
12 އެވޯޑާއެކު އެންމެ މޮޅު ފިލްމަކަށް ފައްތާހުގެ ވާލޯބި އެނގޭނަމަ
ފަސްވަނަ ޤައުމީ ފިލްމު އެވޯޑްސްގެ އެންމެ މޮޅު ފިލުމަކަށް ރެޑް ޕްރޮޑަކްޝަނުން އުފެއްދި ވާލޯބިއެނގޭނަމަ ހޮވިއްޖެއެވެ. އެންމެ މޮޅު ފިލުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ތަށި އުފުލާލީ ފިލުމުގެ ޕްރޮޑިއުސަރ އަބްދުލް ފައްތާހެވެ.
އަލިސްއުފާ ކާނިވަލުގައި ތިންގަޑިއިރަށް ދެމިގެން ދިޔަ އެވޯޑްދިނުމުގެ ހަފްލާގައި ވާލޯބިއެނގޭނަމަ އެންމެ މޮޅު ފިލުމުގެ މަޤާމު ހޯދީ އެންމެ މުހިއްމު ހުރިހާ މަޤާމެއް ހޯދައިގެންނެވެ. އެންމެ މޮޅު ފިލުމުގެ އިތުރުން އެ ފިލުމުގެ ލީޑް ރޯލު ކުޅުނު ދެތަރިން ކަމަށްވާ ޔޫސުފް ޝަފީއު(ޔޫއްޕެ) އާއި މަރިޔަމް އަފީފާއަށް އެންމެ މޮޅު އެކްޓަރާއި އެކްޓްރަސްގެ މަޤާމު ލިބުނެވެ. އަދި އެންމެ މޮޅު ސަޕޯޓިން އެކްޓްރަސްއަކަށް ހޮވުނީ ފުރަތަމަ ފަހަރަށް ފިލުމެއްގައި ބައިވެރިވި ޔޫއްޕެގެ އަންހެނުން ފާތިމަތު ފަރީލާ އެވެ. އޭނާއަށްވެސް އެވޯޑް ލިބުނީ ވާލޯބިއެނގޭނަމައިގައި ކުޅެފައިވާ ބަޔަށެވެ. ވާލޯބިއެނގޭނަމަ ޑައިރެކްޓްކޮށްގެން އަހްމަދު ނިމާލު ވަނީ ފުރަތަމަ ފަހަރަށް ޤައުމީ ފިލުމު އެވޯޑްގެ އެންމެ މޮޅު ޑައިރެކްޓަރުގެ މަޤާމު ހޯދާފައެވެ.
އެކްޓިންގެ މުހިއްމު ވަނަތަކުގެ ތެރެއިން ވާލޯބިއެނގޭނަމައަށް ނުލިބުނީ އެންމެ މޮޅު ސަޕޯޓިން އެކްޓަރ އެކަންޏެވެ. މި އެވޯޑަށް އެ ފިލުމުން އަލީ ރިޔާޒު ވާދަކުރި ނަމަވެސް އެވޯޑް ގެންދިޔައީ ހޭލާގައި ވަރަށް މޮޅު ބައެއް ކުޅެފައިވާ އިސްމާއީލް ރަޝީދެވެ.
ވާލޯބިއެނގޭނަމައަށް އެކްޓިންގެ ގިނަ އެވޯޑްތަކުގެ އިތުރުން ޓެކްނިކަލް އެވޯޑްތައްވެސް ލިބުނެވެ.
އެންމެ މޮޅު ފިލުމަކަށް ފައްތާހުގެ ފިލުމެއް ހޮވުނު ނަމަވެސް އޭނާއަށް އެންމެ އެވޯޑެއްވެސް ނުލިބެއެވެ. ފިލުމުގައި ފައްތާހުކޮށްފައިވަނީވެސް އާޓް ޑައިރެކްޝަންގެ މަސައްކަތް އެކަންޏެވެ. މިބައިން ފައްތާހު އާއި އަހްމަދު ނިމާލު ނޮމިނޭޓްވި ނަމަވެސް އެވޯޑް ގެންދިޔައީ ހޭލާއިން މުއުމިން ފުއާދާއި އަލީ ޝިފާއު އެވެ.
ވާލޯބިއެނގޭނަމައަށްފަހު އެންމެ ގިނަ އެވޯޑްތައް ގެންދިޔައީވެސް ހޭލާ އެވެ. އެފިލުމަށް ފަސް އެވޯޑް ލިބުނެވެ. އޭގެ ތެރެއިން މުއުމިން ފުއާދާއި އަލީ ޝިފާއު ކޮށްފައިވާ މަސައްކަތަށް ތިން އެވޯޑް ލިބުނެވެ. އެއީ ކެމެރާ ކުރުމާއި އާޓް ޑައިރެކްޝަންގެ އިތުރުން އެންމެ މޮޅު ވާހަކަ އެވެ.
ކުރު ފިލުމުގެ ބައިން މިދިޔަ ފަހަރާ ހިލާފަށް މިފަހަރު 4 އެވޯޑްވެސް ދެވުނެވެ. އެންމެ މޮޅު ފިލުމަކަށް ޔޫއްޕެ ޕްރޮޑަކްޝަނުން އުފެއްދި އެދޮންވެލި ތުނޑި ހޮވުނުއިރު ޔޫއްޕެ ވަނީ އެންމެ މޮޅު ޑައިރެކްޓަރުގެ މަޤާމު ހޯދާފައެވެ. އެންމެ މޮޅު އެކްޓަރަކަށް ވަސްވާސް 2ގެ އަލީ ރިޔާޒު ހޮވުނުއިރު އެންމެ މޮޅު އެކްޓްރަސްއަކީ ފަހުސަފްހާއިން ނިއުމާ މުޙައްމަދެވެ.
