ރިޒޯޓް ވަޒީފާތަކަށް ދިވެހިން ފަސްޖެހޭ ސަބަބު ދެނެގަތުމަށް އާއްމުފަރުދަކު ސާރވޭއެއް ކުރަންފަށައިފި

މުހައްމަދު އަފްރާޙް އޭޕްރީލް 13، 16:09 1 ޚިޔާލު

ރިޒޯޓުތަކުގައި ވަޒީފާއަދާކުރުމަށް ދިވެހިން ފަސްޖެހޭ ސަބަބު ދެނެގަތުމަށް އާއްމު ފަރުދަކު ސާރވޭއެއް ކުރަންފަށައިފި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރާ މިސާވޭ ކުރަނީ ހޮޓެލް ޓުއަރިޒަމް އެންޑް މެނޭޖްމަންޓް ދާއިރާއިން ޗައިނާގެ ހޮންކޮންގް ޕޮލިޓެކްނިކް ޔުނިވަރސިޓީގައި ޕީއެޗްޑީއަށް ކިޔަވަމުންގެންދާ އަހުމަދު ސޯލިހެވެ.

ސޯލިހް ބުނީ ނިމެންދިޔަ ހަފްތާގެ ބުދަދުވަހު ފެށި މިސާރވޭ ކުރުމުގެ މަގުސަދަކީ ރިޒޯޓުތަކުގައި ވަޒީފާއަށް އުފެދެމުންދާއިރު އެފަދަ ވަޒީފާތަކަށް ދިވެހިން ކުރިމަތިލަމުން ނުދިއުމާއި ވަޒީފާތަކަށް ދިއުމަށް ދިވެހިން ފަސްޖެހޭ ސަބަބުން ހޯދުމަށް އަާއްމުންގެ މެދުގައި ސަާވޭއެއް ކުރެވިފައިނުވާތީ އެކަމުގެ ސަބަބު ހޯދުން ކަމަށެވެ.

” ރިޒޯޓްތަކުގެ ވަޒީފާތަކަށް ދިވެހިން ނުލިބޭ ވާހަކައަކީ ކެނޑިނޭޅި އިވެމުންދާ އަޑެއް. ނަމަވެސް އޭގެ ސަބަބެއް ހޯދިފައެއްނެތް. ދިވެހިން ރިޒޯޓްތަކުގައި ވަޒީފާ އަދާކުރަން ފަސްޖެހެނީ ސަބަބުތަކެއް ހުރެގެން. ހަގީގަތުގައި ވަޒީފާގެ ފުރުސަތުތައް ބައެއް ދާއިރާތަކުގައި އުފެދެމުންދާއިރު މިވަޒީފާތަކަށް ދިވެހިން ކުރިމަތިމައްޗެއްނުލާ. މިސަބަބުތައް ދެނެގަނެގެން މެނުވީ މިކަމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަކީ ދަތިކަމެއް. މިހެންކަމުން މި ސާރވޭގެ ބޭނުމަކީ އޭގެ ހަގީގަތް ދެނެގަތުން.“ ސޯލްހު ވިދާޅުވިއެވެ.

ސޯލިހު ވިދާޅުވީީ މާލެ, ވިލިނގިލި އަދި ހުޅުމާލޭގެ ގޭގޭގެ ފޯން ނަމްބަރު ތަކުން ރެންޑަމްކޮށް ނަގާ 400 ފޯން ނަންބަރަށް ގުޅައިގެން ކުރާ މިސާރވޭގައި ސާރވޭ ކުރުމުގައި 10 ކުދިން ބައިވެރި ވަމުންދާ ކަމަށެވެ.

” މިސާރވޭ ކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމެންޓުން 16 މާރޗް 2008 ގައި ވަނީ ދީފައި. ސާރވޭ ކުރުމުގެ މަސައްކަތައް ޕްލޭނިން މިނިސްޓްރީންވަނީ ވަރަށް ބޮޑު އެހީތެރިކަމެއް ދީފައި. މިސާރވޭގައި މަސައްކަތް ކުރާ 10 ކުދިންނަށް ޕްލޭނިން މިނިސްޓްރީގެ ބޭފުޅުން ވަނީ ފޯނުން ސާރވޭ ކުރުމާއި ބެހޭގޮތުން ތަމްރީނުތަކެއް ދީފައި. މިއީ އަޅުގަނޑު މިހާރު ފުރިހަމަ ކުރަމުންދާ ގެންދާ ޑޮކްޓޯރަލް ޑިގްރީގެ ރިސާރޗްގެ ބައެއް.“ ސޯލިހު ވިދާޅުވިއެވެ.

ސޯލިހު ވިދާޅުވީ ކޮންމެ ގެއަކުންވެސް މިދިރާސާގައި ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ އެގޭބިސީ އެއްގައި އުޅޭ މީހުންގެ ތެރެއިން އުމުރުން 18 އަހަރު ފުރިފައިވާ އަދި އެންމެ ފަހުން އުފަންދުވަސް ފާހަގަކޮށްފައިވާ ފަރާތެއް ކަމަށެވެ.

”ސުވާލު ކަރުދާސް ފުރިހަމަ ކުރުމަށް ނަގާނީ ގާތްގަނޑަކަށް 20 މިނެޓް. ދިރާސާގެ ސުވާލުތައް ބިނާވެފައިވަނީ މީގެ ކުރިން ކުރެވިފައިވާ މިފަދަ ދިރާސާތަކުގައި ބޭނުންކޮށްފައިވާ ސުވާލުތަކާއި އަދި މަހެއްހާ ދުވަސްކުރިން ރާއްޖޭގައި ކުރިއަށް ގެންދެވުނު ޕައިލޮޓް ޓެސްޓެއްގެ މައްޗަށް. މިދިރާސާގައި އެއްކުރެވޭ މައުލޫމާތު ތަކަކީ ސިއްރު މައުލޫމާތުތަކެއް. މިސާރަވޭގެ މައުލޫމާތުތަކުގެ ތެރެއިން ހާމަކުރެވޭނީ ޖުމްލަ އަދަދު ތަކެއް. “ ސޯލިހު ވިދާޅުވިއެވެ.

ސޯލިހު ވިދާޅުވީ މިސާރވޭއިން ހޯދޭ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ސްޓްރެޓެޖީ ތަކެއް އެކުލަވާލާނެ ކަމަށާއި އަދި އެ ސްޓްރެޓްޖީ ސަރުކާރުގެ ކަމާބެހޭ ދާއިރާތަކަށާއި ރިޒޯޓްތައް ހިންގާ ފަރާތްތަކަށް ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ


    ކިޔުންތެރިންގެ ޚިޔާލު

  1. މިސާވޭގެ ނަތީޖާ ޢާއްމުކުރުމަކީ ވަރައް މުހިއްމު ކަމެއް. އަޅުގަނޑު ރިސޯޓްވަޒީފާ ދޫކޮއްލި ސަބަބަކީ އަހަރުމެންނަކީ މުސްލިމުންކަމައްވެފާ މުސްލިމުންގެ ދިރިއުޅުން ބަހައްޓަންޖެހޭނެ ގޮތާއި ތަޢާރުޒުވާ އެތައްކަމެއް ރިސޯޓު ތަކުގެ ގިނަވަޒީފާތަކުގެ ހުރީމާ. (އަޅު)

    ހޯމަ، އޭޕްރީލް 14 2008، 09:08
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv