޓެޑްރީ ބުނީ އެން ސީ އޭ މިހާރު ހިންގަން ހަވާލުވެފައިވާ ޑިރެކްޓަރ ޖެނެރަލް ޝަމްއޫން ހަމީދަކީ އެކަމަށް ގާބިލު ބޭފުޅެއް ކަމަށް އޭނާ ޤަބޫލު ނުކުރާ ކަމަށެވެ.
ޓެޑްރީ ބުނީ އަހަރެއްހާ ދުވަހުގެ ތެރޭގައި ފިލްމީ ތިން އެވޯޑް ފެނިގެން ދިޔުމަކީ އާދަޔާ ޚިލާފުވެސް ކަމެއް ކަމަށެވެ. ”މިހާ ކައިރި ކައިރީގަ ގިނަ އެވޯޑްތަކެއް މި ބޭއްވީ ސިޔާސީ ފައިދާތަކެއް ހާސިލު ކުރުމަށް. އެވޯޑްތައް ދެވެނީވެސް ފިލްމީ ދާއިރާގެ ވީހާވެސް ގިނަ ބަޔަކު ހެޕީވާނެ ގޮތަށް. އެހެންވެ މިއަހަރުގެ މެދެހެއްހާ ހިސާބަށްދާއިރު ކެމްޕޭން ދަތުރުތަކުގައި ރާއްޖެ ތެރޭގެ ސްޓޭޖްތަކުން ފިލްމީ ދާއިރާގެ މީހުން ފެނުމަކީ ހަމަވާނެ ކަމެއް. އެވޯޑް އޮތްރޭ ސްޓޭޖް މަތިންވެސް އެކަހަލަ މަންޒަރެއް ފެނުނު“ ޓެޑްރީ ބުންޏެވެ.
ޓެޑްރީ ބުނީ ފިލްމީ ދާއިރާއެކޭ ޤައުމީ ފީކުދާނެކޭ އެއްވެސް ތަފާތެއް ނެތް ކަމަށެވެ. ”އެމީހުން ބޭނުންވީމަ ރަނގަޅަށް ކަމެއް ކޮށްލާފަ އަނެއްކާ ބޭނުންވީމަ ބޭނުން ގޮތެއް ހަދާލަން އޮންނަ ބައެއް މިއީ. އެގޮތަށް އެކަން ވަމުން އެދަނީ.“ ޓެޑްރީ ބުންޏެވެ.
-
ހޯމަ، އޭޕްރީލް 14 2008، 18:19
އަހަރެންނަށް ފާހަގަ ކުރެވޭގޮތުގައި ޓެޑްރީ ޤަބުލުކުރާ ގޮތުގައި ޓެޑްރީ ނޫނީއްޔާ މިދާއިރާއިން އެއްޗެއް އެނގޭ އެއްވެސް މީހަކުނެތް. އެހެންވީމަ ހުރިހާ އެންމެންވެސް ހަދަންޖެހޭނީ ޓެޑްރީ ބުނާގޮތް. އެހެން ނޫނީ ހުރިހާކަމެއްވެސް ހުންނާނީ ގޯސްކޮށް. މިދާއިރާގަ މިހާތަނަށް ޓެޑްރީ ހިތްހަމަޖެހޭގޮތަށް ކުރެވިފައޮތީ އެންމެކަމެއް.މިއީ މިދާއިރާގެ ކަންކަން ދަންނަ ޤަބޫލުކުރާ ހަޤީޤަތެއް. ދެން ކޮންމެކަމެއް ސިޔާސީ ކުޅިއަށް ތިޔަ ވައްޓާލަނީ ޓެޑްރީއާއި ޓެޑޗރީގެ ބައްޕަ ސިޔާސީ ވެފަ ތިބޭލެއް ބޮޑުކަމުން.
-
އަންގާރަ، އޭޕްރީލް 15 2008، 07:34
ޓެޑްރީ ގެ ވާހަކަ ވަރަށް ރަގަޅު
-
އަންގާރަ، އޭޕްރީލް 15 2008، 08:21
ޓެޑުރީވެސް ސިޔާސީ ޕާޓީއެއް ހަދަން ބޭނުން ވަނީތޯ ؟؟؟ ނުވަތަ އެންސީއޭ އަށް ބޭނުން ގޮތެން ނެހެދުނީމާ ، އެތާގެ ވެރިއަކަށް ވާންބޭނުން ވަނީތޯ،، ޓެޑުރީ ބުނާހާގޮތެއް ނުހެދީމަ ސިޔާސީވީ ދެއްތޯ،، ތިޔައީ ގައުމަށް ހެޔޮއެދޭދަރިންނަކީ ތިޔަ އަމާނާތް ފަހުގެ ޖީލުތަކަށް ދައްކަވާދެއްވާތި،، އިޝޫ،،
-
އަންގާރަ، އޭޕްރީލް 15 2008، 12:20
ޓެޑްރީގެ ވާހަކަ ވަރަށް މޮޅު މައްސަލަ އަކީ ތިކަހަލަ ކެރިގެން ކުރިމަތިލާން ކެރޭ މީހުން އަޅުގަނޑުމެންގެ ޤައުމުގައި މަދުކަން ކެރިގެން ކޮންމެ ކަމަކާވެސް ކުރިމަތިލާ އޭރުން ބޭނުންގޮތެއް ނެހެދޭނެ ޓެޑްރީ ތިޔައީ އަޅުގަނޑު ވަރަށް ސަޕޯޓް ކުރާ ޑައިރެކްޓަރެއް ތިގޮތުގައި ހިފަހައްޓާލާތި އިރާދަ ކުރެއްވިއްޔާ ކާމިޔާބު ލިބޭނެ
-
ބުދަ، އޭޕްރީލް 16 2008، 07:45
ޓެޑްރީއަކީ މޮޅުމީހެއް،އެކަމަކު އޭނާގޭ އެބޮޑާގޮތް ދޫކޮށްލަންވެސް އެބަޖެހޭ. ހަގީގަތުގައިވެސް ޓޭޑްރީ ގަބޫކުރާގޮތުގައި އޭނާ ނޫން މީހަކަށް މޮޅު ފިލްމުެއް ނުހެދޭނެ. ޓެޑްރީ ފިލްމް އެވޯޑްގައި ބައިވެރިނުވީ އޭގައި މައްސަލަ ތަކެއް ހުރެގެން ނޫން، ނުވަތަ އޭނަ ބޭނުން ނުވާގޮތަށް ދާތީކީވެސްނޫން، ހުށަހަޅާނެ ފިލްމެއްވެސް ނެތީމަ، މިވީ މުއްދަތުގައި އޭނާގެ ފިލްމެއްވެސް ހަދާފައެއްނެތް،އެހެންނޫން، އެކަންކުރާނެކަމަށް ވަރަށް ފޮނިކެޑި
-
ބުދަ، އޭޕްރީލް 16 2008، 13:25
ޓެޑްރީގެ ޙިޔާލު ވަރަށް ރަގަޅު. ޓެޑްރީ ދައްކާފައި އެވަނީ ސެންސްހުރި ވާހަކަ ތަކެއް. އަޅުގަނޑަކީ ފިލްމީ ދާއިރާގައި އުޅޭ މީހަކަށް ވާތީ މިތާގައި ވަމުންދާ ކަންތައްތައް ވަރަށް ރަގަޅަށް އިގޭ. ކޮންމެ ގޮތެއްވިޔަސް ފިލްފް އިންޑަސްޓްރީގައި މިވަނީ ވަރަށް ބޮޑު ސިޔާސީ ކުލަވަރުތަކެއް ޖެހިފައި.
-
ބުރާސްފަތި، އޭޕްރީލް 17 2008، 08:06
ޓެޑުރީ އަށް އެހަފްލާ ސިޔާސީވީ، އެހަފްލާގައި މައުމޫނަށް ޝުކުރުގެ ބަހެއް ބުނެލީމަތޯ؟ ނޫނީ އިންތިހާބުގެ ކުރިން އެހަފްލާ ބޭއްވީމަ ދެއްތޯ؟ ތީ ވާނެގޮތް. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނޭ ބުނާހެން، ނުރުހުމުގެ ލޮލަކަށް އެއްވެސް ކަމެއް ރަގަޅެއް ނުވާނެ. ،، ...... ،،
-
ބުރާސްފަތި، އޭޕްރީލް 17 2008، 13:19
ޓެޑްރީ ދައްކަވާފައިވަނީ ރަނގަޅު ވާހަކަތަކެއް ކަމުގައި ޤަބޫލުކުރެވެނީ މިރާއްޖޭގައި ސަރުކާރުން ކުރާ މިޒާތުގެ ހުރިހާ ކަމަކަށްވެސް ސިޔާސީ ކުލަވަރު ޖައްސާފައި އޮންނާތީ. ބަލަ ތިޔަ ފަދަ ހުރިހާ ދާއިރެއްގައިވެސް ކޮންޓްރޯލް އޮންނަނީ ކޮންމެވެސް ޢާއިލީ މީހެއް ބަހައްޓައިގެން މުށުތެރެއަށް ލާފައިކަން އެއީ ކާކަށް އޮޅިފައިއޮތް ކަމެއްތޯ؟
-
އާދިތްތަ، ސެޕްޓެމްބަރ 14 2008، 15:38
ޓެޑްރީ ބުނިތަންމިއޮތީ އައިއްސަ.