ފީޗަރ ފިލުމުގެ ބައިން ހޮވަން ހަމަޖެއްސި 23 ވަނައިގެ ތެރެއިން ނުހޮވަނީ އެންމެ މޮޅު އެޑަޕްޓެޑް ސްކްރީން ޕުލޭ އެވެ. އެޑަޕްޓްކޮށްފައިވާ ފިލުމެއް ނެތުމުން މިދިޔަ ފިލުމު އެވޯޑްސްގައިވެސް މިވަނައަށް އެއްވެސް ފަރާތެއް ނުހޮވައެވެ.
ރަތްދޫލައިގެ މަރުހަބާއެއް ކިޔުނު ހަފްލާގެ ފެންވަރު ކުރީ ފަހަރަށްވުރެ ވަރަށް ބޮޑުތަން ރަނގަޅުކޮށްފައިވާކަން ފާހަގަ ކުރެވުނެވެ. އެގޮތުން ކުރީ ފަހަރަށްވުރެ މުނިފޫހިފިލުވުމުގެ އައިޓަމް ގިނަވެފައި ބަލާހިތްވާ ފަދަ ކަންތައްތަކެއް ފާހަގަ ކުރެވުނެވެ. އެގޮތުން އެންމެ ގިނަ ބަޔަކު ޝައުޤުވެރިވީ ފެޝަން ޝޯވއެއް ގޮތަށް ތައްޔާރުކޮށްފައިވާ އައިޓަމަށެވެ. ނަމަވެސް ހެވިކަމުގެ ކުޅިވަރު މާދިގުވުމާއި ރާގު ކުޅުމުގެ އައިޓަމް ފޫހިކަން ގިނަ ބަޔަކު ފާހަގަކުރިއެވެ.
އެންމެ ބޮޑަށް ފާހަގަ ކުރެވިގެން ދިޔައީ ފިލްމީ ދާއިރާގެ ފުންނާބު އުސް ގިނަ ބަޔަކު ހަފްލާއަށް ނުދާ ކަމެވެ. އޭގެ ތެރޭގައި އެވޯޑް ލިބުނު ގިނަ ފަރާތްތައްވެސް ހިމެނެއެވެ. 19 އެވޯޑެއް ބަލާ އޭގެ ހައްގުވެރިން ސްޓޭޖަށް އެރިއިރު 13 އެވޯޑެއް ބަލާ ބަދަލުގައި މީހުން އަރަން ޖެހުނެވެ. މާނައަކީ އެ އެންމެންނަކީވެސް ހާޒިރުނުވާ މީހުންކަމެވެ.
ކުރީ ފެސްޓިވަލުގައި ފާހަގަ ކުރެވުނު ފަދަ ބޮޑު އެއްވެސް ގޯހެއް މިފަހަރު ފާހަގައެއް ނުކުރެވުނެވެ. އެންމެ މޮޅު ފިލުމުގެ ތައްޓާއެކު ސްޓޭޖްގައި ހުރެ ވާހަކަ ދައްކަމުން ފައްތާހު ބުނީ މިއީ މިތަށި އޭނާ އުފުލާލި ދެވަނަ ފަހަރު ކަމަށާއި ދެން އޮންނާނީ މިލުކު ކުރުން ކަމަށެވެ. ”މިލުކު ކުރަން ހިފައިގެން މިހުރީ. އަޅުގަނޑު އުއްމީދު ކުރަން ޔޫއްޕެ އަދި 1 ފިލުމު އަޅުގަނޑަށް ކުޅެދޭނެކަމަށް.“ ހޯލު ތެރޭގައި އިން ޔޫއްޕެއަށް އިޝާރާތްކޮށް ފައްތާހު ބުންޏެވެ. އެންމެ ފަހު ދެ އެވޯޑްގައިވެސް ޔޫއްޕެއަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބުނީ ފައްތާހާއެކު ކޮށްފައިވާ މަސައްކަތުންނެވެ.
ނަމަވެސް ފިލްމީ ދާއިރާގެ ބައެއް ފަރާތްތަކުން ބުނީ ފައްތާހަށް ޖެހިޖެހިގެން އެވޯޑް ނުލިބޭ ކަމަށެވެ. ”ވެހޭވާރޭތެރެއިން އެއީ މޯޝަން ޕިކްޗާރސްއިން ޕްރޮޑިއުސްކޮށް ފައްތާހު ޑައިރެކްޓްކުރި އެއްޗެއް. އެހެންވެ އެ ނުވާނެ ފައްތާހުގެ އުފެއްދުމަކަށް. ދެން މިފަހަރު މި ލިބުނީ ފައްތާހުގެ ޕްރޮޑަކްޝަނަކަށް. ޑައިރެކްޝަން ލިބުނީ ނިމާލަށް. އެހެންވެ ދެ ފަހަރު ފައްތާހަށް މި ލިބުނީ މުޅިން ތަފާތު ދެ ގޮތަކަށް“ ފިލްމީ ދާއިރާގެ ފުންނާބު އުސްމީހަކު ބުންޏެވެ.